19 Oct 2014, 23:56
އިނގިރޭސި ޕްރިމިއާ ލީގުގައި ލަންޑަންގެ ކުއީންސް ޕާކް ރޭންޖާސް (ކިއުޕީއާރު) އަތުން މެޗުގެ ފަހު ވަގުތު ލިވަޕޫލް ސަލާމަތް ވެއްޖެ އެވެ.
ލަންޑަންގެ ލޮފްޓަސް ރޯޑްގައި ކުޅުނު މި މެޗުގައި ކިއުޕީއާރްގެ މަައްޗަށް ލިވަޕޫލުން ކުރި ހޯދީ 3-2 ންނެވެ. މެޗުގެ ފަހު ހަތް މިނިޓުގައި ހަތަރު ލަނޑު ފެނިގެންދިޔަ މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީވެސް ލިވަޕޫލުންނެވެ.
ދެވަނަހާފުގެ 86 ވަނަ މިނިޓުގައި ކިއުޕީއާރްގެ ޑިފެންޑަރު ރިޗަޑް ޑަން އަތުން ބައިކޮޅަށް ވަން ލަނޑުން ލިވަޕޫލް ކުރި ހޯދިތާ މިނިޓެއް ނުވަނީސް ރޭންޖާސްގެ ފޯވަޑް އެޑުއާޑޯ ވާރްގަސް ވަނީ އެޓީމަށް ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.
މެޗުގެ 90 ވަނަ މިނިޓުގައި ބްރެޒިލްއަށް އުފަން ހުނަރުވެރި ވިންގާ ފިލިޕް ކޫޓީނިއޯ ލިވަޕޫލަށް އަނެއްކާ ލީޑު ހޯދައިދީފައިވަނިކޮށް ރޭންޖާސްއަށް މިފަހަރު ވެސް ފަރަަގު ހަމަހަމަ ކޮށްދިނީ ވާރްގަސް އެެވެ. ވާރްގަސް ލަނޑު ޖެހީ 92 ވަނަ މިނިޓުގައި ބޮލުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެންނެވެ.
މެޗުގައި ތިން ވަނަ ފަހަރަށް ލިވަޕޫލުން ލީޑު ހޯދީ ރޭންޖާސްގެ ސްޓީވެން ކާއުލްކާ އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ.
މެޗުގައި ރޭންޖާސްގެ ފޯވަޑް ވާރްގަސް ގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ އިރު ނިމިގެން ދިޔަ ޓްރާންސްފާ ގައި ލިވަޕޫލް އާއި ގުޅުނު އިޓަލީގެ ފޯވަޑް މާރިއޯ ބަލޮޓެލީ އަށް އަދިވެސް ލިވަޕޫލް ޖާޒީގައި އެދެވޭ ފެންވަރެއް ދެއްކޭ ވަރެއް ނުވެއެވެ.
މި މެޗުގައި ރޭންޖާސްގެ ޑިފެންޑަރު ރިޗަޑް ޑަން އަތުން އެޓީމު ކޮޅަށް ވަން ލަނޑާއެކު އޭނާ ވެގެން ދިޔައީ އިނގިރޭސި ޕްރިމިއާ ލީގު ތާރީޚުގައިވެސް އެންމެ ގިނައިން ބައިކޮޅަށް ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިއާ އަށެވެ. ރިޗަޑް ވަނީ މިހާތަނަށް 10 ލަނޑު އޭނާގެ ޓީމުގެ ކޮޅަށް ވައްދާލާފައެވެ.
މެޗުގައި އިނގިރޭސި ޒުވާން ފޯވަޑް ސްޓާލިންގް ފުރަތަމަ އެގާރައިން ފެނުނު އިރު އިންގްލަންޑްގެ ކޯޗު ރޯއީ ހޮޖްސަން މި މެޗުބަލާލަން ދަނޑަށް ދިޔައެވެ.
ރޭންޖާސް އަތުން މި ލިބުނު މޮޅާއެކު ލިވަޕޫލް ވަނީ 13 ޕޮއިންޓާއެކު ޕްރިމިއާ ލީގު ތާވަލުގެ ފަސް ވަނައަށް ޖެހިލާފައެވެ. މެޗުން ބަލިވި ރޭންޖާސް ހަތަރު ޕޮއިންޓާއެކު ތާވަލުގެ އެންމެ ފުލުގައި އޮތް އިރު އެންމެ ކުރީގައި އޮތީ ރޭ ކްރިސްޓަލް ޕެލަސް އަތުން މޮޅުވި ޗެލްސީ އެވެ.