20 Oct 2014, 16:39
ކުޑަފިރިހެން ކުއްޖަކާ އެކު ޖިންސީ އަމަލު ހިންގި މީހަކު 14 އަހަރަށް ޖަލަށްލުމަށް ބ. އޭދަފުށީ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފިއެވެ.
އޭދަފުށީ މުޝްތަރީގޭ ފަތުހުﷲ އަބްދުﷲ،43، 14 އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފައި ވަނީ އަށް އަހަރުގެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލު ހިންގުމުގެ ކުށް ސާބިތުވުމުން މިއަދުއެވެ.
އެ ކުއްޖާއެކު އޭނާ ޖިންސީ އަމަލު ހިންގާފައި ވަނީ 2012 ވަނަ އަހަރުގެ ތެރޭގައި ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.
އޭދަފުށީ ކޯޓުގެ އޮފިޝަލަކު ވިދާޅުވީ ހުކުމް ތަންފީޒު ކުރުމަށްޓަކައި އޭނާ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާ ހަވާލުކުރުމަށް އޭދަފުށީ ޕޮލިސްޓޭޝަނާ އޭނާ ހަވާލުކޮށްފައިވާ ކަމަށެވެ.