19 Oct 2014, 20:45
މާފުށީ ޖަލުން ފިލައިގެން އުޅޭ ނުރައްކާތެރި ދެ ކުށްވެރިން ކަމަށްވާ، ގ. ކޯޒީ އިބްރާޙީމް ޝަހްމު އާދަމް، 23، އާއި ގއ. މާމެންދޫ، ޖަވާހިރުވާދީ ފަރިޔާޝް އަޙްމަދު، 26، މިއަދު ހެނދުނު ކ. ދިއްފުށިން ފުރައިގެން މާލެ އައި ފެރީގައި ތިއްބައި ބަޔަކަށް ފެނިފައިވާ ކަމަށް ރަށުތެރޭގައި ވާހަކަ ދެކެވެމުން ދާކަމަށް އެރަށު ކައުންސިލުން ބުނެފި އެވެ.
ދިއްފުށީ ކައުންސިލްގެ ރައީސް އިބްރާހީމް އާނިސް މިރޭ ސަންއަށް ވިދާޅުވީ، ޖަލުން ފިލައިގެން އުޅޭ ދެމީހުން ދިއްފުށީގައި އުޅެނިކޮށް ރޭގެ ވަގުތެއްގައި އެރަށު ބަޔަކަށް ފެނިފައިވާ ކަމަށް ރަށުތެރޭގައި ވާހަކަ ދެކެވޭ ކަމަށާއި އަދި ހެނދުނު މާލެ އައި ފެރީގައި އެމީހުން ތިއްބާވެސް ބަޔަކަށް ފެނިފައިވާ ކަމަށް ރަށުތެރޭގައި ވާހަކަ ދެކެވޭ ކަމަށެވެ.
"އަޅުގަނޑަށް ޔަގީނެއް ނޫން އެމީހުން ފެނުނުކަން. އެކަމަކު ރަށުތެރޭގައި އެބަ ކިޔާ އެމީހުން މިރަށުން ރޭގެ ވަގުތެއްގައި ބަޔަކަށް ފެނުނު ކަމަށް. އަދި މިއަދު ހެނދުނު 7:00ގައި މާލެއަށް ފުރި ފެރީގައި އެމީހުން ތިއްބާވެސް ބަޔަކަށް ފެނުނު ކަމަށް،" އާނިސް ވިދާޅުވި އެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ޖަލުން ފިލައިގެން އުޅޭ ދެ ކުށްވެރީން ހޯދުމުގެ މަސައްކަތް ފުލުހުން ކުރިއަށް ގެންދާ ކަމަށެވެ.
"ފުލުހުން މިހާރުވެސް ދަނީ، ފިލައިގެން އެ ދެ ކުށްވެރީން ހޯދާން މާލެއާއި މާލެއާ ކައިރި ރަށްރަށުގެ ތަންތަން ބަލަމުން. އަދި އެމީހުންނާ ބެހޭ އިތުރު މައުލޫމާތެއް ނެތް،" މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ފުލުހުން މިއަދު ވަނީ، ޖަލުން ފިލައިގެން އުޅޭ ދެ ކުށްވެރީންނާ މެދު އާންމު ރައްޔިތުން އިތުރަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ.