20 Oct 2014, 13:24
ރަށް ގިރުމުގެ މައްސަލަ އާއި އުދައެރުމުގެ މައްސަލަ ބޮޑުވުމާ ގުޅިގެން ގދ. ފަރެސްމާތޮޑާގެ ގޮނޑުދޮށުގެ ސަރަހައްދެއްގައި ބޮޑުހިލަޖަހައި ގޮނޑުދޮށް ހިމާޔަތްކުރަން ބަޔަކާ ހަވާލުކޮށްފި އެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މަޝްރޫއު ހަވާލުކޮށްފައި ވަނީ އެމްޓީ ހީގާޑް ނަމަކަށްކިޔާ ބޭރުގެ ކުންފުންޏަކާ އެވެ. އެއްބަސްވުމުގައި އެންވަޔަރަންމަންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމް އެވެ. އެމްޓީ ހޯގާޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޕްރޮޖެކްޓް މެނޭޖަރު ކެނެތު އެވެ.
ސޮއިކުރެއްވުމަށް ފަހު މިނިސްޓަރު ތޯރިގު ވިދާޅުވީ އެ ޕްރޮޖެކްޓުގެ މަސައްކަތް ކުރެވެމުން ދާނީ ސަރުކާރާއި ބޭރުގެ އެހީގައި ކަމަށެވެ. އެގޮތުން މުޅި ޕްރޮޖެކްޓުގެ އަގަކީ ޖުމްލަ 37.8 މިލިއަން ރުފިޔާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އެ ޕްރޮޖެކްޓުގެ ދަށުން ފަރެސްމާތޮޑާގެ ފުއްޓަރުފަރާތުގައި 734 މީޓަރަށް ބޮޑުހިލަ ޖަހާނެ ކަމަށާއި އެ ޕްރޮޖެކްޓްގެ މަސައްކަތް 210 ދުވަހުގެ ތެރޭގައި ނިންމާނެ ކަމަށެވެ.
"ފަރެސްމާތޮޑާ މީގެ ކުރިން ދެރަށެއްގެ ގޮތުގައި އޮތް ނަމަވެސް އެ ދެރަށް ގުޅުވާލުމަށް ފަހު އެ ރަށަށް އުދައެރުމާއި ރަށް ގިރުމުގެ މައްސަލަ ވަރަށްބޮޑަށް ކުރިމަތިވެފައިވޭ. ރަށް ގިރުމުގެ މައްސަލަ ހައްލުވެއްޖެ ނަމަ އެ ރަށެއްގެ ތަރައްގީ އަށް ވެސް އިތުރު ފުރުސަތުތައް ލިބިގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
އެމްޓީ ހޯގާޑްގެ ޕްރޮޖެކްޓް މެނޭޖަރު ކެނެތު ވިދާޅުވީ ފަރެސްމާތޮޑާގައި ބޮޑުހިލަ ޖެހުމުގެ ޕްރޮޖެކްޓަކީ މުހިންމު ޕްރޮޖެކްޓެއް ކަމުން އެ ޕްރޮޖެކްޓް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ނިންމުމަށް އިސްކަން ދެއްވައިގެން މަސައްކަތް ކުރާނެ ކަމަށެވެ.