20 Oct 2014, 19:09
ކުރާނެ މަސައްކަތެއް ނެތިގެން ދެ ދުވަހު ޖަލްސާ ނުބާއްވާއި އޮތުމަށްފަހު މާދަމާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވަން ނިންމައިފި އެވެ.
މަޖިލީހުގެ އިދާރާއިން ބުނީ މާދަމާ ހެނދުނު 9:00 ގައި ޖަލްސާ ފެށޭނެ ކަމަށާއި މާދަމާގެ ޖަލްސާގައި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް އެންވަޔަރަންމެންޓް އެންޑް އެނާޖީ މިނިސްޓަރު ތޯރިގު އިބްރާހީމާ ސުވާލުކުރެއްވުން އޮންނާނެ ކަމަށެވެ.
ޝަރީފް މިނިސްޓަރާ ސުވާލު ކުރައްވަނީ އައްޑޫ ސިޓީގެ މަރަދޫގައި ސާފު ބޯފެން ލިބުމުގެ ދަތިކަން ރައްޔިތުން އިހްސާސްކުރަމުންދާތާ ގިނަ ދުވަސްތަކެއް ވެފައިވާތީ އެރަށަށް ސާފުބޯފެން ލިބޭނެގޮތް ހަމަޖެއްސުމުގެ މަޝްރޫއާ ބެހޭ ގޮތުންނެވެ.
މާދަމާގެ ޖަލްސާގައި ބަހުސް ކުރުމަށް އެޖެންޑާކޮށްފައި ހުރި ކަންކަމަށް ބަލާއިރު ސަރުކާރުގެ ފަރާތުން ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ހުށަހަޅުއްވާފައިވާ ބޭންކިންގްއާ ބެހޭ ގާނޫނަށް އެއްވަނަ އިސްލާހު ހުށަހެޅުމުގެ ބިލަށް ބަހުސްކުރުމަށް ވަނީ އެޖެންޑާކޮށްފަ އެވެ.
މީގެ އިތުރުން ހަތް ދުވަހަށް ވުރެ ދިގުނޫން މުއްދަތަކަށް މީހުން ބަންދުކުރުމުގައި ނުވަތަ ހައްޔަރު ކުރުމުގައި އަމަލުކުރަންވީ ގޮތުގެ ގާނޫނު އުވައިލުމުގެ ބިލް ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު މަޖިލީހުގެ ތަޅުމަށް ހުށަހެޅުން ވެސް މާދާގެ ޖަލްސާގައި އޮންނާނެ އެވެ.