19 Oct 2014, 23:38
އިނގިރޭސި ވިލާތުގެ ޗެލްސީ އަކީ އާސެނަލްގެ 'އިންވިންސިބަލްސް' ޓީމާ އެއް ފެންވަރެއްގެ ޓީމެއް ނޫންކަމަށް އެޓީމަށް ކުޅެމުން އަންނަ ސްޕެއިންގެ މިޑްފީލްޑަރު ސެސް ފެބްރިގާޒް ބުނެފި އެވެ.
ސްކައި ސްޕޯޓްސް އަށް މައުލޫމާތު ދެމުން ފެބްރިގާޒް ބުނީ 2003-04ގެ ސީޒަންގައި އާސެންލްގެ ޓީމުގައި ހުރި ފެންވަރެއް މިހާރު އޮތް ޗެލްސީ ސްކޮޑްގައި އަދި ނެތް ކަމަށެވެ. އަދި ޗެލްސީއަށް މި ސީޒަންގެ އެއްވެސް މެޗަކުން ބަލިނުވެ ނިންމިދާނެކަމަށް ގަބޫލް ނުކުރާ ކަމަށެވެ.
" އަހަރެންނަކަށް ހިއެއް ނުވޭ މި ސީޒަން އެއްވެސް މެޗަކުން ބަލިނުވެ ނިންމިދާނެ ކަމަކަށް. އެކަން ކުރެވޭނީ އެއްމެ ޓީމަކަށް. އެއީ 2003-04 ވަނަ ސީޒަންގައި ވާދަކުރި އާސެނަލްގެ އިންވިންސިބަލް ޓީމް. އެ ސީޒަންގެ ފަހުކޮޅުގައި ކޮންމެވެސް ވަރަކަށް އަހަރެން އާސެނަލްގެ ޓީމުގައި ހިއްސާވިން. އެހެންކަމުން އަހަރެންނަށް އިނގޭ އެޓީމަކީ ކިހާ މޮޅު އަދި ކިހާ މަތީ ފަންތީގެ ޓީމެއްކަން. މިހާރު އޮތް ޗެލްސީ ސްކޮޑްގައި އަދި އެ ފެންވަރެއް ނެތް" ފެބްރިގާޒް ބުންޏެވެ.
ފެބްރިގާޒް ބުނީ ޗެލްސީ އަންނަނީ މޮޅެތި ކުޅުންތެރިންގެ މައްޗަށް ހިމެނޭ ވަރުގަދަ ޓީމެއް ބިނާކުރަމުން ކަމަށާއި ކުރިއަށް އޮތް ތާގައި ޗެލްސީ ވެގެން ދާނީ ހުރިހާ މުބާރާތެއް ވެސް ކާމިޔާބު ކުރެވޭ ފަދަ ފެންވަރު ހުރި މޮޅު ޓީމަކަށް ކަމަށެވެ.
އުމުރުން 27 އަހަރުގެ ސްޕެއިން މިޑްފީލްޑަރު އަންނަނީ މިސީޒަންގައި ޗެލްސީ ޖާޒީގައި ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. އިނގިރޭސި ލީގުގައި ރޭ ކްރިސްޓަލް ޕެލަސް އަތުން ޗެލްސީ މޮޅުވި މެޗުގައި ފެބްރިގާޒް ވަނީ ލީގުގައި އޭނާ ކާމިޔާބުކޮށްދިން ފުރަތަމަ ގޯލް ޖަހާފައެވެ. ރޭ ޕެލަސްގެ ދަނޑުގައި ކުޅުނު މެޗުން ޗެލްސީ މޮޅުވީ 2-1 ންނެވެ.
އިނގިރޭސި ލީގުގެ އެންމެ ކުރީގައި ޗެލްސީ އޮތީ 22 ޕޮއިންޓާއެކު ތާވަލުގެ އެންމެ ކުރީގައެވެ. ދެވަނައިގައި 17 ޕޮއިންޓާއެކު ސިޓީ އޮތް އިރު ތިންވަނައިގައި އޮތީ 16 ޕޮއިންޓާއެކު ސައުތޭމްޓަން އެވެ.