21 Oct 2014, 10:21
ވިމެންސް ރޯލް ދަ ޑިވެލޮޕްމަންޓް އޮފް ދި އޯއައިސީގެ މެމްބަރު ގައުމުތަކުގެ މެދުގައި މަޝްވަރާ ކުރުމަށްޓަކައި އިއްޔެ އާއި މިއަދު ބާއްވާ މިނިސްޓީރިއަލް ކޮންފަރެންސްގެ ފަސް ވަނަ ބައްދަލުވުމުގައި ދިވެހިރާއްޖެ އިން ބައިވެރިވެއްޖެ އެވެ.
އަންހެނުން ބާރުވެރި ކުރުވުމާއި އަންހެނުންނަށް ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމަށް އަޒަރުބައިޖާންގެ ބަކޫގައި ކުރިއަށްދާ އެ މަޝްވަރާ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ އެޓާރނީ ޖެނެރަލް މުހައްމަދު އަނިލް އެވެ.
ދެދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ އެ ބައްދަލުވުމުގައި އަންހެނުން ބާރުވެރިކުރުވުމާއި ފަގީރުކަން ނައްތާލުމާއި އަންހެނުންނަށް ހަމަހަމަ ފުރުސަތުތަކެއް ހޯދާދިނުމާއި ކަންކަން ނިންމާ ފެންވަރުގައި އަންހެނުންގެ ހިއްސާ އިތުރުކުރުމުގެ އިތުރުން އިޖުތިމާއީ ކަންކަމުގައި އަންހެނުންނަށް ބައިވެރިވެވޭވެ ފުރުސަތު ހޯދައިދިނުން ހިމެނެ އެވެ.
އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އޭޖީ ވިދާޅުވީ ކިޔެވުމުގެ ފުރުސަތު އަންހެންކުދިންނަށް ލިބިފައިވާ ކަމަށާއި ރާއްޖޭގެ ސާނަވީ، މަތީ ސާނަވީ އަދި މަތީ ތައުލީމު ހާސިލްކުރުމުގައި އަންހެން ކުދިންނާއި އަންހެނުންގެ ހިއްސާ އިތުރުވެފައިވާކަން އުފަލާއެކު ފާހަގަކުރައްވާ ކަމަށެވެ.
އެހެން ނަމަވެސް ކަންކަން ނިންމާ ފެންވަރުގައި އަންހެނުންގެ ހިއްސާ މަދުކަމާއި މި ފެންވަރުގައި އަންހެނުންގެ ހިއްސާ އިތުރުކުރުމަށް ސަރުކާރުން ގިނަގުނަ މަސައްކަތްތައް ކުރެއްވުމަށް ހަމަޖެހިފައިވާކަން އޭޖީ ފާހަގަކުރެއްވި އެވެ.
އޭގެ އިތުރުން ޅައުމުރުގައި އަންހެން ކުދިންގެ ކައިވެނި ކުރުމާއި، ކުޑަކުދިންނަށް ވެކްސިން ނުދިނުމާއި އަންހެންކުދިން ސްކޫލަށް ނުފޮނުވުމުގެ މައްސަލަތައް ހިމެނޭކަން އޭޖީ ފާހަގަކުރެއްވި އެވެ. އަދި އެފަދަ މައްސަލަތަކަކީ އޭގެ ސަބަބުން އަންހެނުންނާއި އަންހެންކުދިންގެ މުސްތަގްބަލަށް ގެއްލުން ލިބިގެންދާނެ މައްސަލަތަކަށްވުމާ އެކު އެކަންކަމާ މެދު ސަރުކާރުން ކަންބޮޑުވުން ފާޅުކުރާކަން އޭޖީ ފާހަގަ ކުރެއްވި އެވެ.
އެ ދަތުރުފުޅުގައި މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރގެ ސްޓޭޓް މިނިސްޓަރ ޑރ. ހާލާ ހަމީދު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.