ބޮޑުއީދު ފެށުމުގެ ހަފުތާއެއްހައި ދުވަސް ކުރީން، ތ. އަތޮޅު ތިމަރަފުށީ ސްކޫލުގެ ދައުވަތަކަށް އެރަށަށް ދިޔައީމެވެ. ދެ ދުވަހު އެރަށުގައި ހުންނަން ޖެހުނެވެ. މި ހުރި ހުރުމުގައި އެރަށުން ފެނިގެން ދިޔައީ ވަރަށް ވެސް ހިތްއުފާވާ ކަހަލަ މަންޒަރެކެވެ. ރަށުގެ އާންމު ރައްޔިތުންގެ މެދުގައި އުފެދިފައި އޮތް ގާތް ގުޅުމެވެ. އެކުވެރިކަމާއި އެެއްބައިވަންތަ ކަމާއެކު ކޮންމެވެސް ކަމެއްގައި އެންމެން ހަރަކާތްތެރިވެއުޅޭ ތަނެވެ. މަގުމަތީންނާއި ކެފޭތަކުން ފެންނަމުން ދިޔައީ އެކުވެރިކަމުގެ ގާތްކަމާއި ސަމާސާގުޅުމުގެ އުފާވެރިކަމެވެ.

މި ހިތްފަސޭހަ މަންޒަރު ފެނުމުން ފުރަތަމަ އުފެދުނީ ސުވާލެކެވެ. މިއީ އަބަދުވެސް މިރަށުގެ ރައްޔިތުންގެ އެކުވެރިކަން އޮންނަ މިންވަރުބާވައެވެ؟ މި ސުވާލު އުފެދުނީ މި ފަހަކަށް އައިސް ރާއްޖޭގެ ގިނަ ރަށްރަށުގެ ޙާލަތު ހުރި ގޮތުން ވެސް މެއެވެ. ސުވާލުގެ ޖަވާބު ލިބުނީ އެ ރަށު ޒުވާނެއްގެ ފަރާތުންނެވެ. އެންމެން އެއް ލަވައެއްގައި، އެއް ރާގަކަށް ހަރަކާތްތެރިވަމުން އެ ގެންދަނީ، ކުރިމަތީގައި އޮތް ބޮޑު ޢީދުގެ ކުޅިވަރުތަކަށެވެ. ކުލަގަދަ ގޮތަކަށް ޢީދު ފާހަގަކުރުމަށް ޓަކައި ވާންޖެހޭ ތައްޔާރީތައް ވުމަށެވެ. އޭނާގެ ވާހަކަތަކުން އެނގުނީ، މި ރަށުގެ ރައްޔިތުންނަކީ ވެސް، ވޭތުވެދިޔަ ދެތިން ހަތަރު އަހަރެއްހައި ދުވަހު، ބައިބައިވުމުގެ އޮއިވަރުގައިޖެހި، އެކި މީހުން އެކި ގަލަށް އަރައި ތިބި ބަޔެއްކަމެވެ. އެެހެންނަމަވެސް ޢީދުގެ އުފަލަށް ޓަކައި އެންމެން އެއް ލަވައެއް ކިޔަން ފެށީއެވެ.

ފެނުނު މަންޒަރާއި އިވުނު އަޑުތަކުން ހިތަށް ލިބުނު ފިނިކަމާއި ހަމަޖެހުން ކިތަންމެހައި ވެސް ބޮޑުވެގެން ދިޔައެވެ. ހިތާ ހިތުން އެދެވުނީ ކުރިމަތީގައި އޮތް ބޮޑުއީދުގެ އުފަލާއި މަޖަލާއެކު، މި އެކުވެރިކަމާއި އެއްބައިވަންތަކަށް ނިމިގެން ނުދިޔުމަށެވެ. އެ އެއްބަނޑު އެއްބަފާކަމުގެ ގުޅުން ތާ އަބަދަށް ލެހެއްޓެވުމަށެވެ. ރަށާއި ރަށުގެ ރައްޔިތުންނަށް ހެވާއި ލާބަ އޮތީ މިގޮތުގައި ކަމަށްވާތީއެވެ. ފަރުދުންގެ ކުރިއެކުމާއި ރަށުގެ ތަރައްޤީ ބިނާވެފައި ވަނީ މިފަދަ އެކުވެރިމެއްގެ މައްޗަށް ކަމަށްވާތީއެވެ. ކޮންމެއަކަސް އެރަށުން ފުރައިގެން އައީ ރައްޔިތުންގެ މެދުގައި މި އެކުވެރިކަމާއި އެއްބައިވަންތަކަަން އެގޮތުގައި އޮއްވައެވެ.

އީދުގެ ކުޅިވަރާއި މަޖަލާއި އުފާވެރިކަން ފެށިގެން ދިޔައީ އޭގެ ދެތިން ދުވަހެއް ފަހުންނެވެ. ރާއްޖޭގެ ކަންކޮޅުތަކުގައި ކުޅެވެމުން ދިޔަ ކުޅިވަރުތައް ޓީވީގެ އެކިއެކި ޗެނަލްތަކުން ވަގުތުން ދައްކަމުން ދިޔައިރު، އެ މަންޒަރުތައް ކޮންމެވެސް ވަރަކަށް ބަލައިލެވުނެވެ. ނޫސްތަކުގައި ލިޔެވެމުން ދިޔައިރު ކިޔައިލެވުނެވެ. އީދަށް ރަށްރަށަށް ދިޔަ ބައެއް އެކުވެރީންގެ ވާހަކަތައް ވެސް އިވުނެވެ. މިއިން ކޮންމެ ކަމަކުން ވެސް އެނގި ހާމަވެގެން ދިޔައީ، ރާއްޖޭގެ ހަމަ ކޮންމެ ރަށެއްގެ ރައްޔިތުން ވެސް، އީދުގެ ފޯރިއާއެކު، އެކުވެރިކަމުގެ ޗޭނަކުން ގުޅައިލައި އެކަތިގަނޑަކަށް ހަދައިލިކަމެވެ. ބައިބައިވުން ނެތިކޮށްލައި އެއްބައިވަންތަކަމުގެ ރޫޙެއް އުފެއްދިކަމެވެ. އެކަމަށް ޓަކައި ފެންބޮވައިގެންފައި ތިބި މީސްމީހުންގެ ކަރުހިއްކުން ފިލުވައިލަދިންކަމެވެ.

މިހާރު މި އޮތީ އީދުގެ ކުޅިވަރުތައް ނިމިފައެވެ. އެ އުފާވެރި ދުވަސްތައް ރަށްރަށުގެ ރައްޔިތުންނާ އަލްވަދާޢު ކިޔައިފައެވެ. އެހެންނަމަވެސް ރައްޔިތުންގެ މެދުގައި އުފެދުނު އެކުވެރިކަމާއި އެއްބައިވަންތަ ކަމަށް އަލްވަދާޢު ކިޔަދީގެން ނުވާނެއެވެ. ތިޔަ އުފެދުނު އެކުވެރިކަމުގެ ގާތް ގުޅުން އަބަދުގެ އަބަދަށް ދަމަހައްޓަންވާނެއެވެ. ފިތުނަވެރިކަމަކީ ނިކަމެތިކަމެކެވެ. އެއީ ނިޢުމަތަށް އޮތް ހުރަހެކެވެ. ހިތަށް ލިބޭ އިންތިހާއީ ބޮޑު ވޭނެކެވެ.

ސިޔާސީގޮތުން ފިކުރު ތަފާތު ވުމަކީ މައްސަލައެއް ނޫނެވެ. އެއީ މުޅިން އެހެން ކަމެކެވެ. ފިކުރު ތަފާތު ކޮންމެ މީހަކީ ދުޝްމަނެއް ނޫނެވެ. ހަތުރެއް ނޫނެވެ. އެކި މީހުންނަށް މީރުވަސް ދުވާނީ އެކި އެއްޗެހީގައެވެ. އެކަކަށް މީރު އެއްޗެއް އަނެކަކަށް ނުބައިވެދާނެއެވެ. މިކަން މައްސަލައަކަށް ވޭހެއްޔެވެ؟ އެކަމާ ނުރުހިގެން އަޑުލާން ޖެހޭހެއްޔެވެ؟ ސިޔާސީ ފިކުރަކީ ވެސް މި ފަދަ ކަމެއް ކަމަށް ދެކޭށެވެ. ކޮންމެ ފިކުރެއް ހުއްޓަސް، ކޮންމެ ކުލައަކަށް ލޯބި ކުރިޔަސް، ހިނިތުން ވެލާފައި ބަލައިލެވެންވާނެއެވެ. ހިތްހެޔޮަކަމާއެކު ވާހަކަދައްކާލެވެން ޖެހޭނެއެވެ. ޖެހިލުމެއް ނެތި ކޮންމެ ގެއެއްގެ އޮޅި ވެސް ގިރާކޮށްލެވެން ވާނެއެވެ.

ތިބާއަށާއި ތިބާގެ ޢާއިލާއަށާއި ރަށަށް ހެޔޮ އެދޭނަމަ، އެކުވެރިކަމަށް އިސްކަންދޭށެވެ! ހަތުރުވެރިކަމަށް ފުރަގަސްދޭށެވެ! މިއީ އެކަމަށް އޮތް އެންމެ ރަނގަޅު ދަނޑިވަޅުކަމަށް ބަލާށެވެ! ބަރަކާތްތެރި އަޟުޙާ ޢީދާގުޅިގެން ތިޔަ އެޅުނީ ހެޔޮ ބިންގަލެކެވެ. އެ ބިންގަލުގެ މަތީގައި ސާބިތުވެ ތިބެވޭތޯ ކޮންމެ މީހަކު ވެސް މަސައްކަތް ކުރާށެވެ! ކުރިމަތިވާ ހަމަ ކޮންމެ ކަމެއްގައި ކާމިޔާބުގެ ހިނިތުންވުން ލިބޭނެއެވެ. އަދި ކޮބައިތޯއެވެ! އަޅުގަނޑުމެންގެ ދަރީންގެ ކިބައިގައި އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ރޫޙު އަށަގަންނާނީ ވެސް، މިއަދު އެކުދީންނަށް އެ ނަމޫނާ ދައްކައިދީގެންނެވެ.