20 Oct 2014, 00:55
މާލެ އަތޮޅު އެނބޫދޫ ފަރުކައިރިން ދެ ލޯންޗް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިރޭ 12:15 އެހައިކަންހާއިރު ދެ ލޯންޗް ޖެހި އެކްސިޑެންޓް ވެފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމާއެކު މެރިން ޕޮލިސްގެ ލޯންޗެއް އެސަރަޙައްދަށް ގޮސް ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.
އެ އެކްސިޑެންޓްގައި އަނިޔާވި މީހުން އެސަރަޙައްދުން ދަތުރު ކުރި އެހެން ލޯންޗެއްގެ އެހީތެރިކަމާއެކު މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ "ސިރިއަސް 10" ނަމަކަށް ކިޔާ ލޯންޗާއި "ކަނޑުމާ ސިލްވާ" ނަމަކަށް ކިޔާ ލޯންޗެއްޖެހި ހިނގި އެ އެކްސިޑެންޓްގައި "ސިރިއަސް 10" ނަމަކަށް ކިޔާ ލޯންޗަށް ލިބުނު ގެއްލުންތަކުގެ ސަބަބުން ދިޔަވެ އަޑިއަށް ގޮސްފައިވާ ކަމަށެވެ. އަދި "ކަނޑުމާ ސިލްވާ" ލޯންޗަށްވެސް ބޮޑެތި ގެއްލުންތައް ވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.