އިމިގްރޭޝަނުން ބޯޑާ ކޮންޓްރޯލް ސިސްޓަމްގެ ޕްރޮޖެކްޓް ކުރިއަށް ގެންގޮސްފައިވަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށް ބުނެ، އެ ޕްރޮޖެކްޓް މިހާރު އޮތް ގޮތަށް ކުރިއަށް ނުގެންދިއުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން )އޭސީސީ( އިން އިމިގްރޭޝަނަށް އަންގައިފި އެވެ.

ބޯޑާ ކޮންޓްރޯލް ސިސްޓަމް ގާއިމްކުރުމަށް 500 މިލިއަން ރުފިޔާ އަށް މެލޭޝިޔާގެ ނެކްސްބިޒްއާ ހަވާލުކުރުމުގެ ޕްރޮޖެކްޓް އިމިގްރޭޝަނުން ކުރިއަށް ގެންގޮސްފައިވާ ގޮތް އޭސީސީން ބެލުމަށް ފަހު ނެރުނު ބަޔާނުގައި ބުނަނީ، އިމިގްރޭޝަނުން އެކަމުގައި އަމަލުކޮށްފައިވަނީ "ސަރުކާރުން މިފަދަ ކަންކަމަށް ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފަށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަން ކޮމިޝަނަށް ފާހަގަކުރެވިފައިވާ" ކަމަށެވެ. އަދި އެ ޕްރޮޖެކްޓް އަލުން ކުރިއަށް ގެންދެވޭނީ ނޭޝަނަލް ޕްލޭނިން ކައުންސިލް ނުވަތަ ކެބިނެޓުން ނިންމަވާ ގޮތަކަށް ކަމަށް ވެސް އޭސީސީގެ ބަޔާނުގައި ވެއެވެ.
~

"މި ޕްރޮޖެކްޓުގެ މަސައްކަތް އިތުރަށް ކުރިއަށް ގެންދަވާނަމަ، ނޭޝަނަލް ޕްލޭނިންގ ކައުންސިލަށް ނުވަތަ ވަޒީރުންގެ މަޖިލީހަށް ހުށަހަޅުއްވައިގެން އެ ފަރާތުން ނިންމަވާ ނިންމެވުންތަކާ އެއްގޮތަށް އާރްއެފްޕީ )ރިކުއެސްޓް ފޯ ޕްރޮޕޯސަލް( ތައްޔާރުކުރައްވައިގެން، އަލުން ބިޑް ކުރައްވައިގެން ކުރިއަށް ގެންދެވުމަށް 24 ޖެނުއަރީ 2011 ގައި ވަނީ ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނަށް އެންގިފަ،" ނެކްސްބިޒްއާ ހަވާލުކޮށް، އޮކްޓޯބަރު 16، 2010 ގައި އެގްރިމެންޓްގައި ސޮއިކޮށްފައިވާ ޕްރޮޖެކްޓާ ގުޅޭ ގޮތުން އޭސީސީން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

"ވިހި އަހަރަށް ދަމާލާފައިވާ" ބޯޑާ ކޮންޓްރޯލް ސިސްޓަމް ޕްރޮޖެކްޓް ނެކްސްބިޒްއާ ހަވާލުކުރުމުގައި އަމަލުކޮށްފައިވާ ގޮތަށް ބަލާއިރު "ވަކި ފަރާތަކަށް ފައިދާއެއް ހޯއްދަވައިދެއްވުމަށް މަސައްކަތްކުރައްވާފައިވާ ކަމަށް ބެލެވޭ" ކަމަށް ވެސް ވެސް އޭސީސީ ބުނެފައި ވެއެވެ. "މި މައްސަލަ މި ކޮމިޝަނުން މިގެންދަނީ އިތުރަށް ތަހުގީގުކުރަމުން،"

އެގޮތުން، ބޯޑާ ކޮންޓްރޯލް ސިސްޓަމާ ބެހޭ ގޮތުން އިމިގްރޭޝަނުން ޕްލޭނިން ކައުންސިލަށް ހުށަހަޅާފައިވާ މައުލޫމާތާއި އާރްއެފްޕީގެ ގޮތުގައި ފިނޭންސް މިނިސްޓްރީއަށް ހުށަހަޅާފައިވާ މައުލޫމާތުގައި "ވަރަށް ބޮޑު ތަފާތު" ތަކެއް އެބަ ހުރި ކަމަށް އޭސީސީން ބުނެފައި ވެއެވެ.

އެގޮތުން ފިނޭންސް މިނިސްޓްރީ އަށް ފޮނުވި ސިޓީގައި، ބޯޑާ ކޮންޓްރޯލް ސިސްޓަމްގެ އާރްއެފްޕީ ތައްޔާރުކޮށްފައިވަނީ ދުނިޔޭގައި ތަރައްގީވެފައިވާ ބޯޑާ ކޮންޓްރޯލް ސިސްޓަމްތައް ވެސް ތައްޔާރުކުރުމަށް ބޭނުންކޮށްފައި ހުންނަ ހުރިހާ ވަސީލަތެއްގެ ބޭނުންކޮށްގެން ކަމަށާއި އޭގެ ތެރޭގައި އިނގިލީގެ ނިޝާން ނެގުމާއި ފޮޓޯ ނެގުމާއި މޫނުގެ ސިފަ ދެނެގަތުމުގެ ގާބިލުކަން ހިމަނައިފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފައިވާ ކަމަށް އޭސީސީން ބުނެ އެވެ.

ނަމަވެސް، އިމިގްރޭޝަނުން އާއްމުކުރި އާރްއެފްޕީގައި މޫނުގެ ސިފަ ދެނެގަތުމުގެ ބައި )ފޭސް ރިކޮގްނިޝަން މޮޑިއުލް( ހިމަނާފައިނުވާ ކަމަށް އޭސީސީން ބުންޏެވެ. "މީގެ އިތުރުން ނޭޝަނަލް ޕްލޭނިން ކައުންސިލަށް ]އިމިގްރޭޝަން[ އުން ހުށަހެޅުއްވި ޑެކިއުމެންޓްތަކުގައި ހިމެނޭ މޮޑިއުލްތަކުގެ ތެރެއިން އެކްސްޕެޓްރިއޭޓް މޮނިޓަރިން މޮޑިއުލްއާއި، އިންޓެލިޖެންސް މޮޑިއުލްއާއި، ޕާސްޕޯޓް ޕްރޮޑަކްޝަން މޮޑިއުލްގެ އިތުރުން އީގޭޓްސް ޚިދުމަތް އާރް.އެފް.ޕީ ގައި ހިމެނިފައިނުވާކަން ފާހަގަކުރެވެ އެވެ،" ނުވަ މައްސަލަ އެއް ފާހަގަކޮށް ނެރުނު އޭސީސީގެ ބަޔާނުގައި ވެއެވެ.

މީގެ އިތުރުން ޕްރޮޖެކްޓުގެ "ރިކުއާމެންޓްސް" ނުވަތަ ފުރިހަމަ ކުރަން ޖެހޭ ކަންތައްތައް، އިމިގްރޭޝަނުން ޕްރޮޕޯސަލް ހުށަހެޅުމަށް ކުރި އިއުލާނުގައި ވެސް އަދި ނެކްސްބިޒްއާއެކު ސޮއިކުރި އެގްރިމެންޓްގައި ވެސް ނެތް ކަމަށް އޭސީސީން ބުންޏެވެ. އަދި އެއީ ޕްރޮޖެކްޓުގެ މަގުސަދު ހާސިލްކުރުމަށް ދަތިވެ، އެއްބަސްވުމުގައި ބަޔާންކޮށްފައި ނުވާ މަސައްކަތެއް ކުރަން ޖެހިއްޖެ ހާލަތެއްގައި "އިތުރު ޚަރަދުތަކެއް ހިނގާނެ" ކަމެއް ކަމަށް ވެސް އޭސީސީ އަށް ފެންނެ ކަމަށް ބުނެފައި ވެއެވެ.

އަދި ޕްލޭނިން ކައުންސިލުން ބޯޑާ ކޮންޓްރޯލް ސިސްޓަމާ ގުޅޭ ގޮތުން ނިންމާފައިވާ ނިންމުންތަކަށް އިމިގްރޭޝަނުން ބަދަލު ގެނެސްފައިވާ ކަމަށާއި އެއީ ގަވާއިދާ ޚިލާފަށް ކޮށްފައިވާ ކަމެއް ކަމަށް ވެސް އޭސީސީން ބުނެ އެވެ. އަދި ރިކުއެސްޓް ފޯ ޕްރޮޕޯސަލްގައި ބުނެފައިވާ ގޮތަށް ނެކްސްބިޒް އިން ޕަވާ އޮފް އެޓާނީގެ ލިޔުން ހުށަހަޅާފައި ނުވާ ކަން ވެސް އޭސީސީން ފާހަގަކުރެ އެވެ.

މީގެ އިތުރުން އޭސީސީން ބުނަނީ، ރާއްޖެ އެތެރެވާ ކޮންމެ ބިދޭސީއެއްގެ އަތުން ދެ ޑޮލަރާއި، ވިސާ ދޫކުރާ ކޮންމެ ބިދޭސީއެއްގެ އަތުން 15 ޑޮލަރުގެ ޓެކުހެއް ނެގުމަށް ނެކްސްޒިބްއާއެކު ވެފައިވާ އެގްރިމެންޓްގައި ބަޔާންކޮށްފައިވާ ނަމަވެސް، ރައްޔިތުންގެ މަޖިލީހުން އެފަދަ ފީއެއް ނެގޭ ގޮތަށް ޤާނޫނެއް ފާސްނުކުރަނީސް އެ ޓެކްސް ނެގޭނެ ކަމަށް ނުދެކޭ ކަމަށެވެ.

އަދި ނެކްސްބިޒްއާއެކު އެގްރިމެންޓުގައި ސޮއި ނުކުރަން އަންގާފައިވަނިކޮށް، އެކަން އިމިގްރޭޝަނުން ކުރިއަށް ގެންދިޔަ މައްސަލަ ވެސް އޭސީސީން ފާހަގަކޮށްފައި ވެއެވެ. އަދި އެ އެގްރިމެންޓާ ގުޅޭ ގޮތުން އޭސީސީން ބުނެފައި ވެއެވެ: "އެއްބަސްވުމުގެ ބައެއް މާއްދާތަކަށް ބަލާއިރު ދައުލަތަށް ނުއުފުލޭނެ ފަދަ ބުރަތަކެއް އުފުލަންޖެހިދާނެ ފަދަ މާއްދާތަކެއް މި އެއްބަސްވުމުގައި ހިމަނާފައިވޭ"

އެގޮތުން އެސީސީން ކަންބޮޑުވުން ފާޅުކޮށްފައިވާ ތިން މާއްދާގެ ތެރޭގައި، ރާއްޖޭގައި ޖީއެސްޓީއެއް ނަގައި ގޮތަށް ނިންމައިފިނަމަ، ކުންފުނީގެ ޓެކްސް ސަރުކާރުން މާފުކޮށްދޭން ޖެހޭނެ ކަމަށް ނުވަތަ ކުންފުނިން ނަގަމުންދާ ފީތައް ބޮޑުކުރުމުގެ އިޚުތިޔާރު ސަރުކާރުން އެ ކުންފުންޏަށް ދޭން ޖެހޭނެ ކަމަށް ބުނާ މާއްދާއެއް ހިމެނެ އެވެ.

އަދި މަގުބޫލު ސަބަބަކާ ނުލައި ސަރުކާރުގެ އިހުމާލުން އެއްބަސްވުން އުވާލަން ޖެހިއްޖެ ހާލަތެއްގައި ނެކްސްބިޒް އަށް ބަދަލުގެ ގޮތުގައި ބޮޑު އަދަދެއް ސަރުކާރުން ދައްކަން ޖެހޭ ގޮތަށް އޮތް މާއްދާއެއް ވެސް ހިމެނެ އެވެ.

"އެއްބަސްވުން އުވާލަން ޖެހިއްޖެ ނަމަ އު މުއްދަތާ ހަމައަށް ކުންފުނިން ކޮށްފައިވާ މަސައްކަތުގެ އަގު (ވެލިއު އޮފް ކޮމްޕްލީޓެޑް ވޯކްސް) ސަރުކާރުން ކުންފުންޏަށް ދޭން ޖެހޭނެ ކަމަށާއި އަދި އެގްރިމެންޓްގައި ބާކީ އޮތް މުއްދަތުގައި ރާއްޖެ އައިސް އަދި ފުރާނެ ކަމަށް ލަފާކުރެވޭ ބިދޭސީންނާއި އެ މުއްދަތުގައި ދޫކުރާނެ ކަމަށް އަންދާޒާ ކުރެވޭ ވޯކް ވިސާ ކާޑަށް ލިބޭނެ ކަމަށް އަންދާޒާކުރެވޭ ފައިސާ ވެސް ސަރުކާރުން ދައްކަން ޖެހޭނެ ކަމަށް އެއްބަސްވުމުގެ 12.3 ގައި ބަޔާންކޮށްފައިވޭ" އޭސީސީން ބުނެފައި ވެއެވެ.

އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން ނެކްސްބިޒްގެ ސަބަބުން އެއްބަސްވުން އުވާލަންޖެހިއްޖެ ނަމަ، "އެއްބަސްވުމުގެ 11.1.2 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން އެހެން ފަރާތެއް މެދުވެރިކޮށްގެން އެ ޕްރޮޖެކްޓުގެ މަސައްކަތް ކުރިއަށް ގެންދިޔުން ނޫން އެހެން ގޮތެއް ސަރުކާރަށް ނެތް" ކަމަށް ވެސް އޭސީސީން ބުނެ އެވެ.

އަދި އެ ޕްރޮޖެކްޓްގައި ސޮއިކޮށްފައިވަނީ އެޓާނީ ޖެނެރަލް އޮފީހުގެ ލަފާ ހޯދުމަށް ފަހު އެ ލަފައާ އެއްގޮތަށް ކަމަށް ކޮންޓްރޯލޯ އޮފް އިމިގްރޭޝަން އިލްޔާސް އިބްރާހިމް އޭސީސީ އަށް މައުލޫމާތު ދެއްވާފައިވާ ނަމަވެސް، "އެއްބަސްވުމުގައި ސޮއިކުރައްވައިފައިވަނީ އެދެއްވި ލަފައާ އެއްގޮތަށް އެއްބަސްވުން އިސްލާހު ކުރެވިގެން ނޫން ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ]އޭސީސީ އަށް[ މައުލޫމާތު ދީފައިވާ" ކަމަށް ވެސް އޭސީސީން ބުނެފައި ވެއެވެ.

އޭސީސީގެ މި ނިންމުމާ ގުޅޭ ގޮތުން ކޮންޓްރޯލާ އިލްޔާސް އަށް ގުޅާލުމުން ފޯނަށް ޖަވާބު ނުދެއްވާތީ އޭނާގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.


----

އިމިގްރޭޝަނުން ބޯޑާ ކޮންޓްރޯލް ސިސްޓަމްގެ ޕްރޮޖެކްޓް ކުރިއަށް ގެންގޮސްފައިވަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށް ބުނެ، އެ ޕްރޮޖެކްޓް މިހާރު އޮތް ގޮތަށް ކުރިއަށް ނުގެންދިއުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އިމިގްރޭޝަނަށް އަންގައިފި އެވެ.

"މި މައްސަލައާމެދު އަޅުގަނޑުމެންގެ ކޮމިޝަނަށް ގޮތެއް މިނިންމުނީ ދެންމެ. މީގެ ތަފުސީލުތައް ވަރަށް އަވަހަށް އަޅުގަނޑުމެން މިޑިޔާއާ އެބަ ހިއްސާކުރަން،" ކޮމިޝަންގެ ރައީސް ހަސަން ލުތުފީ ވިދާޅުވި އެވެ.

އިމްގްރޭޝަން ބޯޑާ ކޮންޓްރޯލާ ސިސްޓަމާބެހޭ ގޮތުން ހުށަހެޅުނު ޝަކުވާއެއް ބަލަން ބޭނުންވާތީ އެ ޕްރޮޖެޖްޓްގެ އެގްރީމެންޓްގައި ސޮއިކުރުން ފަސް ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިމިގްރޭޝަނަށް އަންގާފައި ވަނިކޮށް ބޯޑާ ކޮންޓްރޯލް ސިސްޓަމެއް ގާއިމު ކުރަން މެލޭޝިޔާގެ ނެކްސްބިޒްއާއެކު "ވިހި އަހަރަށް ދަމާލާފައިވާ" އެގްރިމެންޓެއްގައި ސޮއިކުރީ 16 އޮކްޓޫބަރު 2010ގަ އެވެ.

މެލޭޝިޔާގެ ނެކްސްބިޒުން ކުރާ ހަރަދު ސަރުކާރުން 20 އަހަރު ދުވަހުގެ ތެރޭގައި ދައްކާ ގޮތަށް ދިގު ދަމާލާފައިވާ ބޯޑާ ކޮންޓްރޯލް ސިސްޓަމްގެ މައްސަލައިގައި ވަނީ ކަންތައްތަކެއް ފެންމަތިވެފަ އެވެ. އެ ގޮތުން ބޯޑާ ކޮންޓްރޯލް ސިސްޓަމް ގާއިމުކުރުމަށް ބިޑް ހުޅުވާލި އިރު އިލެކްޓްރޯނިކް ބޯޑާ ގޭޓް ސިސްޓަމަކީ އޮޓޮމޭޓެޑް ފޭޝަލް ރިކޮގްނިޝަން ޓެކްނޮލޮޖީ އާއި ފިންގަ ޕްރިންޓް ޓެކްނޮލޮޖީ މެދުވެރިކޮށް މީހުންގެ މައުލޫމާތު ދެނެގަނެވޭނެވޭ އަދި އެ ސިސްޓަމް މެދުވެރިކޮށް ޓްރެވަލް ޑޮކިއުމަންޓް ރެކޯޑާއި ޕާސްޕޯޓާއި ވިސާ ޕާމިޓާއި ފިންގަޕްރިންޓް ޑޭޓާ ބޭސްގެ މައުލޫމާތު ވެސް ވަގުތުން ބެލެން ހުންނަން ޖެހޭނެ ސިސްޓަމެއް ކަމަށް ބުންޏެވެ. ނަމަވެސް 39 މިލިޔަން ޑޮލަރު ދިނުމުން މެލޭޝިޔާގެ ނެކްސްބިޒުން ހިފައިގެން މާލެ އައި ސިސްޓަމްގައި އެ ފަސޭހަތަކެއް ނުހިމެނެ އެވެ. (ތަފުސީލު އަންނަނީ)