20 Oct 2014, 09:16
ހޮންގްކޮންގް (އޮކްޓޯބަރ 20) : ހޮންގްކޮންގް ގައި ޑިމޮކްރަސީއަށް ގޮވާލައި މުޒާހަރާ ކުރަމުން ގެންދާ ފަރާތްތަކުގެ މުޒާހަރާތައް މިހާރު ވަނީ ޙައްސާސީ ހިސާބަކަށް ގޮސްފައި ކަމަށާއި ބާރުގެ ބޭނުންކޮށްގެން ކަންކަން ޙާސިލް ނުވާނެކަން މުޒާހަރާކުރާ ފަރާތްތަކުން ދަންނަންޖެހޭނެ ކަމަށް ހޮންގްކޮންގެ ލޯކަލް ސަރުކާރުން ބުނެފި އެވެ.
ހޮންގްކޮންގްގެ މާލީ ވަޒީރު ވިދާޅުވީ މުޒާހަރާކުރާ ފަރާތްތަކުން ދެވަނަ ވިސްނުމަކަށް ދާން ޖެހޭ ކަމަށާ މުޒާހަރާތައް މިހާރުވަނީ ޙައްސާސީ ހިސާބަކަށް ގޮސްފައި ކަމުގަ އެވެ. އޭނާ މިހެން ވިދާޅުވީ ހޮންގްކޮންގް އަށް ޑިމޮކްރަސީ ގެނައުމަށް ގޮވާލައި މުޒާހަރާ ކުރަމުން ގެންދާ ފަރާތްތަކާއި އެސަރަހައްދުގެ ފުލުހުންނާ ދެމެދު ރޭ ވަރުގަދަ ކުރިމަތިލުންތަކެއް ހިނގައި 20 މީހުން ޒަޚަމްވުމާ ގުޅިގެންނެވެ. މިމުޒާހަރާތަކަށް ފަހު ނެރުނު ބަޔާނެއްގައި ހޮންގްކޮންގްގެ ފުލުހުންބުނީ ރޭގެ ކުރިމަތިލުންތަކުގައި 20 މީހުން ޒަޚަމްވެފައިވާ ކަމަށާއި އަދި ކުރިމަތިލުންތައް އެތައް ގަޑީއިރަކަށް ދިގުދެމިގެން ގޮސްފައިވާ ކަމުގަ އެވެ. ނަމަވެސް ޒަޚަމްވީ ކޮންބައެއްކަން ހާމަކޮށްފައެއްނުވެ އެވެ.
ވިޔަފާރި މަރުކަޒެއްގެ ގޮތުގައި ދުނިޔެއަށް މަޝްހޫރު ވެފައިވާ ހޮންގްކޮންގް އަކީ ވެރިކަމުގެ ވަކި ނިޒާމެއް އޮންނަ ޗައިނާގެ ވިޔަފާރީގެ ސަރަހައްދެކެވެ. ހޮންގްކޮންގްގައި ޑިމޮކްރަސީ އަށް ގޮވާލައި މުޒާހަރާތައް ކުރަމުން ގެންދާތާ މަސްދުވަސްވެފައިވާ އިރު މުޒާހަރާކުރާ ފަރާތްތަކުގެ އެދުންތަކަށް ހޮންގްކޮންގް ސަރުކާރުން އިޖާބަ ދީފައެއްނުވެ އެވެ.
ހޮންގްކޮންގްގައި ޑިމޮކްރަސީ އަށް ގޮވާލައި މުޒާހަރާކުރާ ފަރާތްތަކުން އެދޭ ކަންތައްތަކުގެ ތެރޭގައި އެސަރަހައްދުގައި މިހާރު ވެރިކަންކުރާ ސަރުކާރު އިސްތިއުފާ ދިނުމާއި މިނިވަން އިންސާފުވެރި އިންތިޚާބަކުން އެސަރަހައްދުގެ ސަރުކާރުގެ ރައީސް އިންތިޚާބު ކުރުމުގެ ޑިމޮކްރެޓިކް ނިޒާމެއް އެކުލަވާލުން ހިމެނެ އެވެ. މިއެދުންތަކަށް އިޖާބަ ދޭނެކަމުގެ އެއްވެސް އިޝާރާތެއް ހޮންގްކޮންގް ސަރުކާރުން މިހާތަނަށް ދީފައެއް ނުވެ އެވެ. (ރޮއިޓާސް)