21 Oct 2014, 10:03
ރާއްޖޭގައި އެމެރިކާގެ ވިޔަފާރި އާއި އިންވެސްޓްމަންޓްތައް ފުޅާކުރުމާ ބެހޭ ދެ ގައުމުގެ އޮފިޝަލުންގެ މެދުގައި އިއްޔެ މަޝްވަރާތައް ބާއްވައިފި އެވެ.
ފޮރިން މިނިސްޓްރީގައި އިއްޔެ އޮތް ޖޮއިންޓް ކައުންސިލް އޮފް ދި މޯލްޑިވްސް -ޔޫއެސް ޓްރޭޑް އެންޑް އިންވެސްޓްމަންޓް ފްރޭމްވާކް އެގްރިމެންޓް (ޓީފާ)ގެ ފުރަތަމަ ބައްދަލުވުން އިފްތިތާހު ކޮށްދެއްވީ އެމެރިކާގެ އެސިސްޓަންޓް ޓްރޭޑް ރެޕްރެޒެންޓެޓިވް ފޯ ސައުތް އޭޝިއާ މައިކަލް ޑިލޭނީ އާއި އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓަރު މުހައްމަދު ސައީދެވެ.
ދެ ގައުމުގެ ދެމެދުގައި ވިޔަފާރި އާއި އިންވެސްޓްމަންޓް ކުރިއަރުވައި ކަންކަން ހައްލުކުރުމަށް ޓީފާ އެގްރީމަންޓުގައި ދެ ގައުމުން ސޮއިކޮށްފައި ވަނީ 2009 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އެވެ.
ޖޮއިންޓް ކައުންސިލްގެ ފުރަތަމަ ބައްދަލުވުމުގައި ދެ ފަރާތް އިތުރަށް ގުޅިގެން ކުރިއަށްދިއުމަށް އުސޫލުތައް ކަނޑައަޅައި އަދި މީގެ އިތުރުން މަސައްކަތްތެރްތެރިންނާއި އިންޓެލެކްޗުއަލް ޕްރޮޕަޓީ އާއި އިންވެސްޓްމަންޓްތަކާ ބެހޭ ގޮތުން ދެ ފަރާތުން މަޝްވަރާ ކުރި ކަމަށް ރޭ އެމެރިކާ އެމްބަސީ އިން ނެރުނު ނޫސް ބަޔާނުގައިވެ އެވެ.
"އަޅުގަނޑުމެންގެ ޓީމަކީ އެމެރިކާ ސަރުކާރުގެ ގިނަ އިދާރާތަކަކަށް ނިސްބަތްވާ ޓީމެއް. އަދި ރާއްޖެ އަށް އަލުން ޒިޔާރަތްކޮށް ރާއްޖޭގެ ވިޔަފާރި އާއި އިންވެސްޓްމަންޓްގެ ޙާލަތާއި މަސައްކަތްތެރީންގެ ހަލާތާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް އަޅުގަނޑުމެންގެ ޓީމުން ވަރަށް ބޮޑަށް އިންތިޒާރުކުރޭ،" ޑިލޭނީ ވިދާޅުވި އެވެ.
އެމެރިކާ އެެމްބަސީ އިން ބުނީ ޓީފާ ކައުންސިލްގެ ބައްދަލުވުންތައް މަދުވެގެން އަހަރަކު އެއްފަހަރު ބޭއްވުމަށް އުންމީދު ކުރާ ކަމަށެވެ. އަދި އެ ބައްދަލުވުންތަކުގައި ވިޔަފާރި އާއި އިންވެސްޓްމަންޓްތަކަކީ ދެ ފަރާތަށް މުހިއްމު ކަންކަންކަމާ ބެހޭ ގޮތުން މަޝްވަރާ ކުރާ ފޯރަމެއް ކަމަށް ވެސް އެމެރިކާ އެމްބަސީ އިން ބުންޏެވެ. އަދި މާކެޓަށް ވާސިލްވުމަށް ހުރި މައްސަލަތަކާ ބެހޭ ގޮތުންނާއި މަސަކަތްތެރީންނާއި ތިމާވެއްޓާއި އިންޓެލެކްޗުއަލް ޕްރޮޕަޓީ ރައިޓްސް ހިމާޔަތްކުރުމާއި ތަންފީޒުކުރުމާއި އަދި މީހުން ބިނާކުރުން ހިމެނޭ ކަމަށް ވެސް އެމެރިކާ އެމްބަސީ އިން ބުންޏެވެ.
ތަރައްގީއާއި އަދި ވިޔަފާރިއާއި އިންވެސްޓްމަންޓް އިންޓަރެސްޓްތަކުގެ އެކި ފަންތީގައިވާ ގައުމުތަކާ އެކު އެމެރިކާ އިން ޓީފާ ހަދާފައިވެ އެވެ. އަދި ދުނިޔޭގެ އެކި ގައުމުތަކުގައި 50 އަށް ވުރެ ގިނަ ޓީފާ ހަދާފައިވެ އެވެ.