19 Oct 2014, 21:02
ހުޅުމާލޭ ފްލެޓެއްގައި ދިވެއްސަކު ދަންޖެހިގެން މަރުވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ހުޅުމާލޭ 123 ނަންބަރު ފްލެޓްގައި ދަންޖެހިގެން މަރުވެފައި ވަނީ 23 އަހަރުގެ ފިރިހެނެއް ކަމަށެވެ. އަދި އެމީހާ ދަންޖެހިފައި ހުރިކަން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ، މިރޭ 7:30 ކަންހާއިރު ކަމަށެވެ.
"ފުލުހުންނަށް އެ މައްސަލަ ހުށަހަޅާފައި ވަނީ މިރޭ 7:30 ކަންހާއިރު. ފުލުހުން ވަނީ އެމީހާ ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައި. އަދި ޑޮކްޓަރުން ވަނީ އެމީހާ ހޮސްޕިޓަލަށް ގެނައި އިރު ވެސް މަރުވެފައިވާ ކަން ކަށަވަރުކޮށްދީފައި،" މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި އިސްމާއީލް އާސިފް ނަމަކަށް ކިޔާ އެ ޒުވާނާ ދަން ޖެހިފައި ވަނީ، އޭނާގެ ލޯބިވެރިޔާއާ ދެމެދު ކޮންމެވެސް ކަހަލަ މައްސަލަތަކެއް ހިނގާފައިވާ ދަނޑިވަޅެއްގައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ހުޅުމާލޭގައި މީހަކު ދަންޖެހިގެން އުޅޭ ހާދިސާ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.