ރައްޔިތުންގެ މަޖިލީހުގައި އެމްޑީއޭގެ ފަސް މެމްބަރުން ތަމްސީލުކުރާ ދާއިރާތަކުގެ ތަރައްގީގެ މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ބަޖެޓުގައި ހިމަނައި ދިނުމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުން ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދުގެ ކިބައިން އެދިއްޖެ އެވެ.

މިއަދު ހެނދުނު 10:00 އިން 11:30 އަށް ކުރިއަށް ދިޔަ އެ ބައްދަލުވުމާ ގުޅޭ ގޮތުން ސަން އަށް މައުލޫމާތު ދެއްވަމުން އެމްޑީއޭގެ ނައިބު ލީޑަރު އަދި ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހްމަދު އާމިރު މިއަދު ވިދާޅުވީ މަޖިލީހުގައި އެ ޕާޓީ ތަމްސީލު ކުރާ ފަސް މެމްބަރުންގެ ދާއިރާތަކުގެ ތަރައްގީއަށް ބޭނުންވާ ކަންތައްތައް ފިނޭންސް މިނިސްޓަރަށް ހިއްސާކުރައްވާފައިވާނެ ކަމަށެވެ.

އާމިރު ވިދާޅުވީ ޕާޓީގެ ލީޑަރު މިވަގުތު ރާއްޖޭގައި ނޫޅުއްވި ކަމުގައި ވިޔަސް ލީޑަރުގެ ކަންބޮޑުވުންތައް ވެސް މިއަދުގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރަށް ހިއްސާކުރެއްވި ކަމަށެވެ.

އޭނާ ވިދާޅުވީ ތަރައްގީ ގެނެވޭނީ އާބާދީ އެއްފަސްކޮށްގެން ކަމަށާއި ޚާއްސަކޮށް އާބާދީ ބޮޑެތި ރަށްތަކަށް އަމާޒުކޮށްގެން ބަޖެޓުގައި ހިމެނޭ ކަންތައްތައް އަހަރުން އަހަރަށް ތަންފީޒުވެގެން ދިޔުމުގެ މުހިންމުކަމުގެ މައްޗަށް އެބައްދަލުވުމުގައި އެބޭފުޅުން ވާހަކަ ދެއްކެވި ކަމަށެވެ.

ރާއްޖޭގެ ރަށްތަކުގައި މީހުން ދިރިއުޅޭނަމަ އެރަށެއްގެ ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދޭންޖެހޭނެ ކަމަށާއި އެފަދަ ޚިދުމަތްތައް ފޯރުކޮށްނުދެވޭ ނަމަ އާބާދީ ބޮޑެތި ރަށްތަކަށް އެފަދަ ރަށްރަށުގެ ރައްޔިތުން ބަދަލުކުރުމުގެ މުހިންމުކަމުގެ މައްޗަށް ވެސް އެމްޑީއޭގެ މެމްބަރުން ވަނީ ވާހަކަ ދައްކަވާފަ އެވެ.

އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައި ވަނީ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހްމަދު އާމިރު އާއި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަދި އެމްޑީއޭގެ ނައިބު ލިޑަރު އަލީ މައުރޫފާއި މަނަދޫ ދާއިރާގެ މެމްބަރު އުމަރު ހުސައިންގެ އިތުރުން ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލެވެ.