އަމިއްލަ ސަލާމަތައްޓަކައި ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރު އަދި ޕީއޭގެ ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބަންދު ކުރި މައްސަލައިގައި ބަދަލެއް ދޭންނުޖެހޭނެ ކަމަށް ބަންޑާރަ ނައިބުގެ ފަރާތުން ޝަރީއަތުގެ މަޖިލީހުގައި މިއަދު ބުނެފި އެވެ.

އަމިއްލަ ސަލާމަތަށް ޓަކައި ކަމަށް ބުނެ ނުވަ ދުވަހު ކ. އާރަށުގައި ބެހެއްޓި މައްސަލައިގައި ބަދަލު ހޯދުމަށް ސިވިލް ކޯޓުގައި މިއަދު ދައުވާ އުފުލުމުން ދައުލަތުގެ ވަކީލާ ޔުދްރާ އަބްދުއްލަތީފް ވިދާޅުވީ ޔާމީން ހުށަހަޅުއްވާފައިވާ ފަދައިން ގާނޫނު އަސާސީގެ 58 ވަނަ މާއްދާގެ ދަށުން ބަދަލެއް ނަގައިދޭން ނުޖެހޭނެ ކަމަށެވެ. ވަކީލާ ވިދާޅުވީ އެ މާއްދާގެ ދަށުން ބަދަލެއް ލިބޭނީ ހައްޔަރުކޮށްފައި ނުވަތަ ބަންދެއް ކޮށްފައިވާ ނަމަ ކަމަށާއި ނަމަވެސް ޔާމިނަށް އެފަދަ ކަމެއް ސިފައިން ކޮށްފައިނުވާ ކަމަށް ވަކީލާ ވިދާޅުވި އެވެ.

ވަކީލާ ވިދާޅުވީ ޔާމީން އާރަށަށް ގެންގޮސްފައި ވަނީ ގާނޫނު އަސާސީގެ 243 ވަނަ މާއްދާ އާއި 105 ވަނަ މާއްދާގެ ށ. އާއި ސިފައިންގެ ގާނޫނުގެ ހަތް ވަނަ މާއްދާ އާއި އަށް ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. މީގެ އިތުރުން ވަކީލާ ވިދާޅުވީ ޔާމީން ގެންގޮސަފައި ވަނީ އާރަށަށް ކަމަށާއި އެއީ ޕްރެޒިޑެންޝަލް ރިޓްރީޓަށް ހާއްސަކޮށްފައިވާ ރަށެއް ކަމަށެވެ. އަދި އެއީ އެއްވެސް އިރެއްގައި މީހުން ބަންދުކޮށްފައިވާ ވެސް ރަށެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ދައުލަތުން އެދުނީ ޔާމީން ހައްޔަރުކޮށްފައި ވަނީ ގާނޫނު އަސާސީ އާއި ގާނޫނާ އެއްގޮތަށް ކަމުން މިއީ ބަދަލެއް ދޭންޖެހޭނެ މައްސަލައެއް ނޫން ކަމަށް ކަނޑައަޅައި ދެއްވުމަށެވެ.

ޔާމީންގެ ގާނޫނީ ވަކީލާ އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވީ ޔާމީން ބަންދުކޮށްފައި ވަނީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް މީގެ ކުރިން ސިވިލް ކޯޓުން ކަނޑައަޅާފައިވާ ކަމަށެވެ. އަދި އެ ނިންމުމަކީ ސިވިލް ކޯޓަށް ބައިންޑިން ނިންމުމެއް ކަމަށް ފާހަގަ ކުރައްވަމުން އާޒިމާ ވިދާޅުވީ މި މައްސަލައިގެ މައުލޫއަށް ސިވިލް ކޯޓުން އިތުރަށް ގޮތެއް ކަނޑަނޭޅޭނެ ކަމަށެވެ.

އެ މައްސަލައިގެ ދައުވާ ހުށަހަޅުއްވަމުން އާޒިމާ ވިދާޅުވީ މިއީ ޖުލައި 14، 2010 ގެ 12:30 ހާއިރުން ފެށިގެން ޖުލައި 23، 2010 ގެ 11:23 އާ ހަމައަށް ގާނޫނު އަސާސީއާ ގާނޫނާ ހިލާފަށް ސިފައިން ޔާމީން އާރަށުގައި ބަންދުކޮށްފައިވާ ކަމަށެވެ. އާޒިމާ ވިދާޅުވީ ގާނޫނު އަސާސީއާ ހިލާފަށް ހައްޔަރު ކުރި މީހަކަށް ބަދަލުދޭންޖެހޭނެ ކަމަށް ގާނޫނު އަސާސީގެ 58 ވަނަ މާއްދާގައި ބުނެފައިވާ ކަމަށެވެ. އަދި މި މައްސަލައަކީ ގެއްލުމުގެ ބަދަލު ހޯދުމުގެ މައްސައެއް ނޫން ކަމަށް ވެސް އާޒިމާ ވިދާޅުވި އެވެ.

އާޒިމާ ވިދާޅުވީ ޔާމީން ބަންދުކޮށްފައި ބެހެއްޓުމުގައި ގާނޫނު އަސާސީގެ 19 ވަނަ މާއްދާ އާއި 21 ވަނަ މާއްދާ އާއި 26 ވަނަ މާއްދާ އާއި 30 ވަނަ މާއްދާ އާއި 37 ވަނަ މާއްދާ އާއި 45 ވަނަ މާއްދާ އާއި 46 ވަނަ މާއްދާ އާއި 47 ވަނަ މާއްދާއާ ސިފައިން ހިލާފްވެފައިވާ ކަމަށެވެ.

ވަކީލާ ވިދާޅުވީ މީގެ ކުރިން ޝަރީއަތުން މިފަދަ މައްސަލައެއްގައި އަގުކޮށް، ބަދަލެއް ދިނުމަށް ހުކުމެއް ކޮށްފައިވާކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި މިފަދަ މައްސަލަތަކުގައި ބަދަލުދޭނެ ގާނޫނެއް ވެސް މިހާތަނަށް ފާސްކޮށްފައިނުވާ ކަމަށް އާޒިމާ ވިދާޅުވި އެވެ. އެކަމަކު ގާނޫނެއް ހެދިފައި ނުވުމަކީ ހައްގެއް ނުލިބުމުގެ އުޒުރެއް ނޫން ކަމަށް ވެސް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އާޒިމާ ވިދާޅުވީ މާލީ ގެއްލުމުގެ ބަދަލާއި ނަފްސާނީ ގެއްލުމުގެ ބަދަލާއި ގާނޫނު އަސާސީއާ ހިލާފަށް ހައްޔަރު ކުރީތީ ދޭން ޖެހޭ ބަދަލު ޔާމީނަށް ލިބެން ޖެހޭނެ ކަމަށެވެ. އަދި މިފަދަ މައްސަލައެއްގައި ސީދާ އަދަދެއް ނުޖެހޭނެ ކަމަށް ފާހަގަ ކުރައްވަމުން އާޒިމާ ވިދާޅުވީ ޔާމީން ބަންދުން ދޫކޮށްލުމަށްޓަކައި މަސައްކަތް ކުރި ގާނޫނީ ވަކީލުންގެ ފީއަށް 252000ރ. އެރި ކަމަށެވެ. މީގެ އިތުރުން ވިދާޅުވީ މިފަދަ މައްސަލަތުގައި ބަދަލު ނަގައިދިނުމުގައި ޑިމޮކްރެޓިކް އެހެން ގައުމުތަކުގައި ކަންތައް ކުރާ ގޮތަށް ރިއާޔަތް ކުރުން މުހިންމު ކަމަށެވެ.