ދުނިޔޭގައި ކާނާ އާއި ބުއިމުގެ ބާވަތްތައް އުފެއްދުމުގައި މަޝްހޫރު ސްވިޒަލޭންޑުގެ ކުންފުނި "ނެސްލޭ"ގެ ލަންކާ ކުންފުނި ދައްކާލުމަށް އެ ކުންފުނީގެ ފަރާތުން ދިވެހި ބައެއް މީޑިއާތައް ލަންކާ އަށް ގެންގޮސްފި އެވެ.

ތިން ދުވަހަށް ސްރީލަންކާގެ ވެރިރަށް ކޮލަމްބޯ އަށް އިއްޔެ ފެއްޓި ދަތުރުގައި ރާއްޖޭގެ 17 މީޑިއާއަކުން 17 ނޫސްވެރިން ވަނީ ބައިވެރިވެފަ އެވެ.

ނެސްލޭގެ ފަރާތުން ރާއްޖޭގެ ސޭލްސް އެންޑް ބިޒްނަސް ޑިވެލޮޕްމަންޓް މެނޭޖަރު ދިޝާން ވިޔަވަރުދީނާ މިއަދު ސަން އަށް ވިދާޅުވީ އެ ދަތުރުގައި ލަންކާގައި ހުންނަ ނެސްލޭގެ ކުންފުންޏަށާއި އެ ކުންފުނީގެ އޮފީހަށް ޒިޔާރަތްކޮށް މައުލޫމާތު ފޯރުކޮށްދޭނެ ކަމަށެވެ.

އެގޮތުން ކާރުހާނާގައި ތަކެތި އުފައްދާ ގޮތާއި ސާފުތާހިރުކަމަށް އެތަނުގައި ގެންގުޅޭ ކަންކަމުގެ މައުލޫމާތު ދިނުމުގެ އިތުރުން އެ ކުންފުނިން ގެންގުޅޭ ކްރިއޭޓިން ޝެއާ ވެލިއުގެ މައުލޫމާތު ވެސް ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން ނެސްލޭ އިން އުފައްދާ، ދިވެހިންގެ މެދުގައި މަގުބޫލު ބުއިމެއް ކަމަށްވާ މައިލޯ އިން ސްޕޮންސާކޮށްގެން ކުޅިވަރު ކުރިއެރުވުމަށް ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭ ގޮތުން މައުލޫމާތު ދެއްވާނެ ކަމަށް ވެސް ނެސްލޭ އިން ބުނެ އެވެ.

ނެސްލޭގެ މައިލޯ ބްރޭންޑް އިން ރާއްޖޭގެ ގިނަ ކުޅިވަރުތަކެއް ވެސް ސްޕޮންސާކޮށްފައިވާ އިރު އެ ކުންފުނިން ވަނީ ރާއްޖޭގެ ސްކޫލްތަކުގެ ދަރިވަރުން ކުޅިވަރުން ހޯދާ ކާމިޔާބީތައް ފާހަގަކޮށް އެޑިއުކޭޝަން މިނިސްޓްރީ އާއި ގުޅިގެން އެވޯޑެއް ވެސް ދޭން ފަށާފަ އެވެ.

ނެސްލޭގެ ބްރޭންޑްތައް ރާއްޖޭގައި ވިއްކަން ފަށާފައި ވަނީ 1970 ވަނަ އަހަރުން ފެށިގެންނެވެ.