ވޮޝިންޓަން (އޮކްޓޯބަރ 21) : އިރާގާއި ސޫރިޔާގައި ހަރަކާތްތެރިވާ އައިއެސް ޖަމާއަތާ ހަނގުރާމަ ކުރަމުން ގެންދާ ސޫރިޔާގެ ކުރުދީންނަށް އަސްކަރީ ގޮތުން އެހީތެރިވުމަށް ޓަކައި އިރާގުގެ ކުރުދީން ސޫރިޔާއަށް ދިޔުމުގައި ތުރުކީގެ ބިން ބޭނުންކުރުމުގެ ހުއްދަ ދިނުމަށް ތުރުކީ ސަރުކާރުން ނިންމުމުން އެމެރިކާ އެކަމަށް މަރްހަބާ ކިޔައިފި އެވެ.

އެމެރިކާގެ ޚާރިޖިއްޔާގެ ތަރްޖަމާން މޭރީ ހާފް ވިދާޅުވީ ތުރުކީގެ މިނިންމުމަކީ އައިއެސްއާ ދެކޮޅަށް އެމެރިކާ އިސްވެ އޮވެގެންކުރާ ހަނގުރާމައަށް އެގައުމުން ދިން ވަރަށް މުހިއްމު އެއްބާރުލުމެއް ކަމަށާ މިކަމަށް ޓަކައި ތުރުކީ ސަރުކާރަށް މަރްހަބާ ކިޔާ ކަމުގަ އެވެ. ތުރުކީގެ ޚާރިޖީވަޒީރު މައުލޫދު ޝާވްސް އޮގްލޯ ވިދާޅުވީ އައިއެސް ޙިސާރުކޮށްފައިވާ ސޫރިޔާގެ ކުބާނީ ސިޓީގެ ދިފާއުގައި ހަނގުރާމަކުރާ ސޫރިޔާގެ ކުރުދީންނަށް އެހީތެރިވުމަށްޓަކައި އިރާގުގެ ކުރުދީން ތުރުކީވިލާތް ހުރަސްކޮށް ދިޔުމުގެ ހުއްދަ ދިނުމަށް ނިންމާފައިވާ ކަމުގަ އެވެ.

ކުބާނީ އަތްދަށުލުމަށް މަސައްކަތްކުރާ އައިއެސްގެ ހަނގުރާމަވެރިން ބަލިކުރުމަށްޓަކައި އެރަށަށް ދިޔުމަށް މަސައްކަތްކުރަނީ އިރާގުގެ ކުރުދީންގެ ބިޝްމަރުގާ ހަނގުރާމަވެރިންގެ ލަޝްކަރެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ. ތުރުކީ ސަރުކާރުން ވަނީ އެގައުމުގެ ބިން ބޭނުންކުރުމުގެ މިފަދަ ހުއްދައެއް ކުރުދީންނަށް ދިނުމަށް ކުރިން ދެކޮޅު ހަދާފަ އެވެ. ތުރުކީގެ ވިސްނުން ބަދަލުވީ އެމެރިކާގެ ފިއްތުންތަކުގެ އިތުރުން ތުރުކީގެ އެތެރޭގެ ފިއްތުންތަކާ ވެސް ގުޅިގެންކަމަށާ މިއީ އައިއެސް އާ ދެކޮޅަށް ކުރާ ހަނގުރާމައިގާ ތުރުކީގެ ސިޔާސަތަށް އައި ވަރަށް ބޮޑު ބަދަލެއްކަމަށް މުރާސިލުން ސިފަކުރެ އެވެ.

ސޫރިޔާގެ ކުރުދިސްތާން ސަރަހައްދުގެ ރަށެއްކަމަށްވާ ކުބާނީގެ ދިފާއުގައި ސޫރިޔާގެ ކުރުދީން ގެންދަނީ ވަރަށް ހިއްވަރާއެކު އައިއެސްއާ ދެކޮޅަށް ހަނގުރާމަ ކުރަމުންނެވެ. ނަމަވެސް ސޫރިޔާގެ ކުރުދީންގެ ލަޝްކަރުގައި ހަނގުރާމައިގެ ތަޖްރިބާ ކުޑަވުމުގެ އިތުރުން އެލަޝްކަރުގެ ކުރީ ސަފުގައި ގިނައީ އަންހެން ހަނގުރާމަވެރިން ކަމަށްވާތީ އައިއެސްގެ ޕްރޮފެޝަނަލް ހަނގުރާމަވެރިން ބަލިކޮށްލުމުގައި ކުރުދީ ލަޝްކަރުވަނީ ނާކާމިޔާބުވެފަ އެވެ. ނަމަވެސް އިރާގުގެ ކުރުދީންގެ ބިޝްމަރުގާ ހަނގުރާމަވެރިން ސޫރިޔާގެ ކުރުދީންނާ ގުޅިއްޖެ ނަމަ އެމެރިކާގެ ވައިގެ ހަމަލާތަކާ އެކު އައިއެސްގެ ހަނގުރާމަވެރިން ބަލިކޮށް އެމީހުން ކުބާނީން ފައްސާލެވިދާނެ ކަމަށް ތަޖްރިބާކާރުން ދެކެ އެވެ. (އަލްޖަޒީރާ)