ހައިކޯޓު ހިންގެވުން އެ ކޯޓުގެ ފަނޑިޔާރު އަލީ ސަމީރާއި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހަވާލުކުރައްވައިފި އެވެ.

ހައިކޯޓުގެ މީޑިއާ އޮފިޝަލް އަމީން ފައިސަލް ވިދާޅުވީ އެ ކޯޓު ވަގުތީ ގޮތުން ހިންގެވުން ސަމީރާ ހަވާލުކުރެއްވީ މިއަދު ކަމަށެވެ. އެހެންކަމުން މިއަދުން ފެށިގެން އެ ކޯޓަށް ފޮނުވާ ސިޓީތައް އެޑްރެސްކުރަން ވާނީ ހިންގުމާ ހަވާލުވެ ހުންނެވި ފަނޑިޔާރު ސަމީރަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ހައިކޯޓު ހިންގެވުން ވަގުތީ ގޮތުން ފަނޑިޔާރަކާ ހަވާލުކުރައްވާފައި ވަނީ އެ ކޯޓުގެ އިސް ފަނޑިޔާރު އަހްމަދު ޝަރީފް އަލީގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވުމާ ގުޅިގެން އޭނާ ޖުވެނައިލް ކޯޓަށް ބަދަލުކުރައްވާފައި ވާތީ އެވެ.

ޝަރީފް އިސްފަނޑިޔާރުކަމުން ދުރުކުރި ފަހުން އެންމެ ފުރަތަމަ އެ ކޯޓު ހިންގެވީ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމެވެ. އޭގެފަހުން މިހާތަނަށް އެ ކޯޓު ހިންގެވުމާ ހަވާލުވެ ހުންނެވީ ފަނޑިޔާރު އަބްދުﷲ ހަމީދެވެ.

އިސްފަނޑިޔާރަކު ނެތް ކޯޓުތަކުގެ ހިންގެވުން ކޮންމެ ހަ މަހަކުން ފަނޑިޔާރަކާ ހަވާކުކުރެއްވުމުގެ އުސޫލެއް ޖޭއެސްސީން ވަނީ އާންމުކޮށްފަ އެވެ.