20 Oct 2014, 15:11
ޖަކާޓާ (އޮކްޓޫބަރު20) - އިންޑޮނޭޝިޔާގެ ޖާވާގެ ސުލަމް އަކަށް އުފަންވި ޖޯކޯ ވިޑޯޑޯ ދުނިޔޭގެ ހަތަރު ވަނަ އަށް އެންމެ އާބާދީ ބޮޑު، އިންޑޮނޭޝިޔާގެ ރައީސް ކަމަށް އިންތިހާބުވެ މިއަދު މަގާމުގެ ހުވާ ކުރައްވައިފި އެވެ.
ނިއުޔޯކް ޓައިމްސް އިން މިއަދު ބުނީ ޖޯކޯ،53، އަކީ ބޮޑުންގެ ތެރެއިން ނޫނީ މިލިޓަރީގެ ތެރެއިން ނޫން ގޮތަކަށް އިންޑޮނޭޝިޔާގެ ރައީސްގެ މަގާމު ކާމިޔާބު ކުރެއްވި ފުރަމަތަ ބޭފުޅާ ކަމަށެވެ. އަދި އޭނާގެ ހޯމް ޓައުންގެ ކުރީގެ މޭޔަރު، އެ މަގާމު ކާމިޔާބު ކުރެއްވީ އިންޑޮނޭޝިޔާގެ ކުރީގެ ރައީސް، ސުސިލޯ ބަމްބަންގު ޔުދުޔުނޯ ފަސް އަހަރުގެ ދެ ދަރުރު ފުރިހަމަ ކުރެއްވުމަށް ފަހު ފަހަތަށް ޖެހިވަޑައިގަތުމުންނެވެ.
ކީރިތި ގުރުއާ ބޯމައްޗަށް ނަންގަވައިގެން އަދި ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ ކުރިމަތިފުޅުގައި ޖޯކޯ ހުވާ ކުރެއްވި މަންޒަރު ޓީވީ އިން ދުރަށް ދެއްކި އެވެ. ޑިމޮކްރަސީ އަށް ވާސިލުވަމުން އަންނަ އިންޑޮނޭޝިޔާއަކީ ދުނިޔޭގެ އެންމެ ގިނަ މުސްލިމުން ދިރިއުޅޭ ގައުމެވެ. އަދި އެ ގައުމަކީ ސައުތު އީސްޓް އޭޝިޔާގެ އެންމެ ބޮޑު އިގްތިސާދު ވެސް އޮންނަ ގައުމެވެ.
މިއަދުގެ ރަސްމިއްޔާތުގައި ޖޯކޯގެ ނާއިބު ރައީސް ޖޫސަފު ކައްލާ ވެސް މަގާމުގެ ހުވާ ކުރެއްވި އެވެ.
ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތް ބޭރުގެ އިއްޒަތްތެރިންގެ ތެރޭގައި ސިންގަޕޫރުގެ ބޮޑު ވަޒީރު ލީ ހުސެން ލޫންގް އާއި އޮސްޓްރޭލިއާގެ ބޮޑުވަޒީރު ޓޯނީ އެބޮޓް އާއި އެމެރިކާގެ ސްކްރެޓަރީ އޮފް ސްޓޭޓް ޖޯން ކެރީ ހިމެނިވަޑައިގަންނަވަ އެވެ.
މިދިޔަ ޖުލައި މަހު 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ޖޯކޯ އެ މަގާމު ކާމިޔާބު ކުރެއްވީ، ޑިމޮކްރަސީ މޫމަންޓުން 1998 ވަނަ އަހަރު ވެރިކަމުން ދުރުކުރި، ކުރީގެ ހުދުމުހުތާރު ވެރިޔާ ސުހާޓޯގެ ދަނބިދަރިކަލުން، ބުރަބޯވް ސުބައިންޓޯ ބަލި ކުރެއްވުމަށް ފަހު އެވެ.
ނަމަވެސް ގާނޫނު ހަދާ މަޖިލީހުގެ ގިނަ ގޮނޑިތައް ކާމިޔާބުކޮށްފައި ވަނީ ބުރަބޯވް ސުބައިންޓޯ، ލީޑް ކުރައްވާ ކޯލިޝަނުން ކަމަށް ވުމުން ކުރިއަށް އޮތް ތަނުގައި ޖޯކޯ އަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
ޖޯކޯ، ސެންޓްރަލް ޖާވާ، ސުރަކަރާޓުގެ ގަވަރުނަރަކަށް އަދި މޭޔަރަކަށް ހުންނެވި އިރު ކޮރަޕްޝަންގެ ބައެއް އަމަލުތައް ހިންގަވާފައިވާ ކަމަށް ބުނެ، ބައެއް ސިޔާސީ ލީޑަރުން އަންނަނީ ޖޯކޯގެ މައްޗަށް މައްސަލަތައްް ފެންމަތި ވެސް ކުރަމުންނެވެ.
ދެ ފަރާތުގެ ހޫނު ތިރި ކުރުމަށް ދެ ބޭފުޅުން ވަނީ ހުކުރު ދުވަހު ބައްދަލުކުރައްވައިފަ އެވެ. އަދި މިއަދުގެ ހުވާ ކުރުމުގެ ރަސްމިއްޔާތަށް ބުރަބޯވް ސުބައިންޓޯ ވަޑައިގަތެވެ. ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޖޯކޯ، ބުރަބޯވް އަށް މަރުހަބާ ވިދާޅުވެ، ވިދާޅުވީ ބުރަބޯވް އަކީ "މައި ގްޑް ފްރެންޑް" ނޫނީ ގާތް ރައްޓެއްސެއް ކަމަށެވެ.
ޖޯކޯ އަކީ ކުރީގެ ކާޕެންޓަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ.