20 Oct 2014, 10:05
ފަލަސްތީނުގެ ޣައްޒާގައި ވެރިކަން ކުރާ ހަމާސް ޖަމާއަތުގެ ލީޑަރު އިސްމާއީލް ހަނިއްޔާގެ ދަރިކަނބަލަކަށް އިސްރާއީލުގެ ހޮސްޕިޓަލެއްގައި ފަރުވާދީފައިވާ ކަމަށް އެގައުމުން ބުނެފި އެވެ.
އިސްރާއީލުގެ ވެރިރަށް ތެލްއަވީވްގައި ހުންނަ އިޗިލޯވް ހޮސްޕިޓަލުގެ ތަރުޖަމާނެއް ކަމަށްވާ އަވީ ޝޫޝާން އެސޯސިއޭޓެޑްޕްރެސް (އޭޕީ) އަށް މައުލޫމާތު ދެމުން ބުނެފައިވާ ގޮތުގައި އިސްމާއީލް ހަނިއްޔާގެ ދަރިކަނބަލަކަށް މިމަހުގެ ތެރޭގައި އެތައް ދުވަހެއް ވަންދެން އެ ހޮސްޕިޓަލުގައި ފަރުވާދީފައިވާ ކަމަށެވެ. ނަމަވެސް ފަރުވާކުރީ ކޮން ކަމަކަށް ކަން އޭނާ ބުނެފައެއް ނުވެ އެވެ.
އިސްރާއީލުގެ ހޮސްޕިޓަލެއްގައި ހަނިއްޔާގެ ދަރިކަނބަލަކަށް ފަރުވާދިން ކަން އެގައުމުގެ ޑިފެންސް މިނިސްޓްރީން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ. އޭޕީ ބުނީ އެކަމާ ބެހޭ ގޮތުން ހަމާސްގެ ބަހެއް އަދި ނުލިބޭ ކަމަށެވެ.
އިސްރާއީލުން ޣައްޒާ އަށް ދެކޮޅަށް އެންމެ ފަހުން ހިންގި 50 ދުވަހުގެ އުދުވާނުގައި ފަލަސްތީނުގެ 2100 މީހުން މަރުވި އިރު އޭގެ ތެރޭގައި ގިނައީ އާއްމުންނެވެ. އެއުދުވާންތަކަށް ރައްދުދިނުމަށް ހަމާސް އިން ދިން ހަމަލާތަކުގައި އިސްރާއީލުގެ 72 މީހުން މަރުވި އިރު އޭގެ ތެރެއިން ގިނަމީހުންނަކީ ސިފައިންނެވެ.