21 Oct 2014, 10:16
ދެހާސް ސޯޅަ ވަނަ އަހަރުގެ ތެރޭގައި އައްޑޫ ސިޓީގެ ހުރިހާ ރަށަކަށް ސާފު ބޯފެނުގެ ޚިދުމަތް ފޯރުކޮށްދެވޭނެ ކަމަށް އެންވާރަމެންޓް މިނިސްޓަރު ތޯރިގު އިބްރާހީމް ވިދާޅުވެއްޖެ އެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގައި އައްޑޫ ސިޓީ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ތޯރިގު ވިދާޅުވީ އައްޑޫ ސިޓީގެ ފެނުގެ މަސައްކަތް ކުރަން ބޭނުންވާ ހުރިހާ ސާމާނުތަކެއް އެ ސިޓީއަށް ގެންދެވިފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އައްޑޫ ސިޓީގެ ހިތަދޫގައި މިހާރު ފެންހޮޅި އަޅައި ނިމިފައިވާ ކަމަށާއި ފެންހޮޅި ގުޅައި މީޓަރު ލުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.
"އައްޑޫ ސިޓީގެ ހިތަދޫގައި މިހާރު ހުރީ ރަށުތެރޭގައި ފެންހޮޅި އެޅިފައި ފެންހޮޅި ގުޅާ މީޓަރު ލުމުގެ މަސައްކަތް މިހާރު ކުރިއަށް ދަނީ. ގާތްގަނޑަކަށް 900 ގޭގެ މިޓަރު ހަރުކުރެވި، އަދި އިތުރަށް އެބައޮތް 600 ގޭގެ މަސައްކަތް. އެ މަސައްކަތް ވެސް މިހާރު ދަނީ ފެނަކައިން ކޮންޓްރެކްޓްކޮށް މަސައްކަތްކުރަމުން،" ތޯރިގު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ 2010 ވަނަ އަހަރު އެ މަސައްކަތް އިނގިރޭސިވިލާތުގެ ބައި ވޯޓާ ކުންފުންޏާ ހަވާލުކޮށްގެން ކުރެވުނު ކަމުގައި ވިޔަސް 30 ޕަސެންޓުގެ މަސައްކަތް ނިންމާލުމަށް ފަހު އެ ކުންފުނިން މަސައްކަތް ހުއްޓާލާފައިވާ ކަމަށެވެ.
މި އަހަރުގެ ތެރޭގައި ރާއްޖޭގެ ހަތް ރަށެއްގައި ފެނުގެ މަސައްކަތް ކުރެވެމުން އަންނަ ކަމަށާއި އަންނަ އަހަރުގެ ކުރީކޮޅު އެ މަސައްކަތް ނިންމާލެވޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"މިހާތަނަށް ރާއްޖޭގެ ހަތް ރަށެއްގައި ފެނުގެ މަސައްކަތް ކުރެވެމުން އެބަދޭ. އެއީ މިއަހަރުތެރޭގައި ފެއްޓި އިރާދަކުރެއްވިއްޔާ މިއަންނަ އަހަރުގެ ކުރީކޮޅު އެ މަސައްކަތް ނިމިގެންދާނެ. އެގޮތުން އެ މަސައްކަތް ނިމޭއިރު އެ ހަތް ރަށުގެ 13600 ރައްޔިތުންނަށް ސާފު ބޯފެނުގެ ނިޒާމް މި ސަރުކާރުން ފޯރުކޮށްދޭނެ ވާހަކަ ވެސް ދަންނަވަން،" ތޯރިގު ވިދާޅުވި އެވެ.