20 Oct 2014, 09:22
އަންކަރާ (އޮގަސްޓް 20) : ސޫރިޔާގެ ކުރުދީ ހަނގުރާމަވެރިންނަށް ހަތިޔާރާއި ތަމްރީން ދިނުމަށް އެމެރިކާ ރާވާފައިވާ ޕްލޭނަށް ދެކޮޅު ހަދާކަން ތުރުކީ ސަރުކާރުން ހާމަކޮށްފި އެވެ.
މިކަން ހާމަކުރައްވަމުން ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވީ އައިއެސް ޖަމާއަތުގެ ހަނގުރާމަވެރިން ސޫރިޔާގެ ކުރުދީންގެ ސަރަހައްދުތަކަށް ތަކުރާރުކޮށް ޙަމަލާތައް ދެމުންގެންދާކަން އެނގިވަޑައިގަންނަވާ ކަމަށާއި ނަމަވެސް ސޫރިޔާގެ ކުރުދީ ޕާޓީއެއްކަމަށްވާ ޑިމޮކްރެޓިކް ޔުނިޔަން ޕާޓީއަށް ނިސްބަތްވާ ހަނގުރާމަވެރިންނަށް ހަތިޔާރާއި ތަމްރީން ދިނުމަށް ތުރުކީ ދެކޮޅު ހަދާކަމުގަ އެވެ. ސޫރިޔާގެ ކުރުދީންގެ ޑިމޮކްރެޓިކް ޔުނިޔަން ޕާޓީ އަށް ނިސްބަތްވާ ހަނގުރާމަވެރިންނަކީ ވަކިވެގަތުމަށް މަސައްކަތްކުރާ ބައެއްކަމަށް ތުރުކީ ސަރުކާރުން ތުހުމަތުކުރެ އެވެ. އެހެންކަމުން އައިއެސް ޖަމާއަތާ ކުރިމަތިލުމަށް ވެސް ކުރުދީ ހަނގުރާމަވެރިންނަށް ވާގިވެރިވުމަށް ތުރުކީ ގެންދަނީ ދެކޮޅު ހަދަމުންނެވެ.
ސޫރިޔާގެ ކުރުދީންނަކީ ރައީސް ބައްޝާރުލްއަސަދުގެ ސަރުކާރު ވައްޓާލުމަށް މަސައްކަތްކުރާ ބައެއްނޫނެވެ. ސޫރިޔާގެ ކުރުދީން ލީޑްކުރާ ޑިމޮކްރެޓިކް ޔުނިޔަން ޕާޓީ ބުނާގޮތުން އެ ޕާޓީގެ މަގްސަދަކީ ސޫރިޔާގެ ކުރުދިސްތާން ސަރަހައްދުގައި ދާޚިލީ ގޮތުން ބޮޑެތި ބާރުތަކެއް ލިބިފައިވާ އަމިއްލަ ވެރިކަމެއް ގާއިމްކުރުމެވެ. މިއީ އިރާގުގެ ކުރުދީން އެގައުމުގެ ކުރުދިސްތާން ސަރަހައްދުގައި ގާއިމްކޮށްފައިވާ ބާވަތުގެ ދާޚިލީ ވެރިކަމެކެވެ. ސޫރިޔާގެ ކުރުދީންނަށް ދާޚިލީ ވެރިކަމުގެ ބާރެއް ލިބިއްޖެނަމަ ތުރުކީގެ ކުރުދީން ވެސް އެކަމަށް މަސައްކަތްކޮށްފާނެތީ ސޫރިޔާގެ ކުރުދީންނަށް ވެރިކަމުގެ ބޮޑެތި ބާރުތަކެއް ލިބުމަކީ ތުރުކީ އެދޭކަމެއްނޫނެވެ.
އެމެރިކާ ވަނީ އައިއެސް ޖަމާއަތާ ކުރިމަތިލުމަށް ބޭނުންވާ އަސްކަރީ ތަމްރީނާއި ހަތިޔާރު ސޫރިޔާގެ ކުރުދީ ހަނގުރާމަވެރިންނަށް ފޯރުކޮށްދިނުމަކީ މުހިއްމު ކަމެއްކަމަށްބުނެ އެކަމަށް ޕެލޭނެއް އެކުލަވާލިކަން ހާމަކޮށްފަ އެވެ. ސޫރިޔާގެ ކުރުދީން އަސްކަރީ ގޮތުން ބާރުގަދަވުމަކީ ސޫރިޔާގައި އެމީހުން ވަކިދައުލަތެއް އުފެއްދުމަށް މަސައްކަތްކޮށްފާނެ ކަމެއްކަމަށް ތުރުކީން ދެކޭތީ ސޫރިޔާގެ ކުރުދީން އައިއެސް އާ ދެކޮޅަށް ކުރާ ހަނގުރާމައިގާ ވެސް އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތުރުކީވަނީ ފަސްޖެހިފަ އެވެ. (ރޮއިޓާސް)