20 Oct 2014, 21:47
ކ. މާފުށީ ޖަލުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ޕްރިޒަން އޮފިސަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެތަނުގައި ފުލުހުން ބައިތިއްބާގޮތަށް ހަމަޖައްސައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މިއަދުން ފެށިގެން މާފުށީ ޖަލުގައި ފުލުހުންގެ ޓީމެއް ހަރަކާތްތެރިވަމުންދާނެ ކަމަށެވެ.
އެގޮތަށް ހަމަޖައްސާފައި ވަނީ ޖަލުގައި ތިބި ނުރައްކާތެރި ދެ ކުއްވެރިން ކަމުގައިވާ ގ. ކޯޒީ އިބްރާހީމް ޝަހުމް އާދަމާއި ގއ. މާމެންދޫ ޖަވާހިރުވާދީ ފަރިޔާޝް އަހްމަދު ޖަލުގެ ތޭރިތައް ކީހާލައި އެތަނުން ފިލާފައިވަނިކޮށެވެ.
އެ ދެ މީހުންގެތެރެއިން ޝަހުމް އަކީ މީހަކަށް ވަޅިންހަމަލާދީ ޒަޚަމްކޮށްލައި ޓެރަރިޒަމްގެ އަމަލު ހިންގުމުގެ ކުށުގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހެކެވެ. އެ ހާދިސާގައި ވަޅިން ހަމަލާދިނުމުން އަނިޔާ ލިބުނު މީހާއަށް ހޮސްޕިޓަލްގައި ފަރުވާދެމުންދަނިކޮށް ވަނީ މަރުވެފައެވެ.
ފަރިޔާޝް އަކީ ގއ. ވިލިނގިލީ ކަނޑުއޮޅި މުހައްމަދު ޝިހާބު މަރާލުމުގެ ކުށް ސާބިތުވުމާ ގުޅިގެން އުމުރަށް ޖަލަށްލުމަށް ހުކުމް ކޮށްފައިވާ މީހެކެވެ.
އެ ދެ މީހުން ހޯދުމަށް ފުލުހުން ވަނީ ޚާއްސަ އޮޕަރޭޝަނެއް ފަށާފައެވެ. އެ އޮޕަރޭޝަންގެ ދަށުން ފޭރީތަކާއި ބޯޓުތަކާއި ގެތަކުގެ އިތުރުން ތަފާތުއެކި ތަންތަން ބަލައި ފާސްކުރެވޭނެ ކަމަށް ފުލުހުން ވަނީ ބުނެފައެއެވެ. އަދި ސިފަ ބަދަލުކޮށްގެން އެ ދެ މީހުން މާލެތެރޭގައި އުޅެފާނެތީ އެކަމާ ސަމާލުވެތިބުމަށް ފުލުހުން މިއަދު ވަނީ ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.
އެ ދެ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފާރަތެއް ވާނަމަ މޯލްޑިވްސް ޕޮލިސް ސާވިސްގެ ހޮޓްލައިން 3322111 އަށް ނުވަތަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަމްބަރު 9911099 އަށް ގުޅުއްވައި އެ މައުލޫމާތު ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި އެފަދަ ނުރައްކާތެރި މީހުން ހޯދުމުގައި އާއްމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ރައްޔިތުންނަށް ޝުކުރުއަދާކޮށްފައެވެ.