20 Oct 2014, 18:52
ލ. ގަމު މުކުރިމަގު އަވަށުގައި 2010 ވަނަ އަހަރު ގްރޫޕަކުން ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ދައުލަތުން ދައުވާ އުފުލާފައިވާ މީހުންގެ ތެރެއިން 19 މީހަކާ ދެކޮޅަށް ހެކި ހުށަހަޅައިފި އެވެ.
އެ މައްސަލައިގައި ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ މީހުންގެ ތެރެއިން މިއަދު ޝަރީއަތަށް ހާޒިރުވި 19 މީހުންނާ ދެކޮޅަށް ދައުލަތުން ހެކި ހުށަހަޅާފައިވާއިރު އެމީހުން ވެސް ވަނީ ދިފާއީ ހެކި ހުށަހަޅާފައެވެ.
ދައުލަތުގެ ވަކީލު ވިދާޅުވީ ދައުލަތުން ހެކި ހުށަހަޅާފައި ވަނީ ދައުވާގައި ބާޔާންކޮށްފައިވާ ކަންކަން އެމީހުން ކުރިކަން ސާބިތުކުރުިމަށް ކަމަށެވެ.
ދެހާސް ދިހަ ވަނަ އަހަރުގެ އޭޕްރީލް މަހުގެ 16 ވަނަ ދުވަހުގެ ހަވީރު ހިންގި އެ ހަމަނުޖެހުންތަކާ ގުޅިގެން އެމީހުންގެ މައްޗަށް ކުރި ދައުވާގައި ވަނީ ލ. ގަމު މުކުރިމަގު އަވަށުގެ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް މީހުންނަށް އިންޒާރުދީ، ގްރޫޕް ހަދައިގެން ގިނައަދަދެއްގެ ހަތިޔާރު ހިފައިގެން މުކުރިމަގު އަވަށަށް ގޮސް އެ އަވަށުގެ އެކި ތަންތަން ހަލާކުކޮށް ތަންތަނަށް ގެއްލުންދީ ބައެއް ތަންތަނުގައި އެމީހުން އަލިފާން ރޯކޮށްލާފައިވާ ކަމަށް ކަމަށެވެ.
އެ އެންމެން ވެސް ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ. އެގޮތުން ދިފާއީ ހެކި ހުށަހެޅުމަށްފަހު އޭގެތެރެއިން ދެ މީހަކު ބުނީ ހާދިސާ ހިނގި ވަގުތު އެމީހުން ރަށުގައި ނޫޅޭކަމަށެވެ. އެކަކު ބުނީ އެދުވަހު އޭނާ ހުރީ މާލޭގައި ކަމަށާއި އަނެއް މީހާ ބުނީ އެވަގުތު އޭނާ ހުރީ ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގައި ކަމަށެވެ.
ދިފާއީ ހެކި ހުށަހެޅުމަށްފަހު އިތުރު މީހަކު ބުނީ ހާދިސާ ހިނގިވަގުތު އޭނާ ހުރީ ޔުޓިލިޓީސް ކުންފުނީގެ ވަޒީފާގައި ކަމަށެވެ.
އެމީހުންގެ މައްޗަށް އެ ކުށް ސާބިތުވެއްޖެނަމަ އަދަބަކީ 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ އަރުވާލުމެވެ.
އެ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅާފައި ވަނީ 2010 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހު އެވެ.