ވޮޝިންޓަން (އޮކްޓޯބަރ 20) : އިރާގާއި ސޫރިޔާގައި ހަރަކާތްތެރިވާ އިސްލާމިކް ސްޓޭޓް ނުވަތަ އައިއެސް ޖަމާއަތް މިހާރުވެސް އޮތީ ބޭނުންވެއްޖެ ޙާލަތެއްގައި އިރާގުގެ ވެރިރަށް ބަޣްދާދުވެސް އަތްދަށުލެވޭހާ ބާރުގަދަ ހާލަތެއްގައި ކަމަށް އެމެރިކާގެ ސެނެޓްގެ މެންބަރެއް ކަމަށްވާ ޖޯން މެކޭން ވިދާޅުވެއްޖެ އެވެ.

ސީއެންއެން އަށް ދެއްވި ބަސްދީގަތުމެއްގައި މެކޭން ވިދާޅުވީ އައިއެސް ޖަމާއަތާ ދެކޮޅަށް އެމެރިކާ އާއި އެމެރިކާގެ ބައިވެރިން ކުރާ ހަނގުރާމަ ކާމިޔާބު ނޫން ކަމަށާ ބަޣްދާދަށް ކުއްލި ޙަމަލާތަކެއް ދީގެން އެރަށްހިފުމުގެ އިތުރުން ބަޣްދާދު އިންޓަނޭޝަނަލް އެއަރޕޯޓް ކޮންޓްރޯލް ކުރުމުގެ އަސްކަރީ ގާބިލްކަން ވެސް އައިއެސްގެ ހަނގުރާމަވެރިންގެ ކިބާގައި އެބަހުރި ކަމުގަ އެވެ. މެކޭން ވަނީ އައިއެސް އާ ދެކޮޅަށް އެމެރިކާ ސަރުކާރުން ގެންގުޅޭ ސްޓްރެޓެޖީ ކާމިޔާބު ނޫން ކަމަށް ވިދާޅުވެ ރައީސް ބަރަކް އޮބާމާގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. މެކޭން ވިދާޅުވީ އެމެރިކާއާއި އެމެރިކާގެ ބައިވެރިން އައިއެސް ޖަމާއަތާ ދެކޮޅަށް ހަނގުރާމަ އިޢްލާންކޮށް ވައިގެ މަގުން ޙަމަލާތައް ދެމުންގެންދާތާ މަހަކަށްވުރެ ގިނަ ދުވަސްވެފައިވާއިރު އެޖަމާއަތް ބަލިކަށިވަމުންދާކަމުގެ އެއްވެސް އަލާމާތެއް ފެންނަން ނެތްކަމުގަ އެވެ.

އެމެރިކާގެ އިދިކޮޅު ރިޕަބްލިކަން ޕާޓީ އަށް ނިސްބަތްވެ ވަޑައިގަންނަވާ މެކޭން އަކީ އެމެރިކާގެ ކަނާތުފިޔައިގެ ހަރުކަށި ފިކުރަށް ނިސްބަތްވެ ވަޑައިގަންނަވާ ހަރުކަށި ޚިޔާލުގެ ބޭފުޅެކެވެ. އޭނާއަކީ ޓެރަރިޒަމާ ހަނގުރާމަ ކުރުމުގެ ނަމުގައި އިސްލާމީ ބައެއް ގައުމުތަކަށް އެމެރިކާ އަރައިގަތުމަށް ވެސް ކުރިން ގޮވާލައްވާފައިވާ ބޭފުޅެކެވެ. އަދި އިސްރާއީލުގެ ހަރުކަށިކަމާއި ޓެރަރިޒަމްގެ އަމަލުތަކަށް ހިއްވަރު ދެއްވައި އެތައްފަހަރަކު މެކޭން ވާހަކަ ދައްކަވާފައިވެ އެވެ.

އައިއެސް ޖަމާއަތާ ބަލިކުރުމަށް ރައީސް ބަރަކް އޮބާމާ އިޢްލާން ކުރައްވާފައިވާ ސްޓްރެޓެޖީއަށް ފާޑުވިދާޅުވަމުން މެކޭން ވިދާޅުވީ އެމެރިކާއާއި އެމެރިކާއާ ގުޅިފައިވާ ލަޝްކަރުތަކުގެ ވައިގެ ޙަމަލާތަކުން އެޖަމާއަތް ބަލިވަމުންދާތަން ނުފެންނަ ކަމަށާ އޭގެ ބަދަލުގައި ސޫރިޔާއާއި އިރާގުގެ ހަނގުރާމައިގެ މައިދާންތަކުގައި އައިއެސް ކާމިޔާބުތައް ހޯދަމުން ގެންދާތަން ފެންނަމުންދާ ކަމުގަ އެވެ. މެކޭން ވިދާޅުވީ އޮބާމާގެ ސްޓްރެޓެޖީ ކާމިޔާބު ނޫންކަން ހާމަވަމުންދާތީ އެސްޓްރެޓެޖީ އަލުން މުރާޖަޢާ ކުރަންޖެހިފައިވާ ކަމުގަ އެވެ. މިމޭރުމުން ވާހަކަ ދައްކަވަމުން ސެނެޓަރ މެކޭންވަނީ އައިއެސް ޖަމާއަތާ އެއްގަމު މަގުން ހަނގުރާމަކުރުމަށް ޓަކައި އިރާގުގެ ކުރުދީންގެ ބިޝްމަރުގާ ލަޝްކަރަށް ޒަމާނީ ހަތިޔާރު ފޯރުކޮށްދިނުމަށް ރައީސް ބަރަކް އޮބާމާގެ ސަރުކާރަށް ގޮވާލައްވާފަ އެވެ.

އަސްކަރީ ގިނަ ތަޖްރިބާކާރުން ވިދާޅުވާގޮތުގައި އެއްގަމު މަގުން ވަރުގަދައަށް ހަނގުރާމަނުކޮށް އައިއެސް ޖަމާއަތް ބަލިކުރަން ދަތިވާނެއެވެ. މެކޭން ވިދާޅުވީ އައިއެސް އެޖަމާއަތް ބަލިކޮށްލުމަށްޓަކައި އިރާގު ސިފައިންނަށާއި ކުރުދީ ހަނގުރާމަވެރިންނަށް ޒަމާނީ ހަތިޔާރު ފޯރުކޮށްދިނުމުގެ އިތުރުން ސޫރިޔާގެ ވައިގެ ސަރަހައްދުގައި އުދުހުންމަނާ ސަރަހައްދަކާއި ސޫރިޔާއާއި ތުރުކީއާ ދެމެދު ހަތިޔާރު ގެންގުޅުން މަނާ ސަރަހައްދެއްވެސް އިޢްލާން ކުރަންޖެހޭކަމުގަ އެވެ. މީގެއިތުރުން އައިއެސްއާ ދެކޮޅަށް ކުރާ ހަނގުރާމަ ސޫރިޔާގެ އެތެރޭގެ އެންމެ ފުނަށް ގެންދަންޖެހޭކަމަށްވެސް މެކޭން ވިދާޅުވި އެވެ.

އައިއެސް ޖަމާއަތުގެ ގިނަ ކޮމާންޑަރުންނަކީ އިރާގުގެ ކުރީގެ ރައީސް ސައްދާމް ޙުސައިންގެ ދުވަސްވަރު އިރާގުގައި އޮތް ޖުމްހޫރީ ލަޝްކަރުގެ ޒުވާން ކޮމާންޑަރުންގެ ގޮތުގައި ތިބި މީހުންކަމަށް ރިޕޯޓްތައް ބުނެ އެވެ. ނަމަވެސް އައިއެސް އަކީ އާދަޔާ ޚިލާފަށް ބާރުގަދަ ޖަމާއަތެއްކަމަށް ހަދައިގެން އެމެރިކާ އުޅެނީ މަކަރުވެރި މަގްސަދެއްގައި ކަމަށާ އައިއެސް ބާރުގަދަ ޖަމާއަތެއްގެ ގޮތުގައި ދެއްކުމަށް ހުޅަނގުގެ މީޑިޔާއިން މަސައްކަތްކުރާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. (ނޫސްއެޖެންސީތައް)