20 Oct 2014, 11:28
މާލެ އަތޮޅު އެނބޫދޫ ފަރުކައިރިން ދެ ލޯންޗެއް ޖެހި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އުނޫޝާ (ކިޑީ)ގެ އިތުރުން ފަސް މީހަކަށް އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ ފުލުހުންގެ މެރިން ޕޮލިސް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އެކްސިޑެންޓްގައި ހަ މީހަކަށް ވަނީ އަނިޔާވެފަ އެވެ. އަދި އަނިޔާވި މީހުން މާލެ ގެނެސްފައިވާ އިރު އޭގެތެރެއިން ބަޔަކު އޭޑީކޭ ހޮސްޕިޓަލަށް އަދި އަނެއް ބަޔަކު އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަނިޔާވި މީހުންގެ ތެރެއިން ހޮސްޕިޓަލަށް ގެންދަން ޖެހޭ ވަރުގެ މީހުން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިންގް ޑައިރެކްޓަރު އަހުމަދު އައްފާލް މިއަދު ވިދާޅުވީ ރޭ ހިނގި އެކްސިޑެންޓާ ގުޅިގެން އުނޫޝާގެ އިތުރުން ޖަޕާނުގެ އަންހެނަކު ވެސް އެ ހޮސްޕިޓަލަށް ގެނެސްފައިވާ ކަމަށާއި އެ މީހާގެ ހާލު ސީރިއަސް ނޫން ނަމަވެސް އޭނާގެ ބޮލަށް ލިބުނު އަނިޔާއަކާ ގުޅިގެން އެ ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާދެމުން އަންނަ ކަމަށެވެ.
އެ އެކްސިޑެންޓްގައި ރޭ އަނިޔާވި އިތުރު ދެމީހަކަށް ވަނީ އަޖީއެމްއެޗަށް ގެންގޮސް ފަރުވާ ދޭން ފަށައިފަ އެވެ. އެ ދެމީހުންނަކީ ދިވެހި ފިރިހެނުން ކަމަށާއި އޭގެތެރެއިން އެކަކަށް ފަރުވާ ދިނުމަށް ފަހު މިއަދު ދޫކޮށްލާފައިވާ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ. އަދި ދެވަނަ މީހާގެ ބޮލަށް ލިބިފައިވާ އަނިޔާތަކަށް މިހާރު ވެސް އެ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ ކަމަށް އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ރޭ ހިނގި އެ އެކްސިޑެންޓްގައި އެކްސިޑެންޓް ވި "ސިރިއަސް 10" ނަމަކަށް ކިޔާ ލޯންޗާއި "ކަނޑުމާ ސިލްވާ" ނަމަކަށް ކިޔާ ލޯންޗަށް ވެސް ވަނީ ގެއްލުންތަކެއް ވެފަ އެވެ. އަދި "ސިރިއަސް 10" ލޯންޗަށް ލިބުނު ގެއްލުންތަކުގެ ސަބަބުން އެ އެ ލޯންޗް ދިޔަވެގެން ވަނީ އަޑިއަށް ގޮސްފައިވާ ކަަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.