14:30


ސިޔާސީ ޕާޓީތަކުން މިދިޔަ މަހުގެ ނިޔަލަށް ބާރަ ހާހަށްވުރެ ގިނަ ފޯމް ހުށަހަޅާފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފި އެވެ.


އިލެކްޝަން ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު މިއަދު ވިދާޅުވީ މިދިޔަ މަހުގެ ނިޔަލަށް ސިޔާސީ ހަތް ޕާޓީ އަކުން 12،529 ފޯމް ހުށަހަޅާފައިވާ ކަމަށާއި އެ ފޯމް ތަކުގެ ތެރެއިން އެންމެ ގިނަ ފޯމް ހުށަހަޅާފައި ވަނީ ޑީއާރުޕީއާއި އެމްޑީޕީން ކަމަށެވެ. އެއީ ޑީއާރުޕީން 6،531 ފޯމާއި އެމްޑީޕީން 4،234 ފޯމް ކަމަށް ފުއާދު ވިދާޅުވި އެވެ.


މެންބަރުން ގިނަ ކުރުމަށް ޑީއާރުޕީއާއި އެމްޑީޕީން ކުރާ މަސައްކަތުގެ އިތުރުން އެހެން ޕާޓީތަކުން ވެސް އެ ޕާޓީތަކުގެ މެންބަރުން އިތުރުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ފުއާދު ވިދާޅުވި އެވެ.


ފުއާދު އިތުރަށް ވިދާޅުވީ ވޭތުވެދި މަހުގެ ނިޔަލަށް ޕާޓީތަކަށް ވަނުމަށް ބާރަ ހާހެއްހާ ފޯމް އެ ކޮމިޝަނަށް ހުށަހަޅާފައި ވަނީ ޕާޓީތަކުގެ މެންބަރުންނަށް ނޭނގި އެހެން ޕާޓީތަކަށް ރަޖިސްޓްރީ ކުރާ މައްސަލަ ހައްލު ކުރުމަށްޓަކައި މިމަހުން ފެށިގެން އާ ފޯމަށް އަމަލް ކުރުމަށް އެ ޕާޓީތަކަށް އެންގުމާ ގުޅިގެން ކަމަށެވެ. މިމަހުން ފެށިގެން އިލެކްޝަންސް ކޮމިޝަނުން ތައްޔާރުކޮށްފައިވާ އާ ފޯމް ހުށަހެޅުމަށް އެކޮމިޝަނުން ޕާޓީތަކަށް އަންގާފައި ވީނަމަވެސް އަދި މިހާތަނަށް އެއިން އެއްވެސް ފޯމެއް ހުށަހަޅާފައި ނުވާ ކަމަށް ފުއާދު ވިދާޅުވި އެވެ.