24 Jan 2011, 15:41
ޝަރީއަތުގެ މަޖިލީހުގެ ނިޒާމާ ހިލާފުވެ ހަޅޭއްލަވައި އަޑުގަދަ ކުރި މީހަކު 10 ދުވަހަށް ޖަލަށް ލުމަށް މަދަނީ ކޯޓުގެ ގާޒީ ހާތިފު ހިލްމީ ހުކުމް ކުރައްވައިފި އެވެ.
ސިވިލް ކޯޓްގައި އިއްޔެ ބޭއްވި ޝަރީއަތުގެ މަޖިލީހެއްގައި ހުތުރު ބަހުން ހަޅޭއްލަވައި އަޑު ގަދަ ކޮށްގެން ޖަލަށް ހުކުމް ކުރީ މ. ރީފް ސައިޑް މުހައްމަދު ސައީދެވެ.
އޭނާގެ މައްޗަށް ހުކުމް ކުރީ މ. މާލެފަރު އަލިމަނިކު އުމަރު، ސައީދުގެ މައްޗަށް ދައުވާއެއް ކުރުމުން ޝަރީއަތުން މި މައްސަލަ ބަލަމުންދަނިކޮށް ދައުވާ ކުރި ފަރާތުގެ ބަދަލުގައި ކޯޓަށް ހާޒިރުވި މާލޭ މުނިސިޕަލްޓީ ހާއްސަ ދަފުތަރު އަހުމަދު ނަޖީބާ ދިމާއަށް ކޯޓު ރޫމްގެ ތެރޭގައި ހަޅޭއްލައްވައި ޝަރީއަތުގެ ނިޒާމު ނަގައިލުމުގެ ކުށުގަ އެވެ. ޝަރީއަތުން އެގޮތަށް ކަންތައް ނުކުރުމަށް ގާޒީ ނަސޭހަތް ދިނުމުން ވެސް އޭނާ ވަނީ ހަޅޭއްލައްވައި ކޯޓުތެރޭގައި ނަޖީބަށް ބިރުދައްކާފަ އެވެ.
ސައީދު 10 ދުވަހަށް ޖަލަށްލީ ކޯޓުތަކުގެ ގާނޫނުގެ 76 ވަނަ މާއްދާގެ (ށ)ގެ ދަށުންނެވެ.