ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގައި ހިންގާ މަޝްރޫއެއްގައި އެންމެ ކުޑަކޮށް އިންވެސްޓް ކުރެވޭނެ އަދަދަކީ 150 މިލިއަން އެމެރިކާ ޑޮލަރު ކަމަށް ރައީސްގެ ގަރާރަކުން ނިންމައި ގެޒެޓްކޮށްފި އެވެ.

އެ ގަރާރުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެފައި ވަނީ އެސްއީޒެޑުގައި އިންވެސްޓް ކުރުމުގެ އެންމެ ދަށް އަދަދު ކަނޑައެޅުއްވީ ބޯޑު އޮފް އިންވެސްޓްމަންޓްގެ ލަފާގެ މަތިން ކޮންމެ އަހަރަކު ވެސް އިންވެސްޓްކުރާނެ އަދަދު ރައީސް ކަނޑައެޅުއްވުމަށް އެސްއީޒެޑުގެ ގާނޫނުގައި ބަޔާންކޮށްފައި ވާތީ ކަމަށެވެ.

ރައީސްގެ އެ ގަރާރުގައި ވަނީ ދިވެހި ރާއްޖޭގައި ގާއިމްކުރާ ސްޕެޝަލް އިކޮނޮމިކް ޒޯނެއްގައި ހިންގިދާނެ އިގްތިސޯދީ މަސައްކަތްތައް ވެސް ބަޔާންކޮށް ދެއްވާފަ އެވެ.

އޭގެތެރޭގައި ޓްރާންޝިޕްމަންޓް ޕޯޓާއި އިންޓަނޭޝަނަލް ލޮޖިސްޓިކްސް، ޕޯޓް، އެއާޕޯޓް، ބަލްކް ބްރޭކިން، ބަންކަރިން، ޑޮކިން ސާވިސް، ޔުނިވާސިޓީ، ޓާޝަރީ ހޮސްޕިޓަލް، ސުޕާ ސްޕެޝަލިޓީ ހޮސްޕިޓަލް އަދި ދުނިޔޭގެ ފެންވަރުގެ ރިސާޗް އެންޑް ޑިވެލޮޕްމަންޓް ފެސިލިޓީތައް ހިމެނެ އެވެ.

އޭގެ އިތުރުން ދުނިޔޭގެ ފެންވަރުގެ އައިސީޓީ ޕާކް އަދި އައިސީޓިއާ ގުޅޭ ވަސީލަތްތަކާއި އިންޓަނޭޝަނަލް ފައިނޭންސިއަލް ސާވިސްގެ އިތުރުން ހަކަތައިގެ ދާއިރާއާއި އޮއިލް އެންޑް ގޭސް އެކްސްޕްލޮރޭޝަންގެ މަސައްކަތްތަކާއި ރާއްޖޭގައި ނެތް ޓެކްނޮލޮޖީއެއް ރާއްޖެއަށް އާންމުކުރުމަށް ހިންގޭ މަސައްކަތްތައް ހިމެނެ އެވެ.

އެ ގަރާރަށް އަމަލުކުރާނީ އެ ގަރާރުގައި ހިމަނާފައިވާ ކަންކަން މުރާޖައާކުރުމަށް ފަހު އެސްއީޒެޑްގެ ގާނޫނުގެ ދަށުން ރައީސް އެހެން ގަރާރެއް އިއުލާނު ކުރުމާ ހަމައަށެވެ.