19 Oct 2014, 22:11
ކަންނެލި މަސްވެރިކަމަށް ނުކުމެ އުޅުނު ދޯންޏެއް ގެއްލިގެން ހޯދުމުގެ މަސައްކަތް ކޯސްޓުގާޑުން ފަށައިފިއެވެ.
އެމްއެންޑީއެފް އިން ބުނީ "އަސްރު ކުރި" ނަމަކަށް ކިޔާ ދޯންޏެއްގެ ޚަބަރެއް ނުވެގެން، އެދޯނީ ގެ ޚަބަރެއްވޭތޯ ދޯނީގެ ވެރިފަރާތާއި ގުޅިގެން ކޯސްޓްގާޑުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެމްއެންޑީއެފް އިން ބުނީ އެ ދޯނީގެ ޚަބަރެއް އެންމެ ފަހުން ވެފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު، ރ. އަލިފުށީ ހުޅަނގުން 75 މޭލު ބޭރުންކަމަށެވެ. އެ ދޯންޏަކީ ދިގުމިނުގައި 82 ފޫޓު ހުރި ގެގަނޑުގައި ނޫކުލަ އާއި ފެހިކުލައިގެ ދަވާދު ލާފައިވާ، އަދި ނޫކުލައިން ފަށް ދަމާފައިވާ ދޯންޏެއްކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.
އެ ދޯންޏާ ބެހޭ އެއްވެސް މައުލޫމާތެއް ލިބޭތޯ ބަލައިދިނުމަށް ކޯސްޓުގާނޑުން ވަނީ އެދިފައެވެ. އެ ދޯންޏާ ބެހޭ އެއްވެސް މައުލޫމާތެއް އެނގިލައްވާ ފަރާތެއްވާނަމަ ލަސްނުކުރައްވައި ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަމްބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅުއްވައި އެ މައުލޫމާތު ހިއްސާކުރެއްވުމަށް އެމްއެންޑީއެފް އިން ވަނީ އިލްތިމާސްކޮށްފައެވެ.
ފެކްސް މެދުވެރިކޮށް މައުލޫމާތު ހިއްސާކުރައްވަން ބޭނުންވާ ފަރާތްތަކުން 3391665 ނަމްބަރަށް ފެކްސް ކުރެއްވުމަށް ވެސް އެމްއެންޑީއެފް އިން ވަނީ އެދިފައެވެ.