ރާއްޖެއަށް މަސްތުވާތަކެތި އެތެކޮށް އެތަކެތީގެ ވިޔަފާރި ކުރަމުން އަންނަ ކަމުގެ ތުހުމަތުގައި މާފަންނުގައި ހުންނަ މާފަރު ގެސްޓުހައުސް އިން ހައްޔަރު ކުރި މީހާގެ މައްޗަށް ދައުވާ އުފުލައިފި އެވެ.

މާރަފު ގެސްޓުހައުސް އިން ހައްޔަރު ކުރި ހއ. ދިއްދޫ ޖަރީމާގޭ އަބްދުއްސައްތާރު މުހައްމަދުގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އެވެ. އެ މައްސަލަ ޝަރީއަތަށް ފޮނުވާފައި ވަނީ މިމަހުގެ ފުރަތަމަ ދުވަހު އެވެ. އަދި ފުލުހުން އެ މައްސަލަ ޕީޖީ އޮފީހަށް ފޮނުވީ މިދިޔަ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހު އެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން ވަނީ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން އަމުރުކޮށްފައެވެ.

އުމުރުން 45 އަހަރުގެ އަބްދުއްސައްތާރު ފުލުހުން ހައްޔަރުކޮށްފައި ވަނީ ޑްރަގް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި އޮޕަރޭޝަނުގައި މިދިޔަ އޯގަސްޓު މަހުގެ އަށް ވަނަ ދުވަހުގެ ރޭ 7:16 އެހައިހާއިރު މާފަރު ގެސްޓް ހައުސް އިންނެވެ.

ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން އަބްދުއްސައްތާރު ހުރި ކޮޓަރި ބަލައި ފާސްކުރި އިރު އެކޮޓަރީގައި ހުރި އެނދު ދަށުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ގަނޑެއް ފެނިފައިވާ ކަމަށެވެ. އަދި މަސްތުވާތަކެތި ކިރާ ކުޑަ ކައްޓާއަކާއި ވްރެޕިންގް ދެ ރޯލެއް ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މަސްތުވާތަކެއްޗާ ބެހޭ ގާނޫނު ބުނާގޮތުން ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށެއް ޝަރީއަތަށް ސާބިތުވެއްޖެ މީހެއްގެ އަދަބަކީ 100،000 ރުފިޔާ އިން ފެށިގެން ގޮސް އެއްމިލިއަން ރުފިޔާއާ ދެމެދުގެ އަދަކުން ޖޫރިމަނާ ކުރިމާއެކު އުމުރަށް ޖަލަށްލުމެވެ.