24 Jan 2011, 15:48
ދައުލަތުގެ މާލިއްޔަތާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ގާނޫނުގެ ހަތަރު މާއްދާއަކުން ގާނޫނު އަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތަކެއް ކަށަވަރުކޮށްދިނުމުގައި އުނިކަން ލިބޭ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ސުޕްރީމް ކޯޓުގައި މިއަދު ބުނެފި އެވެ.
މާލިއްޔަތު ގާނޫނުގެ ފަސް ވަނަ މާއްދާ އާއި ހަތް ވަނަ މާއްދާ އާއި 10 ވަނަ މާއްދާގެ ހ. އާއި 34 ވަނަ މާއްދާ ބާތިލް ކުރުމަށް ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގައި ވަކާލާތު ކުރައްވަމުން ބަންޑާރަ ނައިބު އޮފީހުގެ ވަކީލާ ފާތުމަތު ފިލްޒާ ވިދާޅުވީ އެ މާއްދާތަކުން ގާނޫނު އަސާސީގެ 23 ވަނަ މާއްދާ އާއި 35 ވަނަ މާއްދާ އިން ލިބިދޭ ހައްގުތައް ކަށަވަރު ކުރުމުގައި ރައްޔިތުންނަށް އުނިކަމެއް އަންނަ ކަމަށެވެ.
ވަކީލާ ވިދާޅުވީ މާލިއްޔަތު ގާނޫނުގެ އިސްލާހު ގެނައުމުގެ ގާނޫނުގެ ފަސް ވަނަ މާއްދާ ގާނޫނު އަސާސީގެ 250 ވަނަ މާއްދާގެ އިމުން ބޭރުވާ ކަމަށެވެ. އޭނާ ވިދާޅުވީ އެ ގާނޫނުގެ 34 ވަނަ މާއްދާއަށް ގެނެސްފައިވާ އިސްލާހުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީގެ ނިންމުންތަކާ އެއްގޮތަށް ބަޖެޓު ފާސް ކުރަން ޖެހޭ ކަމަށެވެ. އެކަމަކު ބަޖެޓަކީ ވަކި މައުލޫމާތުތަކެއް ހިމަނައިގެން ހުށަހަޅާ އެއްޗެއް ކަމަށާއި އެއަށް އިސްލާހު ގެނެސްގެން ނުވަތަ ނުގެނެސް ފާސް ކުރުމުގެ ބާރު މަޖިލީހަށް އޮތް އިރު ކޮމެޓީގެ ރިކޮމެންޑޭޝަންތަކަށް އަމަލު ކުރުން ލާޒިމް ކުރުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށް ވަކީލާ ވިދާޅުވި އެވެ.
ދައުލަތުން ބުނީ އިސްލާހު ގެނައުމުގެ ގާނޫނުގެ ހަތް ވަނަ މާއްދާ އާއި 10 ވަނަ މާއްދާއަށް ބަލާއިރު އެއްވެސް އެހީއެއް އެއްވެސް ފަރާތަކަށް ދެވޭނީ މަޖިލީޙުން ފާސް ކުރާ ގާނޫނަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. މިހާތަނަށް ވެސް އެފަދަ ގާނޫނެއް ފާސްކޮށްފައިނުވާއިރު އިސްލާހު ގެނައުމުގެ ގާނޫނުގެ އެ މާއްދާތަކަށް އަމަލު ކުރުމަކީ ރައްޔިތުންނަށް ފޯރުކޮށްދެމުން އައި ހިދުމަތްތައް ވަގުތުން ހުއްޓޭނެ ކަމެއް ކަމަށް ވަކީލާ ވިދާޅުވި އެވެ. އަދި މިހާރު އެކި ފަރާތްތަކަށް އެތައް މިލިއަން ރުފިޔާއެއްގެ އެހީ ސަރުކާރުން ދެމުން އަންނަ ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވި އެވެ. އެ އެހީތައް ކަނޑާލައިފި ނަމަ އެހީ ލިބޭ ރައްޔިތުންނަށް ދިރިއުޅުން ހަމަޖެއްސުމަށް ވަރަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ވެސް ވަކީލާ ވިދާޅުވި އެވެ.
ދައުލަތުގެ ފަރާތުން އެދުނީ މާލިއްޔަތު ގާނޫނަށް އިސްލާހު ގެނައުމުގެ ގާނޫނުގެ ފަސް ވަނަ މާއްދާ އާއި ހަތް ވަނަ މާއްދާ އާއި 10 ވަނަ މާއްދާގެ ހ. އާއި 34 ވަނަ މާއްދާއަކީ އަމަލު ނުކުރެވޭނެ މާއްދާތަކެއް ކަމަށް ކަނޑައަޅައި އެ މާއްދާތައް ބާތިލް ކުރުމަށެވެ.
ދައުވާ ލިބޭ ފަރާތެއް ނެތި ދައުލަތުން ހުށަހެޅި އެ މައްސަލައިގެ އަޑުއެހުން އުއްތަމަ ފަނޑިޔާރު ނިންމަވާލެއްވީ އިތުރު އަޑުއެހުމެއް ބާއްވަވާނެ ކަމަށް ވިދާޅުވެފަ އެވެ.