ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ގެއިން ބޭރަށް ކޮންމެހެން ނުކުމެ ވަޑައިގަންނަވަންޖެހޭ ނަމަ އެބޭފުންގެ ސަލާމަތަށާއި ރައްކާތެރިކަމަށް އިތުރަށް ސަމާލުކަން ދިނުމަށް އަންގައި އެމްއެންޑީއެފް އިން ކުއްލި ސިހުމެއްލިބޭ އިލްތިމާސެއް މެމްބަރުންނަށް ކުރެއްވިކުރެއްވުމަކީ ރާއްޖޭގެ ދާޚިލީ އަމަންއަމާންކަން ގެއްލި، ބިރުވެރިކަމާއި ނާމާންކަން އިންތިހާއަށް ކުރިމަތިވެފައިވާކަމުގެ ރަނގަބީލެއްކަމަށް އެމްޑީޕީ އިން ބުނެފި އެވެ.

އެމްޑީޕީގެ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ، ރައްޔިތުން އިންތިޚާބުކޮށްފައި ތިބޭ މަންދޫބުންނަށް އެމްއެންޑީއެފް އިން ސަބަބު ބަޔާންކުރެއްވުމެއް ނެތި، އެފަދަ އިލްތިމާސެއް ކުރަން ޖެހިފައިވާކަމީ، ރާއްޖޭގެ ހާލަތު މިހާރު އޮތް ގޮތް ތަސައްވަރުކޮށްދޭ ވަރުގަދަ ދަލީލެއްކަށް އެޕާޓީން ދެކޭކަމަށެވެ.

" އެއީ ޖުމްލަގޮތެއްގައި އެންމެހައި ރައްޔިތުންގެ ހަށިފުރާނައަށް ޙަޤީޤީ ނުރައްކާ ކުރިމަތިވެފައި އޮތް މިންވަރު އިތުރަށް ކަށަވަރުވެގެން ދިއަކަމެއްކަމުގައި ދެކެމެވެ. އަދި ރާއްޖޭގެ ރައްޔިތުންނަށް ރައްކާތެރިކަމާއި އަމާންކަން ކަށަވަރުކޮށްދެއްވުމުގައި ސަރުކާރުގެ އެ މަސްއޫލިއްޔަތު އަދާކުރެއްވުމަށް ތިއްބަވާ އިސް ވެރިންގެ ކޮންޓްރޯލް، ޓެރާ ހަރަކާތްތަކުގެ މައްޗަށް ގެއްލިފައިވާ މިންވަރު ވެސް އަންގައިދޭކަމެއްކަމުގައި ދެކެމެވެ." އެމްޑީޕީގެ ބަޔާނުގައިވެ އެވެ.

ރާއްޖޭގެ ހާލަތު މިފަދަ ގޮތަކަށް ސިފަވެގެން ދިއުމުން ބޭރުދުނިޔޭގައި ރާއްޖޭގެ އަގުވެއްޓި، އޭގެ ސަބަބުން އިގްތިސާދަށް ނުހަނު ބޮޑެތި ނޭދެވޭ އަސަރުކުރާނޭ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން އެމްޑީޕީ އަށް ނިސްބަތްވާ މެމްބަރުންނަށް ތަކުރާރުކޮށް މަރުގެ އިންޒާރުދެމުންދާ ދަނޑިވަޅެއްގައި، އަދި އެ މެމްބަރުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ތަކުރާރުކޮށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކުގައި އެދިފައި ވީނަމަވެސް، މިވީހާ ދުވަހު އެ ރައްކާތެރިކަން ފޯރުކޮށްދީފައި ނުވާ ކަން ވެސް އެމްޑީޕީގެ ބާޔާނުގައި ފާހަގަކޮށްފައި ވެއެވެ.