24 Jan 2011, 16:50
ކުޑަކުދިން ހިމާޔަތް ކުރުމުގެ ނިޒާމް ކިތަންމެ ބޮޑަށް ހަރުދަނާ ކުރި ނަމަވެސް އެ ކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނަށް އެކަށީގެންވާ ފަރުވާ ނުދެވޭ ނަމަ ކުޑަކުދިން ހިމާޔަތް ކުރުމުގެ ނިޒާމަށް ވަރަށް ބޮޑު ގޮންޖެހުމަކަށް ވާނެ ކަމަށް ޖެންޑާ ޑިޕާޓްމަންޓުން ބުނެފި އެވެ.
މިނިސްޓްރީ އޮފް ހެލްތު އެންޑް ފެމެލީގެ ކޮންފަރެންސް ހޯލްގައި މިއަދު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ހެލްތު މިނިސްޓަރުގެ ނައިބު މާރިޔާ އަލީ ވިދާޅުވީ އަދި މިހާތަނަށް ރާއްޖޭގައި ސެކްޝުއަލް އޮފެންޑާ ތެރަޕީއެއް ނުވަތަ ޓްރީޓްމަންޓެއް އަދި ދެވިފައިނުވާ ކަމަށެވެ. އަދި ކިތަންމެ ވަރަކަށް ކުޑަކުދިން ހިމާޔަތް ކުރުމުގެ ނިޒާމް ހަރުދަނާ ކުރި ނަމަވެސް އެކަންތައް ކުރާ މީހުންނަށް ފަރުވާ ނުދެވޭ ނަމަ ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކޮށް ހަރުދަނާ ކުރާ ނިޒާމަށް ވަރަށް ބޮޑު ގޮންޖެހުމަކަށް ވާނެ ކަމަށް މާރިޔާ ވިދާޅުވި އެވެ.
"ހާއްސަކޮށް މިކަހަލަ ޖިންސީ ގޯނާ ކުރަން ފައްޓަނީ ތަންކޮޅެއް ޅައުމުރުގައި ކަމަށް ވާތީ 14، 15 އަހަރުގައި އެބަހުރޭ އަޅުގަނޑުމެންނަށް މައްސަލަ ހުށަހެޅިފައި. އޭގެ މާނައަކީ އޭރުގައި އަޅުގަނޑުމެން އެބަ ޖެހޭ އެކުދިންނަށް ކޮންމެވެސް ކަހަލަ ތެރަޕީއެއް ދޭން. އަދި މިހާތަނަކަށް ސެކްޝުއަލް އޮފެންޑާ ތެރަޕީއެއް ނޫނީ ޓްރީމަންޓް ޕްރޮގްރާމެއް ނޫނީ ސާވަލައިންސް އެއްވެސް ކަހަލަ ނިޒާމެއް ލެވިފައެއް ނެތް" މާރިޔާ ވިދާޅުވި އެވެ.
މާރިޔާ ވިދާޅުވީ އަންނަ މަހުގެ 16، 17 ގައި ބާއްވާ "ނެޝެނަލް ޗައިލްޑް ޕްރޮޓެކްޝަން ކޮންފަރެންސް"ގައި އެކަމަށް ވަރަށް ބޮޑަށް އަލިއަޅުވާ ލައްވާނެ ކަމަށެވެ. އެގޮތުން ރާއްޖޭގައި އެފަދަ ޢަމަލުތައް ކުރާ މީހުންނަށް އެންމެ ރަނގަޅީ ކޮންކަހަލަ ޓްރީޓްމަންޓް ޕްރޮގްރާމެއްތޯ ބަލާނެ ކަމަށް ވެސް މާރިޔާ ވިދާޅުވި އެވެ.
މާރިޔާ ވިދާޅުވީ އާ ގާނޫނު އައުމުން ހުކުމް ތަންފީޒު ކުރާލެއް ހަރުކަށި ވުމާ ގުޅިގެން އެއިން ވެސް ބަދަލެއް އައިސްފާނެ ކަމަށާއި ނަމަވެސް އެކަމަށް ވެސް ހަ މަސް ނުވަތަ އަހަރެއް ނަގަފާނެ ކަމަށެވެ.
ރަށްރަށުގައި ކުދިން ހިމާޔަތް ކުރެވޭނީ ކިހިނެތްތޯ މިއީ ވަރަށް ބޮޑު ސުވާލެއް ކަމަށާއި އަދި އެކަމާ ގުޅޭ ގޮތުން ކޮންސަލްޓަންޓުންނާ ބައްދަލުކޮށް އެކަން ހައްލު ކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރަމުން އަންނަ ކަމަށް މާރިޔާ ވިދާޅުވި އެވެ. އަދި ރަށްތަކުގައި އެމައްސަލަ އެހާ ގިނަ ވަނީ ކީއްވެ ކަމެއް ސާފުކޮށް ދަންނަވަން ނޭންގޭ ކަމަށް ވެސް މާރިޔާ ވިދާޅުވި އެވެ.
މިދިޔަ އަހަރު ޖެންޑާ ޑިޕާޓްމަންޓަށް އެންމެ ގިނައި ހުށަހަޅާފައި ވަނީ ވެސް ކުޑަކުދިންނަށް ޖިންސީ ހާނިއްކަ ކުރުމުގެ މައްސަލަ ތަކެވެ. އެގޮތުން ކުޑަކުދިންނަށް ޖިންސީ ހާނިއްކަ ކުރުމުގެ 240 މައްސަލަ އެއް ހުށަހަޅާފައިވާއިރު، ކުޑަކުދިންނާ ޖިސްމާނީ އަނިޔާ ކޮށްގެން 111 މައްސަލަ އެއް ވަނީ ޖެންޑަރ ޑިޕާޓް މަންޓަށް ހުށަހަޅާފަ އެވެ. އަދި 2009 އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު ޖެންޑާ ޑިޕާޓްމަންޓަށް ކުޑަކުދިންނަށް ހާނިއްކަ ކޮށްގެން ހުށަހެޅި މައްސަލަތައް ވަނީ 18.20 ޕަސެންޓް އިތުރު ވެފައެވެ.
2009 ވަނަ އަހަރު ގާއިމް ކުރި ހެލްޕު ލައިނަށް ވަނީ ޖިންސީ ހާނިއްކައިގެ 18 މައްސަލަ ރިޕޯޓު ކޮށްފަ އެވެ. އަދި ޖިސްމާނީ ހާނިއްކައިގެ 8 މައްސަލަ އެއް ވެސް ވަނީ ރިޕޯޓް ކޮށްފަ އެވެ.