ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އިން އިންތިޒާމްކޮށް މައިލޯއިން ސްޕޮންސާ ކޮށްގެން ކުރިއަށް ގެންދިޔަ މައިލޯ ފުރަތަމަ ބިގް މެޗުގައި ތާޖުއްދީން ސްކޫލް ކައިރިން ޖަމާލުއްދީން ސްކޫލު ފަސޭހަކަމާ އެކު މޮޅު ވެއްޖެ އެވެ.

ޓޯސް ދިމާވުމުން ޖަމާލުއްދީން ސްކޫލް ކުޅެން އަރާ 16 އޯވަރުގެ ތެރޭގައި ތިން ކުޅުންތެރިން ނުބައިވެ 81 އެއް ލަނޑު ހަދާފައިވެ އެވެ. ޖަމާލުއްދީން ސްކޫލު ޓީމުން އެންމެ މޮޅު ކުޅުމެއް ދައްކާފައިވަނީ 36 ލަނޑު ޖެހި ޓީމުގެ ކެޕްޓަން އިސްހާޤު އީސާ މުޒަންމިލެވެ.

ޖަވާބުގައި ތާޖުއްދީން ކުޅެންއަރާ ހުރިހާ ކުޅުންތެރިން ނުބައިވި އިރު 16 ލަނޑު ހަދާފައިވެ އެވެ. ޖަމާލުއްދީން ސްކޫލުން ޔައުގޫބު ދެ ވިކެޓް ނަގާފައިވާ އިރު އިސްހާގު ތިން ވިކެޓް ނަގާފައިވެ އެވެ. އަދި އައިހަމް އެއް ވިކެޓް ނަގާފައިވާ އިރު މުހައްމަދު އަފްސާހު ވަނީ 2.2 އޯވަރު ތެރޭގައި އެއް ލަނޑަށް ދެ ވިކެޓް ނަގާފަ އެވެ.

މެޗުގެ އެންމެ މޮޅު ބެޓްސްމަން އަކަށް ޖަމާލުއްދީންގެ ކެޕްޓަން އިސްހާގު ހޮވިފައިވާ އިރު އެންމެ މޮޅު އުކުންތެރިއަކަށް ހޮވިފައި ވަނީ ޖަމާލުއްދީންގެ އަފްސާހެވެ. އަދި އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ އިސްހާގު އީސާއެވެ.

އިސްކަންދަރު ސްކޫލާއި މުހްޔިއްދީން ސްކޫލާއި ދެމެދު އަންނަ މަހުގެ 16ގައި ކުޅުމަށް ކްރިކެޓް ބޯޑުން ވަނީ ހަމަޖައްސާފަ އެވެ.