ސްކޮޓްލޭންޑްގެ ޓެނިސް ކުޅުންތެރިއާ އެންޑި މަރޭ އެސްޓޭ އޯޕަންގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ދުނިޔޭގެ 11 ވަނަ އަށް ރޭންކް ކުރެވިފައިވާ އެންޑީ މަރޭ އެސްޓޭ އޯޕަންގެ ފައިނަލުން ޖާގަ ހޯދީ ހޮނިހިރު ދުވަހު ކުޅުނު ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި އޮސްޓްރޭލިއާގެ ވިކްޓާ ޓްރޮއިކީގެ މައްޗަށް 6-4 އަދި 6-3 ގެ ނަތީޖާ އަކުން ކުރި ހޯދައިގެންނެވެ.

ޔޫރަޕްގެ ގައުމެއް ކަމަށްވާ އޮސްޓްރިއާގެ ވިއެނާގައި ކުޅެމުން އަންނަ މި މުބާރާތުގެ ސެމީ ގައި ޓްރޮއިކީ އާއި ވާދަކުރި މެޗުގައި 27 އަހަރުގެ މަރޭގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ.

މަރޭއަށް އެސްޓޭ އޯޕަން ކާމިޔާބު ކުރެވިއްޖެނަމަ އަންނަ މަހު ލަންޑަންގައި އޮންނަ އޭޓީޕީ ވޯލްޑް ޓުއާ ފައިނަލްސް އިން އޭނާއަށް ޖާގައެއް ކަށަވަރު ވެގެން ދާނެއެވެ. މިވަގުތު 11 ވަނައަށް މަރޭ ރޭންކް ކުރެވިފައި ވާއިރު އޭޓީޕީ ފައިނަލްސް ކުޅުމަށް ލަންޑަނަށް ދިއުމަށްޓަކައި އަދި ތިން ދަރަޖައިގެ ކުރިއެމެއް މަރޭ އަށް ބޭނުން ވެއެވެ.

އޭޓީޕީ ވޯލްޑް ޓުއާ ފައިނަލްްސް ގައި ވާދަކުރާނީ މި މަސް ނިމޭ އިރު ރޭންކިންގައި އެންމެ ކުރީގައި އުޅޭ އަށް ކުޅުންތެރިންނެވެ. މިވަގުތު މި މުބާރާތުން ޖާގަ ކަށަވަރު ކޮށްފައިވާ ކުޅުންތެރީންނަކީ، އެއްވަނައިގައި ރޭންކް ކުރެވިފައިވާ ސާބިއާގެ ނޮވަކް ޖޮކޮވިޗް އާއި ސްޕެއިންގެ ނަޑާލްގެ އިތުރުން ސްވިޓްޒަލޭންޑްގެ ދެ ކުޅުންތެރިން ކަމަށްވާ ރޮޖާ ފެޑެރާ އާއި ސްޓާންސްސިލާސް ވައުރިންކާ އެވެ.

މި މުބާރާތުގެ ފައިނަލުގައި ސްކޮޓްލޭންޑްގެ ކުޅުންތެރިއާ ވާދަކުރާނީ ސެމީ ފައިނަލް ދެވަނަ މެޗުގައި ޖަރުމަނުގެ ފިލިޕް ކޯލްޝެއިބާގެ މައްޗަށް ކުރިހޯދި ސްޕެއިންގެ ޑޭވިޑް ފެރާ އާއި އެވެ.