20 Oct 2014, 11:31
ކ. މާފުށީ ޖަލުގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒްކުރަމުން ދިޔަ ނުރައްކާތެރި ދެ ކުށްވެރިން ކަމަށްވާ އިބްރާހީމް ޝަހުމް އާއި ފަރިޔާޟް އަހުމަދު ހޯދުމުގެ ގޮތުން ފެރީ ޓާމިނަލްތައް ބަލަން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ސަން އަށް ވިދާޅުވީ ޖަލުން ފިލާފައިވާ ނުރައްކާތެރި ދެ ކުށްވެރިން ކަމަށްވާ ކ. މާލެ ކޯޒީ އިބްރާހީމް ޝަހުމް އާދަމް، 23، އާއި ގއ. މާމެންދޫ، ޖަވާހިރުވާދީ ފަރިޔާޟް އަހުމަދު 26، ހޯދުމަށް ފެރީ ޓާމިނަލްތަކާއި މާލޭން ފުރާ ފެރީތައް ބަލާ ފާސް ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން ރޭ ވަނީ ފެރީތައް ބަލަން ފެށުމުގެ އިތުރުން ކާރުތަކުގެ ޑިކީތައް ވެސް ފުލުހުން ބަލައި ފާސްކޮށްފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ދެ ކުށްވެރިން ފެންނަންދެން ފުލުހުން މިހާރު ކުރިއަށްގެންދާ އޮޕަރޭޝަނުގައި ވެހިކަލްތައް ބަލައި ފާސްކުރަމުން ގެންދާނެ ކަމަށެވެ.
ފެރީ ޓާމިނަލްތަކާއި ވެހިކަލްތަކުގެ އިތުރުން ޝަހުމް އާއި ފަރިޔާޟް ހޯދުމަށް އަދި ފުލުހުންނާއި ކަރެކްޝަނަލް ސާވިސް ގުޅިގެން މިހާތަނަށް ވަނީ މާފުށްޓާއި ގުރައިދޫ އާއި ގުޅި އަދި ހިއްމަފުށި ބަލައި ފާސްކޮށްފަ އެވެ. މީގެ އިތުރުން މާލޭގެ ބައެއް ސަރަހައްދުތަކާއި ތަންތަން ވެސް ދަނީ ބަލަމުންނެވެ. އަދި ކޯޓުއަމުރުގެ ދަށުން، މީހުން ދިރިއުޅޭ ބައެއް ގޭގެ ވެސް ދަނީ ފާސްކުރަމުން ކަމަށް ވެސް ފުލުހުން ބުނެ އެވެ. މީގެ އިތުރުން ވެސް އެމްއެންޑީއެފް އާއި ގުޅިގެން ފުލުހުން ގެންދަނީ ކަނޑުގައި ދުއްވާ އުޅަނދުތައް ވެސް ބަލާ ފާސްކުރަމުންނެވެ.
މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދިޔަ އެދެމީހުން ޖަލުގެ ތޭރިތައް ކީހާލައިގެން ފިލާފައިވާކަން އެނގުނީ ހުކުރު ދުވަހުގެ ރެ އެވެ.