20 Oct 2014, 13:29
ބައިނަލްއަގުވާމީ އެއާ ޓުރެފިކް ކޮންޓުރޯލަރުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން، އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓްގައި ހުންނަ އެއާ ޓްރެފިކް ޓަވާ ދައްކާލުމުގެ ހަރަކާތެއް ހިންގައިފި އެވެ.
މިއަދުގެ މުނާސަބަތުގައި ޓަވަރުގައި ކުރެވޭ މަސައްކަތްތައް ފުރަތަމަ ދައްކާލާފައި ވަނީ ދިވެހި ނޫސްވެރިންނަށެވެ.
އެއާ ޓުރެފިކް ކޮންޓުރޯލަރުންގެ ރާއްޖޭގެ ޖަމިއްޔާގެ ރައީސް ސައްދާމް އަހުމަދަށް ސަން އިން ކުރި ސުވާލަކަށް ޖަވާބް ދެއްވަމުން އޭނާ ވިދާޅުވީ މި ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެއާޕޯޓްގެ އެކި ދާއިރާތަކުގައި މަސައްކަތް ކުރައްވާ ފަރާތްތަކަށާއި ޓަވަރުގައި މަސައްކަތް ކުރާ މުއައްޒިފުންގެ އާއިލާ މެމްބަރުންނަށާއި ރައްޓެހިންނަށް އެޓަވަރުގައި މަސައްކަތް ކުރާ ގޮތް މިއަދު ދައްކާ ލުމަށް ނިންމާފައިވާ ކަމަށެވެ.

ސައްދާމް ވިދާޅުވީ އެޓަވަަރުގެ މަސައްކަތަށް މިހާރު ލިބިފައިވާ އެންމެ ބޮޑު ކުރިއެރުމަކީ ރާޑަރު ހަރުކުރެވި މަސައްކަތްތައް ފެށުން ކަމަށާއި ކުރިއާ ހިލާފަށް އެޓަވަރުގެ މަސައްކަތްތަށް ވަރަށް ފަސޭހަވެފައިވާ ކަމަށެވެ.
"އަޅުގަނޑުމެން ވަރަށް ފަހުރުވެވެރިވޭ އެއާޕޯޓް ޓަވަރަށް ދިމާވި އެއްވެސް މައްސަލައަކާ ހުރެ އެއްވެސް ފްލެއިޓަކަށް އަދި މުދަލަކަށް ވެސް މީހަކަށް ވެސް މިހާތަނަށް ގެއްލުމެއް ވެފައިނުވާތީ، އަޅުގަނޑުމެންގެ އުންމީދަކީ ކުރިއަށް އޮތްތަނުގައި ވެސް މިގޮތަށް މަސައްކަތް ކުރުން،" ސައްދާމް ވިދާޅުވި އެވެ.

އެއާޕޯޓް ޓަވަރުގައި 80 އަށް ވުރެ ކޮންޓުރޯލަރުން މަސައްކަތް ކުރާއިރު އެމީހުންނަކީ އިންޓަނޭޝަނަލް ފެންވަރަށް ތަމްރީނު ކުރެވިފައިވާ ފަރާތްތަކެއް ކަމަށް ސައްދާމް ވިދާޅުވި އެވެ.
އައިއެންއައިއޭގައި އިންނަ ޓަވަރުން ހަމައެކަނި އެއެއާޕޯޓްގެ 430 މޫވްމެންޓް ކޮންމެ ދުވަހަކު ވެސް ކޮންޓުރޯލް ކުރާކަމަށް އެޓަވަރުގެ އޮފިޝަލަކު ވިދާޅުވި އެވެ.
އެއާ ޓުރެފިކް ކޮންޓުރޯލަރުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިއަދު ހެނދުނު އެއިދާރާގައި ވަނީ ކޭކު ފެޅުމުގެ ހަފްލާއެއް ވެސް ބާއްވާފަ އެވެ.