ސޮކާ ވެޓެރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމް ކޮށްގެން ބޭއްވި މައިލޯ ކިޑްސް ފުޓްބޯލް ފެސްޓިވަލްގެ ޗެމްޕިއަންކަން ކަލާފާނު ސްކޫލާއި ކެންގަރޫ ކިޑްސް ހޯދައިފި އެވެ.

މި މުބާރާތުގައި ދެން ކުޅެވުނީ ގްރޭޑް އެކެއްގެ ކުދިންނަށް ޚާއްސަ ކޮށްގެން ބޭއްވި އިވެންޓެވެ. މި ބައިގެ ފައިނަލުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ޖަމާލުއްދީން ސްކޫލާއި ވާދަކޮށް ކަލާފާނު ކުރިހޯދީ ފުރަތަމަ މެޗާ އެއްގޮތަށް ނަތީޖާ ނެރުމަށްޓަކައި ޖެހި ޕެނަލްޓީގައި 4-2 ން މޮޅުވެގެންނެވެ. މި މެޗުގައި ކަލާފާނު ސްކޫލްގެ ޖާޒީ ނަންބަރު 7 ޔޫސުފް ނަމިކްގެ ފަރާތުން ފާހަގަކޮށްލެވޭ ފަދަ ކުޅުމެއް ފެނިގެން ގޮސްފައި ވެއެވެ.

މައިލޯ ކިޑްސް ފުޓްބޯޅަ ފިއެސްޓާގެ ފައިނަލް މެޗުގެ ތެރެއިން -- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

މައިލޯ ކިޑްސް ފުޓްބޯލް ފިއެސްޓާގައި ކުޅެވުނު ދެ ކެޓެގަރީގެ ތެރެއިން ޕްރީ ސްކޫލް ބައިގައި ކެންގަރޫ ކިޑްސް އިން ޗެމްޕިއަންކަން ހޯދީ މިއަދު ހަވީރު ކުޅުނު ފައިނަލް މެޗުގައި ފަލާޙު ޕްރީ ސްކޫލާއި ވާދަކޮށް ކުރިހޯދައިގެންނެެވެ. މި މެޗުގެ ފުރިހަމަ ވަގުުތު ހަަމަވިއިރު ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައި ނުވުމުން ނަތީޖާ ނެރުމަށްޓަކައި ޖެހި ޕެނަލްޓީގައި ކެންގަރޫ ކިޑްސް އިން ކުރިހޯދީ 3-1 ންނެވެ.
މައިލޯ ކިޑްސް ފުޓްބޯޅަ ފިއެސްޓާގެ ފައިނަލް މެޗުގެ ތެރެއިން -- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ކުޅިވަރާބެހޭ ވަޒީރު މުހައްމަދު މަލީހު ޖަމާލު އެވެ. މި މުބާރާތުގެ ފައިނަލްގައި ކުޅެވުނު މެޗުތައް ބައްލަވާލެއްވުމަށްޓަކައި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބާއި ސޮކާ ވެޓެރަންސްގެ ބޭފުޅުންނާއި އެފްއޭއެމްގެ އިސްބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ފައިނަލް މެޗައްފަހު ވާހަކަދައްކަމުން ކުޅިވަރާއި ބެހޭ ވަޒީރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވީ، މި މުބާރާތުގެ ސަބަބުން ފުޓްބޯޅަ ދިރުވުމަށް އިތުރު ކުރިއެރުމެއް ލިބިގެން ހިގައްޖެ ކަމަށާއި ކުރިއަށް އޮތްތާނގައި އަތޮޅުތަކުގައި މިފަދަ ފެސްޓިވަލް ތައް ބޭއްވޭނެ ކަމަށް އުއްމީދު ކުރާ ކަމަށާއި މިއަދު ނިމިގެން މިދިޔަ ފެސްޓިވަލުން އެކަން ހާމަވެއްޖެ ކަމަށެވެ. އަދި މައިލޯ ކިޑްސް ފެސްޓިވަލް ކާމިޔާބުކަމާ އެކީ ބޭއްވުމަށްޓަކައި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވި ހުރިހާ ބޭފުޅުންނަށް މިނިސްޓަރު މަލީހު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
މައިލޯ ކިޑްސް ފުޓްބޯޅަ ފިއެސްޓާގެ ވަނަވަނައަށް އައި ފަރާތްތަކަށް އިނާމުދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

ފައިނަލް މެޗައްފަހު ފުޓްބޯލް ފިއެސްޓާއިން ވަނަވަނައަށް އައި ޓީމުތަކަށާއި ކުޅުންތެރިންނަށްވަނީ މެޑައްޔާއި އިނާމް ހަވާލުކޮށްދީފައެވެ.

މައިލޯ ކިޑްސް ފުޓްބޯލް ފިއެސްޓާގެ ޕްރީ ސްކޫލް ބަައިން އެންމެ މޮޅު 11 ކުޅުންތެރިންނަށް ހޮވިފައިވަނީ ޗެމްޕިއަން ކަން ހޯދި ކެންގަރޫ ކިޑްސްގެ ރަފައެލް އައުޒް އަލީ އާއި މުހައްމަދު ޒީކް އަހުމަދާއި އެޓީމުގެ ޔޫސުފް އަަލަންއެވެ. އަދި ދޮންދޫނި ޕްރީ ސްކޫލް އިން ހަމްޒާ ބިން އަލީ ރަމީޒާއި ފަލާޙް ޕްރީ ސްކޫލް އިން މޫސާ މަހާލް ހާޝިމް އާއި އެޓީމުގެ އަބްދުﷲ ޝައިހާން އުސްމާނާއި ޒައިލިންގް ޕްރީ ސްކޫލް އިން އުމަރު މުހައްމަދު މުއިއްޒު އާއި އަމީރު އަހުމަދު އިން އިލާން އަހުމަދާއި މުހައްމަދު އަޔާމިންގެ އިތުރުން ގަލޮޅު މަދަރުސާގެ އަބްދުﷲ ރަސާން އިސްމާއިލް އާއި ހުސައިން ޝިމްރާން އަފްޒަލް އެވެ.
މައިލޯ ކިޑްސް ފުޓްބޯޅަ ފިއެސްޓާގެ ވަނަވަނައަށް އައި ފަރާތްތަކަށް އިނާމުދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

ގްރޭޑް އެކެއްގެ ކެޓެގަރީން އެންމެ މޮޅު 11 ކުޅުންތެރިންނަށް ހޮވިފައިވަނީ ޗެމްޕިއަން ކަލާފާނު ސްކޫލް އިން މުހައްމަދު ނާފް އިރުޝާނުއާއި ޔޫސުފް ނަމިކްގެ އިތުރުން ކައިލް އަހުމަދު އަޒްމީ އެވެ. އަދި ޖަމާލުއްދީން ސްކޫލް އިން އަހުމަދު ފަނޫން އިބްރާހިމް އާއި އަލްވާން އާމިރު ވަހީދާއި މުހައްމަދު ދާނިޝް ބިން އިސްމާއިލް އާއި ޔޫނުސް ހަލީލް އަބްދުﷲ އެވެ. އިސްކަންދަރު ސްކޫލް އިން އެންމެ ހިމުނު ކުޅުންތެރިންނަކީ ޔޫނުސް އަޔާން އާމިރު އާއި އަލީ ހަދުވާންއެވެ. މަޖީދިއްޔާ ސްކޫލް އިން ހިމެނުނު ހަމައެކަނި ކުޅުންތެރިއަކީ އަބާލް އަބްދުﷲ އާދަމް އެވެ.
މައިލޯ ކިޑްސް ފުޓްބޯޅަ ފިއެސްޓާގެ ވަނަވަނައަށް އައި ފަރާތްތަކަށް އިނާމުދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

ސޮކާ ވެޓެރަންސް އިން އިންތިޒާމް ކޮށްގެން ބޭއްވި މައިލޯ ކިޑްސް ފުޓްބޯލް ފިއެސްޓާގެ ޗެމްޕިއަންކަން ހޯދި ދެޓީމަށް 10000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ދީފައެވެ. އަދި ދެވަނައަށް ދިޔަ ޓީމުތަކަށް އިނާމެއްގެ ގޮތުން 5000 ރުފިޔާ ދީފައިވާއިރު ޗެމްޕިއަންކަން ހޯދި ދެޓީމުގެ ކޮންމެ ކުޅުންތެރިއަކަށް ނޮލެޖެ ބުކްޝޮޕާއި އެސްޓާސް ބުކްޝޮޕްގެ ފަރާތުން ކޫޕަނެއް ދޭގޮތަށް ވަނީ ހަމަޖެހިފައެވެ.