ދެ އަހަރު ކުރިއަށް އޮއްވައި ސްރީލަންކާގެ ރިޔާސީ އިންތިހާބު އަންނަ ޖެނުއަރީ މަހު ބާއްވާނެކަން އެ ގައުމުގެ ސަރުކާރުން މިއަދު އިއުލާންކޮށްފި އެވެ.

ލަންކާގެ އިންތިހާބު އަވަސް ކުރާނެކަން އޮތީ ގަބޫލުކުރެވިފަ އެވެ. ނަމަވެސް އެކަން ކަށަވަރުވީ ލަންކާގެ އިންފޮމޭޝަން މިނިސްޓަރު ކަހޭލިޔާ ރަމްބުކްވެއްލާ އަންނަ ޖެނުއަރީ މަހު އިންތިހާބު އޮންނާނެކަން އިއުލާން ކުރެއްވުމުންނެވެ.
'
ތަމަޅަޓައިގަރުން ބަލި ކުރުމަށް ހަ އަހަރުގެ ދެވަނަ ދައުރަކަށް 2010 ވަނަ އަހަރު އިންތިހާބު ވުމާ އެކު ރާޖަޕަކްސާ ވަނީ ގާނޫނު އަސާސީ އިން ވިދިވިދިގެން ދެ ދައުރަށް ވުރެ ގިނަ ދުވަހު ވެރިކަމުގައި ނުހުންނެވޭނެ ކަމަށް ބުނާ މާއްދާ ބަދަލުކުރައްވައިފަ އެވެ.

"ރިޔާސީ އިންތިހާބު އަންނަ ޖެނުއަރީ މަހު އޮންނާނެ،" ކެންޑީގައި އާންމު ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ރަމްބުކްވެއްލާ ވިދާޅުވި އެވެ. "އަހަރެންނަށް އެނގޭ އިންތިހާބު އޮންނަ ތާރީހު ވެސް އެކަމަކު އެކަން މިވަގުތު ހާމަކުރެވޭކަށް ނެތް،"

ފާލަ އާއި ރަމަލައިން ދައްކާ ގޮތުގައި އިންތިހާބު ބޭއްވުމަށް އެންމެ ރަނގަޅު ދުވަސްތަކަކީ ޖެނުއަރީ 7 ،8 ނޫނީ 9 ވަނަ ދުވަހު ކަމަށް ލަންކާގެ ރަސްމީ މަސްދަރުތަކާ ހަވާލާދީ އޭފްޕީ އިން ބުންޏެވެ.

ރާޖްޕަކްސާގެ ކޮއްކޮ އަދި އެކޮނަމިކް ޑިވެލަޕްމަންޓް މިނިސްޓަރު ބައިސިލް ވަނީ ރަސްމީކޮށް އިންތިހާބު އިއުލާން ކުރުމުގެ ކުރީން ކެމްޕޭން އޮފީސް ހުޅުވައި މިދިޔަ މަހު މަސައްކަތް ފައްޓަވައިފަ އެވެ.

އަވަސް އިންތިހާބަކާ ދިމާކޮށް ރައީސް ރާޖަޕަކްސާ ވަނީ ކައްކާ ގޭހުގެ އަގުން 10 ޕަސެންޓް، ތެލުން 20 ޕަސެންޓް އަދި ކަރަންޓްގެ އަގުން 25 ޕަސެންޓް ހެޔޮކޮށްފަ އެވެ. އެކަމަކު މިދިޔަ މަހު ބޭއްވި ލޯކަލް އިންތިހާބުގައި ރާޖަޕަކްސާގެ ޕާޓީ އަށް ލިބުނު ވޯޓުގެ އަދަދު ވަނީ އޭނާ 2005 ވަނަ އަހަރު ވެރިކަމަށް ވަޑައިގަތް ފަހުން ނުވާ ވަރަށް ދަށްވެފަ އެވެ. އެއާ ހިލާފަށް އިދިކޮޅު ޔުނައިޓެޑް ޕާޓީ އަށް ވަނީ ދެ ގުނަ އިތުރަށް ވޯޓު ލިބިފަ އެވެ.

ތަމަޅައިން ފަހަތަށް ޖައްސައި 37 އަހަރުވީ ދާހިލީ ހަނގުރާމަ 2009 ވަނަ އަހަރު ނިމުމަކަށް ގެނައުމުން ލަންކާގެ ބައި ގިނަ ސިންގަޅައިންގެ މަގުބޫލުކަން ރާޖަޕަކްސާ އަށް ވަނީ ލިބިފަ އެވެ. އެކަމަކު އެއާ އެކު ތަމަޅައިންނާ ދެކޮޅަށް ރާޖަޕަކްސާގެ ސިފައިން ދިން ހަމަލާތަކުގައި ތަމަޅަ އާންމު މީހުންގެ 40،000 މީހުން މަރާލާފައިވާ ކަމުގެ ތުހުމަތު ޕަކްސާގެ މައްޗަށް ދިއްކުރެވި އަންނަނީ ޕްރެޝަރުތައް ބޮޑުވަމުން ވެސްމެ އެވެ.

ރާޖަޕްކްސާގެ ހަ އަހަރުގެ ދެ ވަނަ ދައުރު ނިމޭނީ 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެވެ. ނަމަވެސް ދައުރު ނިމުމުގެ ދެ އަހަރު ކުރިން އިންތިހާބު އަވަސް ކުރުމުގެ އިހްތިޔާރު ރައީސަށް ގާނޫނުން ލިބިދެ އެވެ.