21 Oct 2014, 01:19
ފުލުހަކު ކުޑަ ކުއްޖަކަށް އަނިޔާކުރި ކަމަށް ބުނެ ގއ. ގެމަނަފުށީގައި ނުރުހުން ފާޅުކޮށްފި އެވެ.
'ސަން'އަށް މައުލޫމާތު ދެއްވަމުން ގެމަނަފުށީ ކައުންސިލްގެ ނައިބް ރައީސް ޝަމްވީލް ގާސިމް ވިދާޅުވީ، 17 އަހަރުގެ ކުޑަ ކުއްޖަކު ބައްތި ނުދިއްލައި ބައިސްކަލުގައި ދުއްވާފައި ދަނިކޮށް އޭނާ ހުއްޓުވައި ޕޮލިސް ސްޓޭޝަނަށް ވެއްދުމަށް ފަހު އޭނާއަށް އަނިޔާކުރި ކަަމަށް އެ ކުޑަ ކުއްޖާ ބުނެފައިވާ ކަަމަށެވެ. އަދި އެކަމާ ގުޅިގެން ރައްޔިތުންގެ ތެރެއިން ބަޔަކު އެ ރަށު ޕޮލިސް ސްޓޭޝަން ކުރިމަތީގައި ނުރުހުން ފާޅުކޮށްފައިވާ ކަމަށް ޝަމްވީލް ވިދާޅުވި އެވެ.
އެކަމާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް 'ސަން'އަށް މިރޭ ވިދާޅުވީ، ބައްތި ނުދިއްލައި ބައިސްކަލްގައި ދުއްވާފައިދިޔަ ކުއްޖަކު ޖޫރިމަނާ ކުރުމަށްޓަކައި ޕޮލިސް ސްޓޭޝަނަށް ވެއްދުމުން އެކަމާ ނުރުހުންފާޅުކޮށް ހަދާފައިވާ ކަަމަށެވެ. އަދި އެކަމުގެ ތެރޭގައި ފުލުންގެ އޮފިސަރަކު އޭނާއަށް އަނިޔާކުރި ކަމަށް އެ ކުޑަކުއްޖާ ބުނެފައިވާ ކަަމަށް އޮފިޝަލް ވިދާޅުވި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ކުޑަކުއްޖާ އަކީ މީގެކުރިން ވެސް އެތައް ފަހަރެއްގެ މަތިން ބައްތި ނުއްދިލައި ބައިސްކަލްގައި ދުއްވާތީ ނަސޭހަތްތެރިވެފައިވާ ކުއްޖެއް ކަމަށެވެ. އަދި ވިދާޅުވީ ފުލުހަކު އޭނާއަށް އަނިޔާކޮށްފައިވާނަމަ އެ މައްސަލައިގައި އެ ފުލުހަކާ ދޭތެރޭ އަޅަން ޖެހޭ ފިޔަވަޅެއް އަޅާނެ ކަމަށް އާއިލާއަށް އަންގާފައިވާނެ ކަމަށެވެ.
މީޑިއާ އޮފިޝަލް އިތުރަށް ވިދާޅުވީ، އެ މައްސަލައާ ގުޅިގެން މުޒާހަރާއެއް ކުރަމުން ނުދާ ކަމަށާއި އެހެން ނަމަވެސް އެ ކުޑަ ކުއްޖާގެ އާއިލާގެ ބަޔަކު ޕޮލިސް ސްޓޭޝަން ކުރިމަތީގައި ނުރުހުން ފާޅުކޮށްފައިވާ ކަަމަށެވެ. އަދި އާއިލާއާ ވާހަކަ ދެއްކުމަށް ފަހު މިހާރު އެ މައްސަލަ ހައްލުކުރެވިފައިވާ ކަަމަށް އޮފިޝަލް ވިދާޅުވި އެވެ.