20 Oct 2014, 14:07
ރ. އިންނަމާދޫގައި 83 އަހަރުގެ މީހަކު އެކަނިމާ އެކަނި ދިރުއުޅެމުން އަންނަ ގެއަކަށް ބަޔަކު ވަދެ ރޭ ފައިސާ ދަބަހެއް ވަގަށް ނަގައިފި އެވެ.
އެ ވައްކަން ކޮށްފައި ވަނީ އެ ރަށު، ހުސްނޫގޭ، ހުސެއިން މުހައްމަދުގެ ދިރިއުޅެމުން އަންނަ އޭނާގެ ގެއިންނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ރޭ ދަންވަރުގެ ވަގުތެއްގައި އިންނަމާދޫ ގެއަކަށް ބަޔަކު ވަދެ ވައްކަންކޮށް ހެދުމަށް ފަހު އޭނާ މޫދަށް އެއްލާލި ކަމަށް ބުނެ މިއަދު ހެނދުނު ފުލުހުން ނަަށް ހުށަހަޅާފައިވާ މައްސަލައެއް އެ އަތޮޅު އުނގޫފާރު ޕޮލިސް ސްޓޭޝަނުން، އިންނަމާދު އަށް ގޮސް ބަލަމުން އަންނަ ކަމަށެވެ. އަދި އެގެއިން ފައިސާތަކެއް ހުރި ދަބަހެއް ނަގައި އެގޭގައި ހުރި ބައެއް ތަކެއްޗަށް ގެއްލުންދީފައިވާ ކަމަށް ވެސް ރިޕޯޓްކޮށްފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
'
ނަމަވެސް އެ ރަށު ކައުންސިލްގެ ރައީސް އިބްރާހިމް ފަޔާޒް މިއަދު ސަން އަށް ވިދާޅުވީ އެމީހާގެ ގެއަށް ބަޔަކު ވަދެ ވައްކަން ކުރި ނަމަވެސް އެމީހާ މޫދަށް އެއްލާލި ކަމަށް ބުނާ ވާހަކައަކީ ހަގީގަތާއި ހިލާފު ވާހަކައެއް ކަމަށެވެ. އަދި އެމީހާ މިއަދު ހެނދުނު މޫދަށް ގޮސްގެން އުޅުނީ އަމިއްލައަަކަށް ކަމަށް ވެސް ކައުންސިލަރު ވިދާޅުވި އެވެ.
"އުމުރުން ދުވަސްވީ މީހަކު އެހެން މޫދުގައި އެކަނި އުޅޭތީ ފެނިގެން އެ ރަށުގެ މެޖިސްޓްރޭޓް އޭނާ ގެއަށް ގެންދިޔައީ. އޭނާ މޫދަށް ދިޔައީ އަމިއްލައަށް ކަމަށް ހުދު އެމީހާ ވެސް ބުނި. އެމީހާއަކީ އާއްމު އުސޫލުން ކޮންމެ ދުވަހަކު ވެސް ހެނދުނު މޫދަށް ގޮސް އުޅޭ މީހެއް. އެމީހާ އުޅޭ ގެެއަށް ބަޔަކު ވަދެ ވައްކަން ކުރި ކަމަށް ވަނީ." ފަޔާޒު ވިދާޅުވި އެވެ.
އުމުރުން ދުވަސްވީ އެމީހާގެ ގެއިން ވަގަށް ނަގާފައި ވަނީ ކިހާ އަދަދެއްގެ ފައިސާއެއްކަން ބުނެދޭން އެމީހާ އަށް ވެސް ނޭނގޭ ކަމަށް ފަޔާޒު ވިދާޅުވި އެވެ. އަދި އޭނާ އެކަނި އެގޭގައި ދިރިއުޅެމުން އަންނަ އިރު އޭނާ އަށް ކާންދީ ހަދަނީ އެ ރަށުގައި އުޅޭ އޭނާގެ ދަރިއެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކައުންސިލުން ބުނީ ވަގަށް ނެގި ކަމަށް ބުނާ އެ ފައިސާ އަކީ އުމުރުން ދުވަސްވީ މީހުންނަށް ސަރުކާރުން ދެމުން އަންނަ އިނާޔަތުގެ ފައިސާ ކަމަށެވެ. އަދި ކޮޮންމެ މަހަކު ވެސް ބޭންކްގެ މުވައްޒަފުން އެރަށަށް ދިއުމުން އެ ފައިސާ ނަގަން އޭނާ ރަށު ކައުންސިލަށްދާ ކަމަށް ވެސް ކައުސިލްގެ ރައީސް ވިދާޅުވި އެވެ.