20 Oct 2014, 17:12
ކ. މާފުށީ ޖަލުގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒްކުރަމުން ދިޔަ ނުރައްކާތެރި ދެ ކުށްވެރިން ކަމަށްވާ އިބްރާހީމް ޝަހުމް އާއި ފަރިޔާޝް އަހުމަދު ސިފަ ބަދަލުކޮށްގެން އުޅެފާނެތީ، އެކަމަށް އާއްމުން ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.
ފުލުހުން މިއަދު ވަނީ ފުލުހުންގެ އިދާރާއިން ނަގާފައިވާ ޝަހުމް އާއި ފާރިޔާޝްގެ އެންމެ ފަހުގެ ފޮޓޯ ވެސް އާއްމުކޮށްފަ އެވެ. އަދި އެ ދެމީހުން ފޮޓޯ އިން އެ ފެންނަ ސިފަ ނޫން ސިފައެއްގައި މުޖުތަމައު ތެރޭގައި އެ ދެމީހުން އުޅުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
ޖަލުން ފިލާފައިވާ ނުރައްކާތެރި މި ދެ ކުށްވެރިންނަކީ ތަފާތު އެކިއެކި މައްސަލަތަކުގައި މީގެ ކުރިން ވެސް އެމީހުން ހޯދުމުގެ މަސައްކަތް ކުރާ ވަގުތު ތަކުގައި ސިފަ ބަދަލުކޮށްގެން މުޖުތަމައު ތެރޭގައި އުޅެފައިވާ ބައެއް ކަމަށް މިހާތަނަށް ތަހުގީގަށް އެނގިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މުޖުތަމައަށް ނުރައްކާތެރި ކުށްވެރިންގެ ގޮތުގައި ބެލެވޭ އިބްރާޙީމް ޝަހްމު އާދަމް އަކީ ޓެރަރިޒަމްގެ މައްސަލައެއް ސާބިތުވުމާ ގުޅިގެން 25 އަހަރު ދުވަހުގެ ޖަލުހުކުމެއް ތަންފީޒު ކުރަމުންދާ މީހެކެވެ. އަދި ފަރިޔާޝް އަހުމަދަކީ މަރުގެ މައްސަލައެއް ސާބިތުވުމާ ގުޅިގެން 25 އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ މީހެކެވެ.
އެ ދެ ކުށްވެރިން ހޯދުމަށް ފުލުހުން ކުރިއަށް ގެންދާ މަސައްކަތުގެ ދަށުން އިއްޔެ އިން ފެށިގެން ފުލުހުން ގެންދަނީ ފެރީ ޓާމިނަލްތަކާއި ވެހިކަލްތައް ޗެކްކުރަމުންނެވެ. އަަދި އެ މަސައްކަތުގެ ދަށުން މިހާތަނަށް މާފުށްޓާއި ގުރައިދޫ އާއި ގުޅި އަދި ހިއްމަފުށި ވެސް ވަނީ ބަލައިފާސްކޮށްފަ އެވެ. އަދި މާލޭގެ ބައެއް ސަރަހައްދުތަކާއި ތަންތަން ވެސް ދަނީ ބަލަމުންނެވެ. އަދި ކޯޓުއަމުރުގެ ދަށުން، މީހުން ދިރިއުޅޭ ބައެއް ގޭގެ ވެސް ދަނީ ފާސްކުރަމުން ކަމަށް ވެސް ފުލުހުން ބުނެ އެވެ. މީގެ އިތުރުން ވެސް އެމްއެންޑީއެފް އާއި ގުޅިގެން ފުލުހުން ގެންދަނީ ކަނޑުގައި ދުއްވާ އުޅަނދުތައް ވެސް ބަލާ ފާސްކުރަމުންނެވެ.