ހުޅުމާލޭގައި ކާރަކާއި ސައިކަލަކާ ޖެހި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ މިރޭ 9:00 އެހައިކަންހާއިރު ހުޅުމާލޭ ފިނިފެންމާ ހިނގުމުގައި ހިނގި އެ އެކްސިޑެންޓްގައި އަނިޔާވެފައި ވަނީ ސައިކަލް ދުއްވަން އިން 25 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށެވެ.

ހުޅުމާލޭ ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވީ، އެ އެކްސިޑެންޓުގައި ޒަޚަމްވި މީހާއަށް އެ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ ކަމަށާއި އޭނާއަށް ލިބުނު ޒަޚަމްތަކުގެ ތަފްސީލު އެނގޭނީ ޑޮކްޓަރު ބެއްލެވުމަށްފަހު ކަމަށެވެ.

ފުލުހުން ބުނީ މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ގޮތުގައި ކާރާއި ސައިކަލުވެސް ދުއްވާފައި ވަނީ އެ މަގުން ހުޅަގުން އިރަށް ކަމަށެވެ. އަދި އެކްސިޑެންޓް ހިނގާފައި ވަނީ ކާރުގެ ކުރިއަށް އެރުމަށް ސައިކަލް އޯވަޓޭކް ކުރި ވަގުތު ކާރުގައި ޖެހިގެންކަމަށް ބެލެވޭ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި އެކްސިޑެންޓުގައި ސައިކަލަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު އެކްސިޑެންޓުވި ކާރަށްވެސް އެކިވަރުގެ ގެއްލުންތައް ލިބިފައިވާކަމަށް ވެސް ފުލުހުން ބުންޏެވެ.

އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު ހުޅުމާލެ ޕޮލިސް ސްޓޭޝަނުން ދަނީ ބަލަމުންނެވެ.