ސުކްރޭ (އޮކްޓޯބަރ 21) : މިމަހުގެ 12 ވަނަ ދުވަހު ބޮލީވިޔާގައި ބޭއްވި ރިޔާސީ އިންތިޚާބު އެގައުމުގެ މިހާރުގެ ރައީސް އީވޯ މޮރަލިސް ވަރަށް ތަނަވަސް އަޣްލަބިއްޔަތަކުން ކާމިޔާބުކޮށްފި އެވެ.

ވާތުފިޔައިގެ ފިކުރުގެ ސިޔާސީ ސަޚްސިއްޔަތެއް ކަމަށްވާ މޮރަލިސް އަށް 61 އިންސައްތަ ވޯޓު ލިބިވަޑައިގެންނެވި ކަމަށް އިންތިޚާބުގެ ވަގުތީ ނަތީޖާއިން ހާމަވެފައިވާއިރު އޭނާ އިންތިޚާބު ވެވަޑައިގެންފައި މިވަނީ ރިޔާސީ ތިންވަނަ ދައުރަކަށެވެ. މި ނަތީޖާއާއެކު ފެށޭ ހަ އަހަރުގެ ރިޔާސީ އައު ދައުރާއެކު ރައީސް މޮރަލިސްގެ ވެރިކަން ދެހާސް ވިހިވަނަ އަހަރާ ހަމައަށް ދެމިގެންދާނެއެވެ. މިއީ މޮރަލިސްގެ ރިޔާސީ ތިންވަނަ ދައުރެވެ.

ބޮލީވިޔާގެ އަސްލު ދަރިކޮޅަށް ނިސްބަތްވާ ޝަޚްސިއްޔަތެއް ކަމަށްވާ މޮރަލިސްގެ ވެރިކަމުގައި އެގައުމުގެ ފަގީރުންނާއި މެދުފަންތީގެ ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް އައިސްފައިވެ އެވެ. މިއާއެކު ބޮލީވިޔާގެ މުއްސަނދިންނާއި ފަގީރުންގެ ތަފާތު ކުޑަވެ އިގްތިސާދު ރަނގަނޅު ވެފައިވުމުގެ ސަބަބުން އޭނާގެ މަގްބޫލުކަން ރައްޔިތުންގެ މެދުގައި ވަރަށް ބޮޑަށް އިތުރުވެފައިވާކަން ޚިޔާލު ހޯދުމުގެ ސާވޭތަކުންވަނީ ހާމަވެފަ އެވެ. ބޮލީވިޔާގެ ރިޔާސީ އިންތިޚާބުގައި ބަލިވެ ވަޑައިގެންނެވި އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް ޖޯޖީ ކުވޭރުގާ ވަނީ އިންތިޚާބުގެ ނަތީޖާ އޮޅުވާލާފައިވާ ކަމަށް ތުހުމަތު ކުރައްވާފަ އެވެ.

ކުވޭރަށް އެމެރިކާގެ ތާއީދު އޮތްކަމަށްވެ އެވެ. އެމެރިކާއާމެދު ދެކުނު އެމެރިކާގެ ގިނަ ގައުމުތަކުން ބަލަނީ އެސަރަހައްދަށް އަތްގަދަ ކުރަންއުޅޭ ގައުމެއް ގެ ގޮތުގަ އެވެ. (ރޮއިޓާސް)