20 Oct 2014, 12:42
މޯލްޑިވްސް ބާސްކެޓް ބޯލް އެސޯސިއޭޝަނުން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދާ 22 ވަނަ އެމްބީއޭ ޗެމްޕިއަންޝިފްގައި ރޭގައި ކުޅުން މެޗުގެ އެންމެ ފަހު ހަތަރު ސިކުންތުގައި ހޯދި ޕޮއިންޓާއެކު އާރުއެލް ސިޓީ ކައިރިން ވީ ޔުނައިޓް މޮޅުވެއްޖެ އެވެ.
މެޗުގައި ދެ ޓީމުން ވެސް ވަނީ ފުރިހަމަ ކުޅުމެއް ދައްކައިފަ އެވެ. ހާފު ނިމުގެ ކުރިން ދެ ޓީމުން ކޮންމެ ފަހަރަކު ވެސް ވަނީ ނަތީޖާ އެއްވަރުކޮށްފަ އެވެ. އެއީ 8-8، 18-18، 30-30، 42-44 އެވެ.
ދެ ޓީމުން މޮޅު ކުޅުމެއް ދެއްކި ކަމުގައިވި ނަމަވެސް މޮޅުވި ޓީމު އަތުން ވަނީ ގިނަ ފުރުސަތުތަކެއް ގެއްލިފަ އެވެ. ރޭގެ މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ އާރުއެލް ސިޓީގެ ޖާޒީ ނަމްބަރު 11 ޒާއިބު އެވެ.
އެމްބީއޭ ޗެމްޕިއަންޝިޕްގައި މިރޭ ކުޅޭ މެޗުގައި ބައްދަލު ކުރާނީ ކްލަބް ޕީކޭ އާއި ޔޫއެންއެފް 2030 ގައި ސޯޝަލް ސެންޓަރުގަ އެވެ.
އެ މުބާރާތުގައި 11 ޓީމަކުން ބައިވެރި ވެފައިވެ އެވެ. އެއީ ރެޑްލައިން ކްލަބާއި ޓީ-ރެކްސް ބީސީ އާއި ދިވެހި ސިފައިންގެ ކްލަބާއި ހަރިކޭން ބީސީ އާއި ޔޫއެންއެފް އެވެ. މީގެ އިތުރުން ދަ ބައުސް އާއި ސައިކްލޯން ބީސީއާއި ސްޓިންގާސް ބީސީ އާއި ކްލަބް ޕީކޭ އާއި ވީ ޔުނައިޓެޑް އަދި އާރުއެލް ސިޓީވެސް މުބާރާތުގައި ބައިވެރި ވެފައިވެ އެވެ.