ބ. ކަމަދޫގައި ފަނަރަ އަހަރުގެ ކުޑަ އަންހެން ކުއްޖަކާ ޖިންސީ އަމަލު ހިނގި ކަމުގެ ކުށް ސާބިތުވި މީހަކު 12 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފި އެވެ.

ކަމަދޫ މެޖިސްޓްރޭޓް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ހުކުމްކޮށްފައި ވަނީ ނ. ހެނބަދޫ، ފުސްފަރު، މުހައްމަދު ރަޝީދު،25،ގެ މައްޗަށެވެ.

އެރަށު ކޯޓުގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ އެ މައްސަލާގައި ހުކުމްކޮށްފައިވާ މީހަކީ ކުށުގެ ރިކޯޑް އޮންނަ މީހެއް ކަމަށެވެ. އެގޮތުން އެމީހާގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވި މައްސަލައެއްގައި 150 ރުފިޔާ އިން ޖޫރިމަނާކޮށްފަ އެވެ. އަދި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގައި އޭނާ 1000 ރުފިޔާ އިން ޖޫރިމަނާ ކޮށްފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

އެ މައްސަލާގައި ހުކުމް ކުރި މީހާ މިހާރު ވަނީ ޑިޕާޓްމަންޓް އޮފް ޕެނިޓެންސަރީ އެންޑް ރިހެބްލިޓޭޝަން ސާވިސް އާއި ހަވާލުކުރުމަށް ޓަކައި އޭދަފުށީ ޕޮލިސް ސްޓޭޝަނާ ހަވާލުކޮށްފައި ކަމަށް ވެސް ކަމަދޫ ކޯޓުން ބުންޏެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި އެ އަންހެން ކުއްޖާ އާއި އެމީހާ އުޅުނީ ފޯނުން ރައްޓެހިވެގެންނެވެ. އަދި އެ ކުއްޖާ އާ އެ އަމަލު ހިންގާފައި ވަނީ މި އަހަރުގެ މެއި މަހު އަންހެން ކުއްޖާ އާ ބައްދަލުކުރުމަށް ކަމަދު އަށް ގޮހެވެ.