ދުނިޔޭގެ އަވައްޓެރި ޕްލެނެޓް ކަމަށްވާ މާސްއާއި 139،500 ކިލޯ މީޓަރު ދުރުން ދަތުރުކުރި "ސައިޑިންގް ސްޕްރިންގް"އިން ނަން ދީފައިވާ ކޮމެޓް (ދުންތަރި)، ޕްލެނެޓްއަކާ އެންމެ ކައިރިން ދަތުރުކުރި ކޮމެޓްއެއްގެ ރިކޯޑު ހޯދައިފި ކަމަށް ދަ ނެޝަނަލް އޭރަނޯޓިކްސް އެންޑް ސްޕޭސް އެޑްމިނިސްޓްރޭޝަން (ނާސާ)އިން ބުނެފި އެވެ.

ބީބީސީ އިން އިއްޔެ ބުނި ގޮތުގައި ޕްލެނެޓަކާއި އެންމެ ކައިރިން ދަތުރުކުރި ދުންތަރީގެ ރެކޯޑް ހޯދާފައިވާ ދުންތަރިއަކީ ހަތަރު ބިލިއަނަށް ވުރެ ގިނަ އަހަރު ކުރިން ދުނިޔެއާއިި އެތައް މިލިއަން ކިލޯ މީޓަރެއް ދުރުން ދަތުރުފަށާފައިވާ އަދި ސިކުންތެއްތެރޭގައި 56 ކިލޯ މީޓަރަށް ދަތުރުކުރާ ދުންތަރިއެއް ކަމަށް އެމެރިކާގެ ހޯދުންތެރިން ބުނެފައިވާ ކަމަށެވެ.

"ޕްލެނެޓްތަކާއި މާދުރުގައި ވައްކޮށް އޮންނަ ތަނަކަށް އަހަރުމެން ކިޔަނީ "އޫޓް ކްލައުޑްް". ވެދާނެ މިކޮމެޓް އަކީ އޫޓް ކްލައުޑް އިން އައި އެއްޗެއް ކަމަށް. އެހެންވީމާ މިކޮމެޓް އަކީ އިންސާނުން ދުނިޔެއަށް ވެސް އައުމުގެ ކުރިން ދަތުރުކުރަން ފެށި އެއްޗެއް އެކަމަކު އަދި ކިރިޔާ އަހަރުމެންނާއި ހިސާބަށް އެއާދެވުނީ." އެމެރިކާގެ ޖޯންސް ހޮޕްކިންސް ޔުނިވާސިޓީގެ އެޕްލައިޑް ފިޒިކްސް ލެބުގައި މަސައްކަތް ކުރާ ކޭރީ ލީސް ބީބީސީ އަށް ބުންޏެވެ.

"ސައިޑިންގް ސްޕްރިންގް"ކޮމެޓް ދަތުރުކޮށްފައިވާ މަގު ދައްކައިދޭ ކުރެހުމެއް---

"ސައިޑިން ސްޕްރިންގް" ކޮމެޓްއާ ބެހޭ ގޮތުން އިތުރަށް މައުލޫމާތު ހޯދާ އެކޮމެޓް ކިޔެވުމަށް ނާސާއިން ވަނީ މާސް ވަށައިގެން ދައުުރުކުރަމުން އައި ނާސާގެ ތިން ސެޓަލައިޓަކުން "ސައިޑިން ސްޕްރިންގް"ގެ ފޮޓޯ ވެސް ނަގާފައި ކަމަށް ބީބީސީ އިން ބުންޏެވެ. އެގޮތުން ނާސާގެ "މާސް ރީކޮނަސާންސް އޯބިޓާ" ސެޓަލައިޓު ވަނީ އެ ކޮމެޓުގެ ފޮޓޯ ނަގައި އޭގެ ބައްޓަން ދެނެގަނެވޭތޯ މަސައްކަތްކޮށްފަ އެވެ. އަދި އަނެއް ދެ ސެޓަލައިޓު ވަނީ އެކޮމެޓް އާއި ގުޅިގެން މާސްގެ ވަށައިގެންވާ އެޓްމޮސްފިއާ ނުވަތަ ވައިގެ ފަށަލައަށް އެއްވެސް ބަދަލެއްއައިތޯ ބަލާފައި ކަމަށް ވެސް ބީބީސީ އިން މައުލޫމާތު ދީފައިވެ އެވެ.

"ސައިޑިންގް ސްޕްރިންގް" ކޮމެޓް އެންމެ ފުރަތަމަ ފެނުނީ 2013 ވަނަ އަހަރު އޮސްޓްރޭލިއާގައި ހުންނަ ސައިޑިން ސްޕްރިންގް އޮބްޒަވޭޓަރީގެ މުވައްޒަފެއް ކަމަށްވާ ރޮބާޓް މެކްނޯޓް ކިޔާ މީހަކަށް ކަމަށް ވެސް ބީބީސީގައި ބުނެފައިވެ އެެވެ. އަދި އެކޮމެޓް އަށް ނަންދެވިފައި ވަނީ ވެސް އެއޮބްޒަވޭޓަރީގެ ނަމުންކަމަށް ވެސް އެނޫހުގައި ބުނެފައިވެ އެވެ."ސައިޑިން ސްޕްރިންގް"ގެ މިސްރާބު ހުރިގޮތުން ދުނިޔެ އަށް އެއްވެސް ބިރެއް ނެތް ކަމަށާއި އެކޮމެޓް އާއި ބެހޭގޮތުން ލިބިފައިވާ ހުރިހާ މައުލޫމާތެއް ވަރަށް އަވަހަށް އާންމުންނާއި ހިއްސާ ކުރާނޭ ކަމަށް ވެސް މީޑިއާގެ ރިޕޯޓުތަކުން ބުނެފައިވެ އެވެ.