24 Jan 2011, 16:02
ކައުންސިލް އިންތިހާބަށް އެމްޑީޕީގެ ކެމްޕޭނު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ރޭ މަގުމައްޗަށް ނުކުމެވަޑައިގެން އުޅުއްވަނިކޮށް އެމަނިކުފާނާ ބަޔަކު ކުރިމަތިލައި އަޑުގަދަކޮށްފި އެވެ.
މަންޒަރު ދުށް ސަން ގެ ޖާނަލިސްޓަކު ބުނީ، ރޭ 9:15 އެހާކަންހާއިރު މާވެޔޮމަގާއި ބުރުޒު މަގާ ގުޅުނު ކަންމަތީގައި ހުރި ކޯރުކެނޑި ޖަގަހަ ކައިރިން ރައީސް ނަޝީދު ހިންގަވައިފައި ވަޑައިގަންނަވަނިކޮށް އަޑުގަދަ ކުރާ ހިފައިގެން ތިބި ދިހަ ވަރަކަށް މީހުން އެއްވެ، އެމަނިކުފާނާ "ކޮންފްރަންޓް" ކުރި ކަމަށެވެ. އަދި ރައީސް ނަޝީދު ފަހަތުން އަޑުގަދަކުރަމުން އެމީހުން ދިޔަ ކަމަށް ވެސް އޭނާ ބުންޏެވެ.
އަދި އެ ސަރަހައްދުގައި ހުންނަ އެމްޑީޕީގެ ސަޕޯޓު އޮންނަ ގެއަކަށް ރައީސް ނަޝީދު ވަދެވަޑައިގެންނެވުމުން ވެސް ބޭރުގައި ތިބެ، އެމީހުން ދިޔައީ އަޑުގަދަކުރަމުން ކަމަށް ވެސް އޭނާ ބުންޏެވެ.
"އެމީހުން ހުތުރު ނަންނަމުން ރައީސާ މުޚާތަބު ކުރި. އަރަބިއްޔާ ބަނޑުއަޅާލިއޭ، އަދި ސަރަނގު އާދަމް މަނިކަށް ވޯޓު ނުދޭނަމޭ އެމީހުން ގޮވަމުންދިޔަ،" ސަންގެ ނޫސްވެރިޔާ ބުންޏެވެ.
އޭނާ ބުނި ގޮތުގައި ރައީސް ނަޝީދާ ދިމާކުރަން ތިބި މީހުން އެކަން ހުއްޓާލާފައި ދުރަށް ދިޔައީ، ބުރުޒު މަގުގައި ހުރި ސަރަނގު އާދަމް މަނިކުގެ ކެމްޕޭނު ޖަގަހަ އަށް ރައީސް ވެދެވަޑައިގަތުމުންނެވެ.
"އެޖަގަހައާ ދިމާއަށް ރައީސް ވަޑައިގެންނެވިއިރު އެމީހުން އަޑުގަދަ ކުރަން ތިބެފައި ހިނގައްޖެ،"
ސަންގެ ޖާނަލިސްޓް ބުނި ގޮތުގައި، އެއްޗެހި ގޮވި މީހުންނާ ދެކޮޅަށް ރައީސް ނަޝީދު އެއްވެސް ފިވަޅެއް އެޅުއްވުމަކަށް ނާންގަވަ އެވެ. އަދި އެ ސަރަހައްދުގައި އިތުރު އެއްވެސް ހަމަނުޖެހުމެއް ވެސް ނުހިނގަ އެވެ.
އެކަން ހިނގި އިރު ރައީސާއެކު ހުންނެވި މައްޗަންގޯޅި ދެކެނު ދާއިރާގެ ކެންޑިޑޭޓް އާދަމް މަނިކު ރޭ ވިދާޅުވީ، ރައީސް ނަޝީދާ އެކު ޑޯ ޓު ޑޯ ކެމްޕޭނު ކުރައްވަން އުޅުއްވަނިކޮށް ދެތިން މީހަކު އެތަނަށް ގޮސް، އަޑުގަދަކުރި ކަމަށެވެ. އަދި އެއީ ޑީއާރްޕީގެ ސަޕޯޓް އޮންނަ ސަރަހައްދެއް ކަމަށާއި އެއްޗެހި ގޮވި މީހުން އެނޫން އެއްވެސް ހަމަނުޖެހުމެއް ނުހިންގާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެއީ ދެން ޑީއާރްޕީގެ ސަޕޯޓު މާ ގަދައަށް އޮންނަ ސަރަހައްދެއް. އެކަމަކު އެ ސަރަހައްދުތަކަށް ވެސް ނާރާ ތިބެވޭކަށެއް ނެތް،" މާލެ މުނިސިޕަލިޓީގެ ރައީސް އާދަމް މަނިކު ވިދާޅުވި އެވެ.
ފުލުހުން ބުނީ، ރައީސް ނަޝީދާ ބަޔަކު ދިމާކުރި ކަމުގެ މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައި ނުވާ ކަމަށެވެ.
ނަމަވެސް ރައީސް ނަޝީދު އަރިހުގައި ސިކިއުރިޓީންނާއި ސަޕޯޓަރުން ވެސް ތިއްބި ކަމަށް ސަންގެ ނޫސްވެރިޔާ ބުންޏެވެ.