20 Oct 2014, 12:36
ސްޕެއިންގެ ޑޭވިޑް ފެރާ ބަލިކޮށް އިނގިރޭސި ވިލާތުގެ އެންޑީ މަރޭ އާސްޓޭ އޮޕަން ކާމިޔާބުކޮށްފި އެވެ. އޮސްޓްރިއާގެ ވެރިރަށް ވިއެނާގައި ކުރިއަށް ދިޔަ އެ މުބާރާތުގެ ފައިނަލް މެޗުގައި ފެރާގެ މައްޗަށް މަރޭ ކުރި ހޯދީ ފަހަތުން އަރައި 5-7، 6-2 އަދި 7-5 ންނެވެ.
ވިއެނާގެ އަސްޓްރޯ އެރީނާގައި ކުޅުނު މި މެޗުގެ ފުރަތަމަ ސެޓުގައި ފެރާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ ނަމަވެސް މަރޭ ވަނީ ފަހު ދެ ސެޓުގައި ހިތްވަރުގަދަ ކުޅުމެއް ދައްކައި އޭނާގެ ފުރަތަމަ އާސްޓޭ އޮޕަން މުބާރާތް ކާމިޔާބުކޮށްފަ އެވެ. މިއީ ތިން ހަފްތާ ތެރޭގައި ސްކޮޓްލޭންޑްގެ ކުޅުންތެރިއާ ކާމިޔާބުރި ދެވަނަ މުބާރާތެވެ.
އޭޓީޕީ އެކި އެކި މުބާރާތްތަކުގައި މިހާތަނަށް 16 ފަހަރެއްގެ މަތިން މި ދެކުޅުންތެރިން ވާދަކޮށްފައިވާ އިރު މަރޭ ވަނީ އަށް ފަހަރު ފެރާގެ މައްޗަށް ކުރި ހޯދާފަ އެވެ.
އެ މުބާރާތުގެ ތަށި މަރޭ އުފުލާލުމާ ގުޅިގެން އޭނާ ވެގެން ދިޔައީ ޓެނިހުގެ ތާރީޚުގައި 30 އަށްވުރެ ގިނަ މުބާރާތް ކާމިޔާބުކުރި ފަސް ވަނަ ކުޅުންތެރިއާ އަށެވެ. މި ލިސްޓުގައި ދެން ހިމެނޭ (މޮޑަން އީރާ)ގެ ކުޅުންތެރިންތަކަކީ މިހާރު ދުނިޔޭގެ އެއްވަނާގައި ރޭންކް ކުރެވިފައިވާ ސާބިއާގެ ނޮވަކް ޖޮކޮވިޗް އާއި ސްވިޓްޒަލޭންޑްގެ ތަރި ރޮޖާ ފެޑެރާގެ އިތުރުން ސްޕެއިންގެ ރަފޭލް ނަޑާލް އެވެ.
އުމުރުން 27 އަހަރުގެ ކުޅުންތެރިއާ އަންނަނީ މިދިޔަ މަހު އެމެރިކާގެ ނިއު ޔޯކްގައި ނިމިގެން ދިޔަ އަހަރުގެ އެންމެ ފަހުގެ ގްރޭންޑް ސްލޭމް މުބާރާތް ކަމަށްވާ ޔޫއެސް އޮޕަން އަށްފަހު ޓެނިސް ކޯޓުގައި ރަނގަޅު ކުޅުމެއް ދައްކަމުންނެވެ.
މަރޭ އާސްޓޭ އޮޕަން ކާމިޔާބު ކުރުމާ ގުޅިގެން އޭނާ ވަނީ އަންނަ މަހު ލަންޑަންގައި އޮންނަ ބާކްލޭސް އޭޓީޕީ ވޯލްޑް ޓުއާ ފައިނަލްސްގެ ޖާގަ އަކާ ކައިރިއަށް ޖެހިލާފަ އެވެ. މި މަސް ނިމޭ އިރު އޭޓީޕީ ރޭންކިންގެ އެންމެ ކުރީގައި އުޅޭ އަށް ކުޅުންތެރިން ލަންޑަންގައި އޮންނަ ފައިނަލްސްގައި ވާދަކުރާ އިރު މަރޭ މިހާރު އޮތީ ރޭންކިންގެ 11 ވަނައިގަ އެވެ. ނަމަވެސް މި ހަފްތާ ތެރޭގައި ފަށާ ވެލެންސިއާ އޮޕަން އާއި ޕެރިސް މާސްޓާސްގައި ރަނގަޅު ހިސާބަކަށް ދެވިއްޖެ ނަމަ މަރޭ އަށް ގަދަ އަށް ކުޅުންތެރިންގެ ތެރެއިން ޖާގަ ކަށަވަރު ވެގެންދާނެ އެވެ.